ސިފަ ބަދަލުކުރާ "ނާގިން" އެއްގެ ގޮތުގައި ޝްރައްދާ ކަޕޫރު 'ނާގިން' ފިލްމުގެ ލީޑު ރޯލު އަދާކުރަން ހަމަޖެހިފައިވާކަން ވަނީ މީގެ ކުރިން އިއުލާނުކޮށްފައެވެ.
ފިލްމުގެ ޕްރޮޑިއުސަރު ނިކިލް ދްވިވެދީ ވަނީ ފިލްމާ ބެހޭ މުހިންމު އަޕްޑޭޓެއް ހިއްސާކޮށްފައެވެ.
އެގޮތުން ނިކިލް އިއްޔެ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ސްކްރިޕްޓެއްގެ ފޮޓޯއެއް ހިއްސާކުރިއެވެ.
"ނާގިން އަކީ ލޯބީގެ އަދި ގުރުބާންވުމުގެ އެޕިކް ވާހަކައެއް" އެ ޕޯސްޓުގައި ލިޔެފައިވެއެވެ.
2020 ވަނަ އަހަރު، ޝްރައްދާ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ނާގިންގެ ދައުރު އަދާކުރުމާ މެދު އޭނާގެ އިހުސާސްތައް ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ބޮޑުވެފައިވަނީ ޝްރީދޭވީ 'ނާގިނާ' އަދި 'ނިގާހޭން' ބަލަމުންކަމަށާއި، އަދި އެ ދެ ފިލްމު އައިޑަލްކުރަމުން ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އަބަދުވެސް ބޭނުންވެފައިވަނީ އިންޑިއާގެ އާންމު ވާހަކަތަކުގައި އަސްލު އޮންނަ މިފަދަ ދައުރެއް އަދާކުރަން ކަމަށްވެސް އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ކުރީގެ އިންޓަވިއުއެއްގައި ޕިންކްވިލާއަށް ނިކިލް ހާމަކުރި ގޮތުގައި މި ރޯލަށް އޭނާ އަބަދުވެސް އިހުތިޔާރުކުރީ ޝްރައްދާ އެވެ. އެއީ ބޮލީވުޑްގައި ތިބި އަންހެނުން ތަރީންގެ ތެރެއިން އަވައްޓެރި އަންހެން ކުއްޖެއްގެ ސިފަ އޭނާގެ ކިބައިގައި ހުރުމާއެކު، އޭނާ ބޭނުންވެއްޖެނަމަ ‘ސެންޝުއަލް’ އަންހެނަކަށް ބަދަލުވެވޭ ހާއްސަ ސިފައެއް ލިބިފައިވާތީކަމަށެވެ.
ޝްރައްދާ އެންމެ ފަހުން ފެނިގެން ދިޔައީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ބިރުވެރި ކޮމެޑީ ފިލްމެއް ކަމަށްވާ 'ސްޓްރީ 2' ގައެވެ.