ގޯލްޑަން ފުޓްސަލް ޗެލެންޖް

ވާދޫން ފިޔޯރީ ކޮޅަށް 11 ގޯލު، މަޑަވެލިން ތިނަދޫ ބަލިކޮށްފި

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ގދ. އަތޮޅުގެ ފުރަތަމަ މެޗުތައް އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ވާދޫއާއި މަޑަވެލިން ކާމިޔާބު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭވެސް ވަނީ ޖުމުލަ 8 މެޗު ކުޅެފައެވެ. އޭގެ ތެރެއިން ދެމެޗަކީ ގދ. އަތޮޅުގެ ދެމެޗެވެ. އެ އަތޮޅުގެ މެޗުތައް ރޭ ފަށައިފައިވާ އިރު، އެ އަތޮޅުން މިފަހަރު މުބާރާތުގައި ބައިވެރިވެފައި ވަނީ 8 ޓީމެވެ. އެހެންކަމުން އަތޮޅު ބުރުގެ ފުރަތަމަ މެޗުތައް ކުޅެމުން އަންނަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އެ އަތޮޅު ގްރޫޕް އޭގައި ރޭ ތިނަދޫއާއި މަޑަވެލި ވާދަކޮށްފައިވާ އިރު، އެމެޗު މަޑަވެލިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެމެޗު ވާދަވެރިކޮށް ފެނިގެން ދިޔަ އިރު، މަޑަވެލީގެ ގޯލުތައް ޖަހައިދިނީ މުހައްމަދު މުއާދާއި އަހުމަދު ސިނޫ މަހުމޫދު އަދި އިބްރާހީމް އާލު އަހުމަދެވެ.

ތިނަދޫގެ ގޯލުތައް ޖެހީ އިބްރާހީމް އަހުމަދު އަދި އަހުމަދު ޒައިދު މުހައްމަދު ނައީމެވެ.

އެ އަތޮޅު ގްރޫޕް ބީގައި އެންމެފަހުގެ އަތޮޅު ޗެމްޕިއަން ވާދޫން މުބާރާތް ފެށީ މުބާރާތުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ފިޔޯރީ ކައިރިން 11-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މެޗުގައި ވާދޫގެ ނަޝާހް އަހުމަދު (ނައްޓު) ހެޓްރިކް ފުރިހަމަ ކުރި އިރު، ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ގެ އިތުރުން މުހައްމަދު އިޔާދު އަލީއާއި އިބްރާހީމް ޝައުފް މުހައްމަދު، ޔަޒްދާން އިބްރާހީމް، އަބްދުﷲ އާހިލް އަލީ އަދި ޒައިން މުހައްމަދުވެސް ގޯލު ޖެހިއެވެ. އޭގެ އިތުރުން މުސައްނިފު މުހައްމަދު (މުއްސަ) ދެ ގޯލު ޖެހިއެވެ.

ފިޔޯރީގެ ގޯލަކީ ވާދޫގެ އަޔާ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: ލ. ގަން - ލ. މާވަށް
ގްރައުންޑް 2: ލ. މުންޑޫ - ލ. ކަލައިދޫ

21:00
ގްރައުންޑް 1: މ. މުލައް - މ. ވޭވަށް
ގްރައުންޑް 2: މ. މަޑުއްވަރި - މ. ދިއްގަރު

22:00
ގްރައުންޑް 1: ގއ. ދާންދޫ - ގއ. ކަނޑުހުޅުދޫ
ގްރައުންޑް 2: ގއ. ގެމަނަފުށި - ގއ. ނިލަންދޫ

23:00
ގްރައުންޑް 1: ގއ. ދެއްވަދޫ - ގއ. ކޮލަމާފުށި
ގްރައުންޑް 2: ގއ. މާމެންދޫ - ގއ. ވިލިނގިލި