ގޯލްޑަން ފުޓްސަލް ޗެލެންޖް

ފެލިދޫން ފެށީ ފުލިދޫ ކައިރިން ހަނި މޮޅެއް ހޯދައިގެން

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ވ. އަތޮޅުގެ ފުރަތަމަ މެޗު ފެލިދޫން ކާމިޔާބުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ވ. އަތޮޅުން މިފަހަރު ވާދަކުރަނީ ތިން ޓީމަކުންނެވެ. އެހެންކަމުން އަތޮޅު ފައިނަލް ކުޅޭނީ ތިން ޓީމުގެ މެދުގައި ލީގު ބުރެއް ކުޅެ، ގަދަ ދެޓީމުގެ މެދުގައެވެ.

ފެލިދުއާއި ފުލިދޫގެ އިތުރުން ދެން އެ އަތޮޅުން ވާދަކުރަނީ ކެޔޮދޫއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވ. އަތޮޅުން ފުރަތަމަ ޓީމުތަކުން ވާދަކުރީ 2024 ވަނަ އަހަރު މުބާރާތުގައެވެ. އެއަތޮޅުގައި މިދިޔަ އަހަރު ދެ ޓީމުން ވާދަކުރި ނަމަވެސް، މިފަހަރު ވަނީ އިތުރު ޓީމަކުން ބައިވެރިވެފައެވެ. ކެޔޮދޫގެ އިތުރުން ފެލިދޫ މިދިޔަ އަހަރު ވާދަކުރި އިރު، މިފަހަރު އަލަށް ވާދަކުރަނީ ފުލިދޫއެވެ.

ރޭ ފެލިދޫން ފުލިދޫ ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެލިދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ފައިޒާން ފަޒީނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00
ގްރައުންޑް 1: ބ. އޭދަފުށި - ބ. ތުޅާދޫ

17:00
ގްރައުންޑް 1: ދ. ބަނޑިދޫ - ދ. މާއެނބޫދޫ

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: ހއ. ކެލާ - ހއ. ހޯރަފުށި
ގްރައުންޑް 2: ހއ. ފިއްލަދޫ - ހއ. ބާރަށް

21:00
ގްރައުންޑް 1: ހއ. އުތީމު - ހއ. މުރައިދޫ
ގްރައުންޑް 2: ހއ. އިހަވަންދޫ - ހއ. ދިއްދޫ

22:00
ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު
ގްރައުންޑް 2: ހދ. ފިނޭ - ހދ. މަކުނުދޫ

23:00
ގްރައުންޑް 1: ހދ. ނައިވާދޫ - ހދ. ނެއްލައިދޫ
ގްރައުންޑް 2: ހދ. ނޮޅިވަރަން ހދ. ކުމުންދޫ