މުނިފޫހިފިލުވުން

"ގޭމް ޗޭންޖާ" ރިލީޒްކުރިތާ 5 ދުވަސް ފަހުން ލޯކަލް ޗެނަލެއްގައި ގަވައިދާ ހިލާފަށް ދައްކައިފި

ރާމް ޗަރަން އަދި ކިއާރާ އަދްވާނީ ލީޑް ރޯލުން ފެނިގެންދާ 'ގޭމް ޗޭންޖަރ' ސިނަމާތަކުގައި ދައްކަން ފެށިތާ ހަފުތާއެއް ވެސް ނުވަނީސް، ފިލްމު މިވަނީ ޕައިރެސީގެ ޝިކާރައަކަށް ވެފައެވެ.

ބޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުގައި މި ސިޔާސީ ތްރިލާގެ ޕައިރޭޓެޑް ވާޝަނެއް ލޯކަލް ޗެނަލެއްގައި ވަނީ ދައްކައިފައެވެ. އަދި މީގެ ސްކްރީންޝޮޓްތައް އޮންލައިންގައި ދައުރުވާންވެސް ފަށައިފިއެވެ. މި ލީކާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު ސްރީނިވާސް ކުމާރު (އެސްކޭއެން)، ވަރަށް ހަރުކަށި ރައްދެއް ދީފައިވެއެވެ. އަދި މިކަން ހުއްޓުވުމަށް 'ހަރުކަށި ފިޔަވަޅުތަކެއް' އެޅުމަށް ވެސް އެދިފައިވެއެވެ.

އިއްޔެ އެސްކޭއެން އޭނާގެ އެކްސް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. ރިލީޒްކުރިތާ އެންމެ 4-5 ދުވަސް ވެފައިވާ ފިލްމެއް ލޯކަލް ކޭބަލް ޗެނަލްތަކާއި ބަސްތަކުގައި ދެއްކުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއްކަމަށެވެ. ސިނަމާއަކީ ހަމައެކަނި ހީރޯ، ޑިރެކްޓަރު ނުވަތަ ޕްރޮޑިއުސަރުންނާ ގުޅުން ހުރި އެއްޗެއް ނޫން ކަމަށާއި އެއީ 3-4 އަހަރުގެ ބުރަ މަސައްކަތާއި، ވަފާތެރިކަމާއި، އަދި އެތައްހާސް ބައެއްގެ ހުވަފެންތަކުގެ ނަތީޖާއެއްކަމަށް ބުނެފައިވެއެވެ.

އޭނާ އިތުރަށް ލިޔެފައިވާ ގޮތުގައި ފިލްމުތަކުގެ ކާމިޔާބީގެ މައްޗަށް އެމީހުންގެ ދިރިއުޅުން ބިނާވެފައިވާ ޑިސްޓްރިބިއުޓަރުންނާއި އެގްޒިބިޓަރުންނަށް މިކަމުގެ ސަބަބުން ކުރާނެ އަސަރާ މެދު ވިސްނައިލުން މުހިންމެވެ. މިފަދަ އަމަލުތަކުން އެމީހުންގެ މަސައްކަތް ބޭކާރު ވެ، ފިލްމު އިންޑަސްޓްރީގެ މުސްތަގުބަލަށް ނުރައްކާވާނެ ކަމަށެވެ. އަދި ސަރުކާރުތަކުން ކުރިއަށް ނުކުމެ، މިކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށްވެސް އޭނާ ލިޔެފައިވެއެވެ.

'ގޭމް ޗޭންޖަރ' ސިނަމާތަކުގައި ދައްކަން ފެށީ މިމަހު 10 ވަނަ ދުވަހުއެވެ. މި ސިޔާސީ ތްރިލާއަށް ލިބިފައިވަނީ މެދުމިނުގެ ރަނގަޅު ރިވިއުތަކެކެވެ. އަދި ބޮކްސް އޮފީހުގައި ވަރަށް ވަރުގަދަ ފެށުމެއް ލިބުނު ނަމަވެސް، ފަހުން މަޑުމަޑުން ދަށަށް ގޮސްފައިވެއެވެ. މިހާތަނަށް އިންޑިއާގައި 100 ކްރޯޑު ރުޕީސް ހޯދާފައިވެއެވެ. ފިލްމުގެ އެޗްޑީ ޕްރިންޓެއް އޮންލައިންގައި ލީކުވެފައިވާއިރު، ފިލްމު ރިލީޒްވުމުގެ ކުރިންވެސް މުހިންމު ޕްލޮޓް ޕޮއިންޓްތައް ލީކުވެފައިވެއެވެ.