މި އަހަރުގެ ގްރެމީ އެވޯޑް ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ރެކޯޑިން އެކެޑަމީން މިކަމާ ގުޅިގެން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ލޮސް އެންޖެލެސްގައި ހިނގަމުންދާ ނުރައްކާތެރި އަލިފާނުގެ ހާދިސާއިން އަސަރުކުރި އެންމެހާ ފަރާތްތަކަށް ހަމްދަރުދީ ފާޅުކޮށް، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައި، އެ ހިތާމައިގައި ބައިވެރިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް، އެވޯޑު ހަފުލާ ފަސްކުރަން ނިންމާފައިވާ ނުވާކަމަށެވެ.
ރެކޯޑިން އެކެޑަމީ، މިޔުޒިކްކެއަޒްގެ ސީއީއޯ ހާވީ މޭސަން ޖޫނިއަރ، އަދި ބޯޑު އޮފް ޓްރަސްޓީސްގެ ޗެއަރ ޓެމީ ހަރޓް ވަނީ އެމީހުން ފަހުން ފެށި އެހީވުމުގެ މަސައްކަތް، މިޔުޒިކް ދާއިރާގެ ފަންނާނުންނާއި ޕްރޮފެޝަނަލުންގެ އެހީތެރިކަމާއެކު، ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުގެ ހަދިޔާ ލިބިފައިވާކަން ހާމަކޮށްފައެވެ.
އެމީހުން ބޭނުންވަނީ މި ފައިސާ ބޭނުންކޮށްގެން އެންމެ ބޮޑަށް އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މި ހިތާމަވެރި ހާދިސާގެ ތެރޭގައިވެސް، ފަންނާނުން ބޭނުންވަނީ މިއަހަރުގެ ގްރެމީ އެވޯޑް ރަސްމިއްޔާތުގެ އަމާޒު ބަދަލުކޮށް އުންމީދާއި "އާ މަގުސަދެއް" ގެނެސްދިނުމަށެވެ.
2025 ވަނަ އަހަރުގެ ގްރެމީ އެވޯޑް ދެއްކުން އޮންނާނީ ފެބުރުއަރީ 2 ވާ އާދީއްތަ ދުވަހު، ލޮސް އެންޖެލެސްގެ ކްރިޕްޓޯ.ކޮމް އެރީނާގައެވެ.