ބޮލީވުޑްގެ މަޝްހޫރު ތަރީން ކަމަށްވާ ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރުގެ މުމްބާއީގައި ހުންނަ ގެއަށް ވަދެ، ވައްކަން ކުރަން މަސައްކަތްކުރި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތަކެއް ހާމަވެއްޖެއެވެ.
އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ އެ ދެމަފީރިންގެ ދަރިފުޅު ޖެހްގެ ކޮޓަރީގައެވެ. ގޭގައި މަސައްކަތްކުރާ 56 އަހަރުގެ ނަރުހެއް ކަމަށްވާ އެލިޔާމާ ފިލިޕް، ބާންދްރާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ވައްކަން ކުރަން އުޅުނު މީހާ ގެއަށް ވަދެފައިވަނީ ބާރުގެ ބޭނުން ކޮށްގެން ކަމަށެވެ. އެ މީހާ އެއް ކްރޯޑު ރުޕީސް ހޯދުމަށް ޑިމާންޑްކޮށް، އެއަށްފަހު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރޭގައި އޭނާއަށާއި ސައިފަށް ހަމަލާދިނީ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ގާތްގަނޑަކަށް މެންދަމު 2 ޖެހިއިރު އާއިލާއާއި މުވައްޒަފުން ނިދާފައި ތިބި ވަގުތެއްގައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އެލިޔާމާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ގެއަށް ވަދެފައިވަނީ 40 އަހަރާގާތްކުރާ، ހިކި އަދި ކަޅު މީހެކެވެ. އޭނާ ޖެހް ނިދާފައި އޮތް ކޮޓަރިއަށް ވަދެފައިވަނީ ދިގު ދަނޑިއަކާއި ތޫނު އެއްޗެއް ހިފައިގެންނެވެ. އެއް ކްރޯޑު ރުޕީސް ހޯދުމަށް ކުރި ޑިމާންޑަށް ނަރުސް އިންކާރުކުރުމާ ގުޅިގެން، އޭނާ ނަރުހަށް ހަމަލާދީ، އަތާއި އަތުގެ ކުޑަހުޅަށް އަނިޔާކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެލިޔާމާގެ ހަޅޭކުގެ ސަބަބުން ގޭގައި މަސައްކަތްކުރާ ނެނީއެއް ކަމަށްވާ ޖުނޫއަށް ހޭލެވި، އެލާމަށް ފިތިއެވެ. ސައިފް އާއި ކަރީނާ އެ ކޮޓަރިޔަށް ދިޔައީ އެލާމްގެ އަޑަށެވެ.
އާއިލާ ސަލާމަތް ކުރުމަށް ޓަކައި، ގެއަށް ވަދެފައިވާ މީހާއާ ކުރިމަތިލުމުގެ ތެރޭގައި އެމީހާ ވަނީ ސައިފަށް އަނިޔާކޮށް ހަމަލާދީފައެވެ. ހަމަ އެހެންމެ، ގޭގައި މަސައްކަތްކުރާ އެހެން މުވައްޒަފެއް ކަމަށްވާ ގީތާއަށްވެސް އާއިލާ ސަލާމަތްކުރަން މަސައްކަތްކުރުމުގެ ތެރޭގައި އަނިޔާ ލިބުނުކަން މިހާރު ވަނީ ހާމަވެފައެވެ. އިތުރު މުވައްޒަފުން އައުމުގެ ކުރިން ހަމަލާދިން މީހާ އެތަނުން ފިލައިގެން ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖޮއިންޓް ކޮމިޝަނަރު ސަތްޔާ ނާރާޔަން ޗައުދަރީ މީޑިއާއަށް ދިން އިންޓަވިއުގައި، އެއް ކްރޯޑު ރުޕީސް ހޯދުމަށް މަސައްކަތްކުރި ކަމަށް ބުނާ ވާހަކައަށް ޖަވާބު ދީފައެއް ނުވެއެވެ. އޭނާ ބުނަނީ މިއީ ހަމައެކަނި ވައްކަމުގެ މައްސަލައެއް ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރާ ޓީމުގައި ހިމެނޭ މުމްބާއީ ފުލުހުންގެ ޒޯން 9 ގެ ޑީސީޕީ ދިކްޝިތް ގެދަމް ބުނެފައިވަނީ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެކަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތް ގެއަށް ވަދެފައިވަނީ ފަޔާ އެސްކޭޕް ބޭނުންކޮށްގެން ކަމަށްވެސް އޭނާ ބުނެފައިވެއެވެ. މިހާތަނަށް ތަހުގީގުން ދައްކާގޮތުގައި މިއީ ވައްކަން ކުރަން އުޅުނު މައްސަލައެކެވެ. ޑީސީޕީ އިތުރަށް ބުނީ ތުހުމަތުކުރެވޭ ފަރާތް ވީހާވެސް އަވަހަކަށް ހައްޔަރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ ފަރާތް ހައްޔަރުކުރެވުމުން އިތުރު ތަފްސީލުތައް ހާމަކުރެވޭނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ސައިފް ލީލަވަތީ ހޮސްޕިޓަލަށް ގެންދެވުނީ އޮޓޯ ރިކްޝާއެއްގައެވެ. ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިން އޮފިސަރ ޑރ. ނިރާޖް އުއްތަމާނީ މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ އެކްޓަރުގެ ހަށިގަނޑުގެ ހަ ތަނެއްގައި ޒަހަމްތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި ފުން ދެ ޒަހަމް ހިމެނެއެވެ. މައިބަދަ ކައިރިއަށް ހަރާފައިވާ ވަޅި ނެގުމަށް އޮޕަރޭޝަނެއް ކުރެވުނު ކަމަށްވެސް ޑޮކްޓަރު ބުންޏެވެ.
މީގެ އިތުރުން، ސައިފްގެ ވާތްފަރާތު އަތާއި ކަރުގެ ކަނާތްފަރާތުގައި ފުން ޒަހަމް ހުރިކަމަށްވެސް ބުނެފައިވެއެވެ. މި އަނިޔާތަކަށް ފަރުވާ ދިނީ ޕްލާސްޓިކް ސަރޖަރީ ޓީމުންނެވެ. ސައިފްގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނައިރު، އިތުރަށް މޮނިޓަރ ކުރުމަށްޓަކައި ސައިފް އަދިވެސް ބާއްވާފައިއޮތީ އައިސީޔޫގައެވެ.