ރައްޔިތުންގެ މަޖިލިސް

19 ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރައްވައިފި

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރައްވައިފިއެވެ.

މަޖިލިސް ކުރާ ގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މެމްބަރުންނަށް ހުވައިލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ.

އެ ރަސްމިއްޔާތުގައި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ފިޔަވައި ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގަތެވެ. އުމްރާއެއް ފުރިހަމަކުރަމުންދާތީ ބައިވެރިވެވަޑައިނުގެންނެވޭނެކަން މަޖިލީހުގެ އިދާރާއަށް ރިޒާ ވަނީ އަންގަވާފައެވެ.

އެ ރަސްމިއްޔާތަށް ފަހު ދެން އޮންނާނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސެއް ހޮވުމެވެ. މިރޭ 10:30 ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.