މުނިފޫހިފިލުވުން

"ސްކައި ފޯސް" ގެ ފަހު ލަވަ "ރަންގް" ރިލީސްކޮށްފި

ނިމްރަތް ކައުރް އަދި އަކްޝޭ ކުމާރު މިއަހަރު ބޮޑު ސްކްރީނުގައި އެކުގައި ފެންނާނީ ކުރިއަށް އޮތް އެކްޝަން ފިލްމު "ސްކައި ފޯސް" އިންނެވެ. މި ފިލްމު މިމަހު 24 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، ފިލްމުގެ އެންމެ ފަހުގެ ލަވަ ކަމަށްވާ "ރަންގް" މިހާރު ވަނީ ނެރެފައެވެ.

އަކްޝޭ އަދި ނިމްރަތް ވަނީ "ރަންގް" ލަވައަށް ފޯރިގަދަކަމާއި ޖާޒުބިއްޔަތުކަން ގެނެސްދީފައެވެ. މި ލަވައިގައި ހިމެނޭ ގަދަފަދަ ބީޓްތަކާއި ފުރިހަމަ ކޮރިއޯގްރަފީއާއެކު، މި ދެ ތަރީން ވަނީ އެމީހުންގެ ހުނަރުވެރިކަން ފުރިހަމައަށް ދައްކުވައިދީފައެވެ.

މި ދެ ތަރިންގެ އިތުރުން، މި ފޯރިގަދަ ލަވައިގައި ސާރާ އަލީ ޚާން އަދި އަލަށް ފިލްމީ ދުނިޔެއަށް ނުކުންނަ ވީރު ޕަހާރިޔާވެސް ފެނިގެންދެއެވެ. އަކްޝޭ އަދި ނިމްރަތްގެ ކެމިސްޓްރީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާއިރު، ސާރާ އަދި ވީރުގެ “ކެރަސްމެޓިކް”ސްކްރީން ޕްރެޒެންސުން ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.

އަކްޝޭ އަދި ނިމްރަތް މީގެ ކުރިން އެއްފަހަރު ވަނީ 2016 ވަނަ އަހަރު ނެރުނު "އެއަރލިފްޓް" ފިލްމުގައި ރޮމޭންޓިކް ޖޯޑެއްގެ ގޮތުގައި ފެނިފައެވެ.

މީގެ ކުރިން، "ސްކައި ފޯސް" ފިލްމުގެ ފަރާތުން ވަނީ ފިލްމުގެ ގްރިޕިން ޓްރެއިލަރާއި، "މާއީ" އަދި "ކިޔާ މޭރީ ޔާދް އާތީ ހޭ" މި ދެ ލަވަ ނެރެފައެވެ.

ތަނީޝްކް ބަގްޗީ އުފައްދާފައިވާ "ރަންގް" ލަވަ ކިޔާފައިވަނީ ސަތިންދަރ ސަރތާޖް އަދި ޒަހްރާ އެސް ޚާނާ އެވެ. މި ލަވައިގެ ލިރިކްސް ލިޔެފައިވަނީ ޝްލޯކް ލާލްއެވެ.