ޓެކްނޮލޮޖީ

އެޕަލްގެ 15 އަށްވުރެ ގިނަ އުފެއްދުން މި އަހަރު ނެރެނީ

2024 އަކީ އެޕަލްއަށް ވަރަށް މުހިންމު އަހަރެކެވެ. އެއީ ކުންފުނިން ގިނަ އަދަދެއްގެ އުފެއްދުންތަކެއް ތައާރަފުކުރި އަހަރަކަށްވާތީއެވެ. މީގެ ތެރޭގައި އައިޕެޑް ސިލްސިލާ އަލުން ފަރުމާކުރުމާއި، އާ މެކްތައް ތައާރަފުކުރުމާއި، އައިފޯން 16 ސިލްސިލާ ނެރުން ހިމެނެއެވެ.

ފަހުގެ ރިޕޯޓުތަކަށް ބަލާއިރު، އެޕަލް އިން އަންނަނީ މިއަހަރުވެސް ގިނަ އުފެއްދުންތަކެއް ނެރެން ތައްޔާރުވަމުންނެވެ. އޭގެ ތެރެއިން ބައެއް ޕްރޮޑަކްޓްސް ތަކަކީ:

އައިޕެޑްގެ 11ވަނަ ޖެނެރޭޝަން:

މިދިޔަ އަހަރު އައިޕެޑް ސިލްސިލާ އަލުން ފަރުމާކުރުމަށްފަހު، އެޕަލްއިން މިއަހަރު އައިޕެޑް 11 (2024 ގައި ނުނެރުނު ހަމައެކަނި މޮޑެލް) ނެރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގައި އެޕަލްގެ އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ހިމެނޭނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

އައިޕެޑް އެއާ އެމް4:

މިހާރު އައިޕެޑް އެއަރ ވިއްކަނީ އެމް2 ޗިޕްސެޓާ އެކުގައެވެ. ރިޕޯޓުތަކުގައިވާ ގޮތުން، އެމް3 ޖީލު މުޅިން ދޫކޮށްލައި، މި އަހަރުގެ ފަހުކޮޅު އައިޕެޑް އެއަރ އެމް4 އަށް ބަދަލުވެދާނެއެވެ.

އައިފޯން އެސްއީ 4 (ނުވަތަ އައިފޯން 16އީ):

ރިޕޯޓުތަކުގައިވާ ގޮތުން، އެޕަލްއިން އަންނަނީ އަގުހެޔޮ އައިފޯން އެސްއީ 4 މި އަހަރުގެ މާޗު ނުވަތަ އޭޕްރިލް މަހު ނެރެން ވިސްނަމުންނެވެ.

މެކްބުކް އެއަރ އެމް4:

އެޕަލްއިން މިދިޔަ އަހަރު މެކްބުކް ޕްރޯ އެމް4 ޗިޕަށް އަޕްގްރޭޑްކުރިއެވެ. މިހާރު މެކްބުކް އެއާއަށް ވެސް އެންމެ ފަހުގެ ޗިޕްސެޓް ލިބުމުގެ ވަގުތު އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއަރޓެގް 2:

އެޕަލްއިން މިއަހަރު އެއާޓެގްގެ ދެވަނަ ޖީލު ވެސް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެކް ސްޓޫޑިއޯ އެމް4:

މެކް ސްޓޫޑިއޯއަށް އަދި އެމް4 ޗިޕްސެޓް ލިބިފައެއް ނުވެއެވެ. ނަމަވެސް މިއަހަރަކީ އެޕަލްއިން ފަހުން ނެރުނު މެކް ސްޓޫޑިއޯ ސިލްސިލާއަށް އެމް4 ޗިޕްސެޓް ގެނެސްދޭ އަހަރަށް ވެދާނެއެވެ.

އާ ސްމާޓް ޑިސްޕްލޭ:

ރިޕޯޓުތަކުގައިވާ ގޮތުން، އެޕަލްއިން އާ ހޯމް ޑިސްޕްލޭއެއް ވެސް ނެރުމަށް ހަމަޖެހިފައިވެއެވެ. މިއީ ފާރުގައި ހަރުކުރެވޭ ޑިސްޕްލޭއެއް ކަމަށް ވެދާނެއެވެ. މިއީ އެކި ވައްތަރުގެ ޑިވައިސްތައް ކޮންޓްރޯލްކުރުމަށް ބޭނުންކުރެވޭ ހަބެއްގެ ގޮތުގައި މަސައްކަތްކޮށް، އެޕަލް ހޯމްކިޓާ އިންޓަގްރޭޓްވާނެ އެއްޗެކެވެ.

