ގޯލްޑަން ފުޓްސަލް ޗެލެންޖް

އަލިފުއްޓާއި އިނގުރައިދޫ އަދި ދަނގެތިވެސް އަތޮޅު ސެމީ ޔަގީންކޮށްފި

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ރ. އަތޮޅު ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް އިނގުރައިދުއާއި އަލިފުށިން ޔަގީންކުރި އިރު، އދ. އަތޮޅުން ދަނގެތިވެސް ސެމީ ޔަގީންކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، އިއްޔެ ހަވީރު ވަނީ ރ. އަތޮޅާއި އދ. އަތޮޅުގެ މެޗުތައް ކުޅެފައެވެ. ޖުމުލަ ހަތަރު މެޗު އިއްޔެ ކުޅުނު އިރު، ރ. އަތޮޅުގެ ގްރޫޕް އޭއިން އަލިފުށި ސެމީ ޔަގީންކުރީ 6-0 އިން ރަސްގަތީމު ބަލިކޮށްގެންނެވެ.

އެމެޗުގައި އަލިފުށީގެ ހަ ގޯލުވެސް ޖެހީ އަހުމަދު ހުޝާމް (ހުޝާންޓެ) އެވެ. އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައިވެސް މޮޅަށް ކުޅެފައިވާ އިރު، އެ މެޗުވީ އެއްވަރެވެ. ޖުމުލަ ހަތަރު ޕޮއިންޓާއެކު އަލިފުށިން ސެމީ ޔަގީންކުރި އިރު، އެ ގްރޫޕުން ދެން ސެމީއަށް ދާ ޓީމު އެނގޭނީ މަޑުއްވަރިއާއި ރަސްގެތީމު ވާދަކުރާ މެޗަށްފަހުއެވެ.

ރ. އަތޮޅުން ހަ ޓީމު ވާދަކުރަމުން އަންނައިރު، ދެ ގްރޫޕްގައިވެސް ހިމެނެނީ ތިން ޓީމެވެ. ގްރޫޕް ބީގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ، އިނގުރައިދޫން އެއްވަނަ ޔަގީންކުރި އިރު، އިއްޔެ ދުވާފަރު ކައިރިން އެޓީމު މޮޅުވީ 2-1 އިންނެވެ.

ފޯރިގަދަ މެޗުގައި އިނގުރައިދޫގެ ގޯލުތައް ޖެހީ އަހުމަދު އައިހަމާއި މުހައްމަދު މަމްދޫހެވެ. ދުވާފަރުން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ މުހައްމަދު އިސާމް (ޝަންޓޭ) އެވެ.

އެ ގްރޫޕުން ދެން ސެމީއަށް ދާ ޓީމު ޔަގީންވާނީ ދުވާފަރާއި މީދޫ ވާދަކުރާ މެޗުންނެވެ.

އދ. އަތޮޅުންވެސް ހަ ޓީމު ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ އަތޮޅު ބުރު ކުޅެމުން ދަނީވެސް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕެއްގައި ތިން ޓީމު ހިމެނޭ އިރު، ދަނގެތިން ދެމެޗުން ދެ މޮޅާއެކު ގްރޫޕް އޭގެ އެއްވަނަ ޔަގީންކުރީ އިއްޔެ، ހަންޏާމީދޫ ކައިރިން 3-2 އިން މޮޅުވެގެންނެވެ.

މެޗުގައި ހަންޏާމީދޫގެ ދެ ގޯލުވެސް އަލީ އަހްލަމް ޖެހި އިރު، ދަނގެތީގެ ގޯލުތައް ޖެހީ މުހައްމަދު ނާއިމާއި އިބްރާހީމް ރިލްވާން ރާޝިދެވެ. ނާއިމް މެޗުގައި ދެ ގޯލު ޖެހިއެވެ.

އެ ގްރޫޕުން ދެން ސެމީއަށް ދާ ޓީމު އެނގޭނީ ހަންޏާމީދޫއާއި ކުނބުރުދޫ ވާދަކުރާ މެޗުންނެވެ.

އެ އަތޮޅު ގްރޫޕް ބީގައި މަހިބަދޫއާއި މަންދޫ އަދި އޮމަދޫ ހިމެނޭ އިރު، އިއްޔެ މަންދޫ ކައިރިން މަހިބަދޫ މޮޅުވީ 3-0 އިންނެވެ. މަންދޫން ފުރަތަމަ ކުޅުނު މެޗުގައި އޮމަދޫ ބަލިކޮށްފައި އޮތް އިރު، އިއްޔެ މެޗުން ބަލިވެ، އެޓީމަށް ސެމީ ޔަގީން ނުކުރެވުނެވެ.

މަހިބަދޫގެ ގޯލުތައް މަންދޫ ކޮޅަށް ޖެހި އާދަމް ފަހުމާނާއި އިބްރާހީމް އުސާމާ ހަސަން މަޖީދު އަދި ޝުއައިދު ސައީދެވެ. އެ ގްރޫޕުން ސެމީ ޖާގަތައް ޔަގީންވާނީ މަހިބަދޫއާއި އޮމަދޫ ކުޅޭ ކުޅޭ މެޗަށްފަހުއެވެ. މަންދޫގެ އަމިއްލަ ބާރު ނެތް ނަމަވެސް، އެޓީމަށްވެސް އަދި ސެމީގެ ފުރުސަތު އެބައޮތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: ށ. ކަނޑިތީމު - ށ. މިލަންދޫ
ގްރައުންޑް 2: ށ. މަރޮށި - ށ. ފޭދޫ

21:00
ގްރައުންޑް 1: ށ. ނަރުދޫ - ށ. ގޮއިދޫ
ގްރައުންޑް 2: ށ. ބިލެއްފަހި - ށ. ޅައިމަގު

22:00
ގްރައުންޑް 1: އއ. ތޮއްޑޫ - އއ. އުކުޅަސް
ގްރައުންޑް 2: އއ. މަތިވެރި - އއ. ހިމަންދޫ

23:00
ގްރައުންޑް 1: އއ. ރަސްދޫ - އއ. ބޮޑުފޮޅުދޫ
ގްރައުންޑް 2: އއ. ފެރިދޫ - އއ. މާޅޮސް