ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް މަރުގެ އިންޒާރު ދިން މީހާ އެނގޭ ކަމަށާއި އިންޒާރު ދިން ފޯނު ކޯލުތަކުގެ ރެކޯޑިން ހިއްސާކުރުމަށް، ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ އެކޮމިޝަނުން އެދިއްޖެއެވެ.
މަރުތައް ތަހުގީގުކުރާ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ 2014 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް މަރުގެ އިންޒާރުދިން މީހާ އެކޮމިޝަނަށް އެނގިފައިވާ ކަމަށެވެ. އެހެންކަމުން އިންޒާރު ލިބިފައިވާ ފަރާތްތަކުގެ ފޯނުގައިވާ ރެކޯޑިންތައް އެ ކޮމިޝަނާ ހިއްސާކޮށްދިނުމަކީ އެކޮމިޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލިސް މެންބަރުންތަކަކަށް މަރުގެ އިންޒާރު ދިން މީހާ އެނގޭ ކަމަށް ކޮމިޝަނުން ބުނިނަމަވެސް އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ.