މުނިފޫހިފިލުވުން

ރަންބީރު "ދޫމް 4" އަށް ތަފާތު ސިފަޔަކަށް ބަދަލުވަނީ

ރަންބީރު ކަޕޫރުގެ 'ދޫމް' ފްރެންޗައިޒްގެ އޭނާގެ ފުރަތަމަ ފިލްމު 'ދޫމް 4' ގެ ލީޑުރޯލު އަދާކުރުމަށްޓަކައި ފާހަގަކޮށްލެވޭ ބަދަލަކަށް ތައްޔާރުވާން ފަށައިފިއެވެ.

މިވަގުތު ރަންބީރު ގެންދަނީ މުމްބާއީގައި ސަންޖޭ ލީލާ ބަންސާލީގެ ޑައިރެކްޝަންގެ ދަށުން 'ލަވް އެންޑް ވޯރ' ގެ ޝޫޓިންތައް ފުރިހަމަކުރުމުގައެވެ. މިހާރު ކުރަމުން އަންނަ މަަސައްކަތްތައް ނިންމުމަށްފަހު، 2026 ވަނަ އަހަރުގެ އޭޕްރީލް މަހު 'ދޫމް 4' ގެ ޝޫޓިން ފަށާނެކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.

ޕްރޮޑަކްޝަން ޓީމުން މިހާރު މަސައްކަތްކުރަމުން އަންނަނީ މި ފިލްމަށް އަންހެން ދެ ލީޑް ރޯލާއި އެންޓަގޮނިސްޓެއް ހަމަޖެއްސުމަށްކަމަށް ރިޕޯޓުތަކުގައިވެއެވެ. ފިލްމުގެ އެންޓަގޮނިސްޓްގެ ދައުރު އަދާކުރުމަށް މައިގަނޑު ގޮތެއްގައި ހޯދަނީ ދެކުނުން ކުރިމަތިލާ އެކްޓަރެއް ކަމަށްވެސް ވެއެވެ.

ހަބަރުތައް ބުނާގޮތުގައި، އަދިތިޔާ ޗޯޕްރާ ވަނީ 'ދޫމް' ފްރެންޗައިޒް މިހާރުގެ މުޖުތަމައާ ގުޅޭގޮތަށް އަލުން ތައްޔާރުކުރަމުން އަންނަ ކަމަށް ބުނެފައެވެ. ލިޔުންތެރިޔާ ވިޖޭ ކްރިޝްނާ އަޗާރިޔާއާ ގުޅިގެން، ޗޯޕްރާގެ މަގުސަދަކީ 'ދޫމް 4' އާއެކު، ނުވަތަ 'ދޫމް ރީލޯޑެޑް' ގެ ނަމުންވެސް ކިޔާ މި ފިލްމާއެކު "މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ސިނަމާތަޖުރިބާއެއް" ގެނެސްދިނުމެވެ.