ބޮލީވުޑް

ބިގް ބޮސް 13 ސެޕްޓަމްބަރުގައި

މަގްބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް" މިއަހަރު ފަށާ ތާރީހު ހާމަކޮށްފިއެވެ.

ބިގް ބޮސް ފަށައިގެން އުޅޭތާ މިއީ 13 ވަނަ އަހަރެވެ. މި ޝޯގެ ހޯސްޓެއްގެ ގޮތުގައި ފާއިތުވި 10 އަހަރުވެސް އަދި މިއަހަރުވެސް ފެނިގެންދާނީ ސުޕަސްޓާ ސަލްމާން ޚާންއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝޯގެ ބައިވެރިން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިފަަހަރުގެ ޝޯގައި ބައިވެރިންގެ ގޮތުގައި ހިމެނޭނީ ހަމައެކަނި ސެލެބްރިޓީސް ކަމުގައި ވެއެވެ. ޝޯގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ފާއިތުވި ތިން އަހަރުވެސް ތަރިން ނޫން މީހުން ޝޯއިން ފެނުމުން އޭގެ މަގުބޫލުކަން ވަނީ ދަށްވެފައެވެ.

ބިގް ބޮސް އާންމުކޮށް ފަށަނީ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހުގައެވެ. އެގޮތުން މިއަހަރު ޝޯ ފަށަން ހަމަޖެހިފައިވާ ތާރީހަކީ ސެޕްޓެމްބަރު 29އެވެ. 15 ހަފްތާއަށް ދެމިގެންދާ މި ޝޯގެ ފައިނަލް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 12 ގައެވެ.

ކަލާސް ޗެނަލް އިން ގެނެސްދޭ މި ޝޯގެ ސެޓް ހެދުމުގެ މަސައްކަތްވެސް ފިލްމު ސިޓީގައި މިހާރުވަނީ ފަށައިފައެވެ.

އެ ޗެނަލުން މިއަަހަރު ކުރިއަށް ގެންދާ އަނެއް ރިއަލިޓީ ޝޯއަކީ މަދޫރީ ޑިކްސިޓް ޖަޖެއްގެ ގޮތުގައި ފެނިގެންދާ ޝޯ "ޑާންސް ދީވާނޭ 2" އެވެ. މި ޝޯ ފަށަން ހަމަޖެހިފައިވަނީ ޖޫން 15 ގައެވެ. 31 އެޕިސޯޑުގެ މި ޝޯ ނިމޭ ތާރީހަކީ ސެޕްޓެމްބަރު 28 ގައެވެ.