އެޕަލް ވޮޗް އަލްޓްރާ 3:

އެޕަލްއިން މިދިޔައަހަރު އެޕަލް ވޮޗް އަލްޓްރާ 3 ނެރުން ފަސްކޮށް، އޭގެ ބަދަލުގައި އެޕަލް ވޮޗް އަލްޓްރާ 2 ގެ އާ ކަޅު ކުލައިގެ މޮޑެލެއް ނެރުނެވެ. މި އަހަރު ފަހަރެއްގައި އެޕަލް ވޮޗް އަލްޓްރާގެ ދެން އޮތް ޖީލު ނެރެފާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އައިފޯން 17 އަދި އައިފޯން 17 އެއާ

މިއީ އެޕަލްގެ އެންޓްރީ-ލެވެލް އައިފޯން 17 ޑިވައިސްތަކަށް ވެދާނެ ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ. މިންގ-ޗީ ކުއޯ އަދި ޖެފް ޕޫ ފަދަ އެނަލިސްޓުންގެ ރިޕޯޓުތަކުގައިވާ ގޮތުން، މި ޑިވައިސްތަކުގައި އެޕަލް އޭ19 ޗިޕް ހުންނާނެ އެވެ.

އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް

އައިފޯން 17 ޕްރޯ މޮޑެލްތަކަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ވެސް ޓެކްގެ ގިނަ ރިޕޯޓުތައް ބުނެއެވެ. އެޕަލްއިން އެޕަލް އޭ19 ޕްރޯ ޗިޕް ތައާރަފުކޮށް، ފަހަރެއްގައި ރޭމްވެސް އިތުރުކޮށްފާނެ އެވެ.

އެޕަލް ވޮޗް އެސްއީ 3:

އެޕަލްއިން އާ އެޕަލް ވޮޗް އެސްއީ މޮޑެލެއް ނުނެރޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންކަމުން އެޕަލް ވޮޗް އެސްއީ 3 މި އަހަރުގެ ލައިންއަޕްގައި ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އެޕަލް ވޮޗް ފެމިލީގެ އެންޓްރީ-ލެވެލް އޮޕްޝަންގެ ގޮތުގައި މަސައްކަތްކުރާނެ އެއްޗެކެވެ.

އެމް5 ޗިޕް ހިމެނޭ މެކްބުކް ޕްރޯ:

އެޕަލްއިން މެކްބުކް ޕްރޯ އެމް4 އިން އެމް5 ޕްރޮސެސަރަށް އަޕްގްރޭޑްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ. މިއީ މުޅި ލައިންއަޕަށް ބޮޑު ޕާފޯމަންސް ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.

އެޕަލް ވޮޗް ސީރީސް 11:

އެޕަލް ވޮޗް ސީރީސް 11 އަކީ އެޕަލް ވޮޗް ސީރީސް 10 ގެ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ އެއްޗެކެވެ. ގިނަ ރިޕޯޓުތަކުގައިވާ ގޮތުން، އެޕަލްއިން އެޕަލް ވޮޗް ސީރީސް 11 އާއެކު ލޭގެ ޕްރެޝަރު ބެލުމުގެ ފީޗާ ވެސް ހިމަނާނެ އެވެ.

އައިޕެޑް ޕްރޯ އެމް5:

މިހާރުގެ އައިޕެޑް ޕްރޯގައި ހިމެނެނީ އެމް4 ޗިޕްސެޓާއި އޯލެޑް ޑިސްޕްލޭއެކެވެ. މިއީ އައިޕެޑެއްގައި ފުރަތަމަ ފަހަރަށް ބޭނުންކުރެވުނު އޯލެޑް ޑިސްޕްލޭ އެވެ. ދެން އަންނަ ޖީލުގެ އައިޕެޑް ޕްރޯގައި ހުންނާނީ މިހާރުގެ ޑިޒައިން ލޭންގުއޭޖް ދަމަހައްޓާފައި، ނަމަވެސް އެޕަލް އެމް5 ގެ ސިފައިގައި މާ ރަނގަޅު ޗިޕްސެޓެއް ކަމަށް ބެލެވެއެވެ. މިންގް-ޗީ ކުއޯގެ ބަހުން، މި މޮޑެލް މާސް ޕްރޮޑަކްޝަނަށް ވަންނާނީ މިއަހަރުގެ ދެވަނަ ކުއާޓާގައި ކަމަށް ބެލެވެއެވެ.