ސައިފް އަލީ ޚާން އަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއަށް 5 ދުވަހުގެ ބަންދު މުއްދަތު ކޯޓުން ޖަހައިދީފިއެވެ.
ތާނޭއިން ހައްޔަރުކުރި، މުހައްމަދު ޝަރީފުލް އިސްލާމް ޝެހްޒާދު، އަކީ ބަންގަލޭޝް މީހެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާގެ ރަސްމީ ގައުމު އެނގޭނެ ލިޔުމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.
ޝެހްޒާދުގެ ވަކީލު، ސަންދީޕް ޝެކާނޭ ކޯޓުގައި ބުނީ ތުހުމަތުކުރެވޭ މީހާއަކީ ބަންގްލަދޭޝް މީހެއް ކަމަށް ބުނާ ބުނުމަކީ ހެއްކެއް ނެތި، ހަމަ އެކަނި ބުނެލާ ބުނުމެއް ކަމަށާއި، އޭނާ މުމްބާއީއަށް އައިތާ ހަ މަސް ވެއްޖެ ކަމަށް ބުނާ ބުނުމަކީވެސް ހަގީގަތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އޭނާ ބުނެފައިވަނީ ޝެހްޒާދު މުމްބާއީގައި އޭނާގެ އާއިލާއާއެކު އުޅޭތާ ހަތް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ރަނގަޅަށް ތަހުގީގު ނުކޮށް ކޮށްފައިވާ ތުހުމަތުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
ތުހުމަތުކުރެވޭ މީހާގެ ވަކީލު ބުނެފައިވަނީ ސައިފް އެއްވެސް އިރެއްގައި އެއްވެސް މީހަކާމެދު އެއްވެސް ބަޔާނެއް ދީފައިނުވާ ކަމަށާއި، ނުވަތަ އެއްވެސް މީހަކާމެދު ޝަކުވާއެއް ކޮށްފައިނުވާ ކަމަށެވެ. އެފަދަ ކަމަކުން ބަންގްލަދޭޝްއިން ނުވަތަ އެހެން އެއްވެސް ގައުމަކުން އޭނާއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަކަށް ނުބެލެވޭ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ސައިފް އާ ގުޅުންހުރި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ޝެކާނޭ ބުނެފައިވަނީ މައްސަލައިގެ އަމާޒު ބަދަލުވެފައި ވަނީ ތުހުމަތުކުރެވޭ މީހާގެ ގައުމިއްޔަތުގެ ސަބަބުން ކަމަށެވެ. އޭނާއަކީ ހަގީގަތުގައި ވެސް ބަންގްލަދޭޝްގެ މީހެއް ނަމަވެސް، އޭނާ ވަނީ ދިގު މުއްދަތެއް ވަންދެން އޭނާގެ އާއިލާއާއެކު އިންޑިއާގައި ދިރިއުޅެމުން އައިސްފައި ކަމަށެވެ.
ތުހުމަތު ކުރެވޭ މީހާގެ އަނެއް ވަކީލު، ދިނޭޝް ޕްރަޖާޕަތީ ބުނެފައިވަނީ ފުލުހުން ބަންދުގައި ބެހެއްޓުމަށް އެދިފައިވީ ނަމަވެސް، އެކަމަށް އެކަށީގެންވާ ހެއްކެއް، ނުވަތަ ރަނގަޅު ސަބަބެއްވެސް ފުލުހުންނަށް ހުށަހެޅިފައި ނެތް ކަމަށެވެ.
ދިފާއުން ވަކާލާތުކޮށްފައިވަނީ ތުހުމަތުކުރެވޭ މީހާ، ޝެހްޒާދުގެ އަތުން އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.
ސައިފަށް ދިން ހަމަލާއަށްފަހު ދެ އޮޕަރޭޝަން ކުރުމަށްފަހު މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.