ގޯލްޑަން ފުޓްސަލް ޗެލެންޖް

ކެރިއަރުގެ އެންމެ މުހިންމު ތަށްޓަކީ ގޯލްޑަންގެ ތަށި، ދެވަނަ ފަހަރު ހޯދަން ތައްޔާރު

ކޮންމެ ފުޓްސަލް ކުޅުންތެރިއެއްގެ ކެރިއަރުގައިވެސް އެންމެ މުހިންމުވާނެ ތަށްޓަކީ މިހާރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ކަމަށާއި، މުބާރާތް އެއްފަހަރު ކާމިޔާބު ކުރެވިފައިވާ ނަމަވެސް، އަދިވެސް ތަށި ރަށަށް ގެންދަން ބޭނުންވާ ކަމަށް ލ. ގަމުގެ ހުސައިން ނާޝިދު (ނާއްޓޯ) ބުނެފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް މިއަހަރުވެސް 129 ޓީމާއެކު ކުރިއަށްދާ އިރު، އެއް ފެވަރިޓުންނަކީ މިއަހަރު ޗެރިޓީ ޝީލްޑް ހޯދި، މިދިޔަ އަހަރުގެ ރަނަރަޕް ގަމެވެ. އެޓީމަކީ 2023 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމުވެސް މެއެވެ. އޭގެ ކުރިން 2018 ވަނަ އަހަރުވެސް ގަމުން މުބާރާތުގެ ފައިނަލް ކުޅެފައިވާ އިރު، އެޓީމަށް އަލުން އެ ހިސާބަށް ދާން އޮތީ ޗެލެންޖެއް ދަތުރެއް ކަމަށް ނާއްޓޯ ވަނީ ފާހަގަކޮށްފައެވެ.

ރޭ ލ. އަތޮޅު، އަތޮޅު ބުރުގައި މާވަށާ ދެކޮޅަށް ކުޅެ، 6-1 އިން މޮޅުވި މެޗަށްފަހު ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ނާއްޓޯ "ވަން ސްޕޯޓްސް"އަށް ބުނީ ގަމަކީ ފެވަރިޓެއް ކަމަށް ކިޔާ ޓީމަކަށްވުމަކީ ޗެލެންޖެއް ކަމަށެވެ.

"އަސްލު ފުރަތަމަ މެޗު ވީމާ ކަންނޭނގެ އުނދަގޫވީ. އެހެންވިޔަސް ވަރަށް ރަނގަޅު މޮޅަކާއެކު މި ފެށުނީ. ވަރަށް ރަނގަޅު މޮޅެއް މިއީ، އަލްހަމްދުލިﷲ. ގަމަކީ ފެވަރިޓެއްވީމަ މި އުނދަގޫވީ. ގަމަކީ ފެވަރިޓެއްވީމަ އަސްލު އިދިކޮޅަށް އަންނަ ޓީމު ގަމާ ދެކޮޅަށް އަންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވެ، ވަރަށް ވަރުގަދަކޮށް ޖައްސަން. އެހެންވީމަ ކޮންމެ މެޗެއްވެސް އެހެން އުނދަގޫވާނެ. މެޗުތައް އުނދަގޫ ވިޔަސް، މިފަހަރުވެސް ޓާގެޓަކީ ހަމަ ތަށި ނަގާލުން. އެއީ ޓާގެޓް ނަމަވެސް، މެޗަކަށްފަހު މެޗަކަށް ވިސްނައިގެން، ރަނގަޅުކުރަމުން އެކަން ހާސިލުކުރަން މަސައްކަތް ކުރާނީ،" ނާއްޓޯ ބުންޏެވެ.

ނާއްޓޯ އިތުރަށް ބުނީ ގޯލްޑަން ފުޓްސަލް ޗެލްންޖް މުބާރާތުގައި ހައިބަތު ބޮޑު ކަމުން، އެ މުބާރާތް ނެގުމަކީ ކޮންމެ ކުޅުންތެރިއެއްގެ ކެރިއަރުގައިވެސް އެންމެ މުހިންމު މުބާރާތް ކަމަށާއި، މުބާރާތް ދެވަނަ ފަހަރު ކާމިޔާބުކުރުންވެސް އެއީ ބޮޑު ޓާގެޓެއް ކަމަށެވެ.

"އަސްލު ކޮންމެ ކުޅުންތެރިޔަކަށްވެސް މިހާރު ފުޓްސަލްގައި އެންމެ މުހިންމު ތަށްޓަކަށް ވާނީ ގޯލްޑަންގެ ތަށި. އަލްހަމްދުﷲ މިހާރު އެކަން ހާސިލުވެއްޖެ. އެހެންވިޔަސް، އަދިވެސް މި ތަށި ނަގަން ބޭނުންވޭ. ރަށަށް މި ތަށި ގެންގޮސްދޭން އެބަ ބޭނުންވޭ. މި މުބާރާތް މިދަނީ އަހަރަކަށްވުރެ އަހަރެއް ކުރިއަރަމުން. ބައިވެރިވާ ރަށްތަކުން ވާ ތައްޔާރީތަކާއި، އެ ރަށްތަކުގެ އަދަދު އިތުރުވެސް ވަމުން މިދަނީ. އަދި މިހާރު ފަސޭހައެއްވެސް ނޫން އެއްވެސް ޓީމެއް. އެއީ ތައްޔާރުވާތީ،" ނާއްޓޯ ބުންޏެވެ.

މިއަހަރު މުބާރާތުގައި ގަމުގެ ފެށުން ރަނގަޅެވެ. އެހެން ނަމަވެސް އެޓީމަށް ބައެއް ޗެލެންޖްތައް އެބަހުއްޓެވެ. އެގޮތުން ގަމުން ފުޓްސަލްގައި މިހާތަނަށް ހޯދި ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ހުސައިން ޝަރީފް (އޮންލީ) ޓީމުގައި ނެތުމަކީ އޭގެ ތެރެއިން އެއް ޗެލެންޖެވެ. އެ ޗެލެންޖް ފޫބައްދަން ނާއްޓޯ ފަދަ ކުޅުންތެރިންގެ ލީޑާޝިޕް ބޭނުންވާ ކަމަށް ކޯޗު އިސްމާއީލް ޝަރީފް (އިއްސެ) ކުރިން ވަނީ ބުނެފައެވެ.