މުނިފޫހިފިލުވުން

މަނީޝާގެ "ޖާނީ ދުޝްމަން 2" އާއި "ރާޖޫ، ރާޖާ، ރާމް" އުފައްދާނެކަމުގެ އިޝާރާތެއް

މަނީޝާ ކޮއިރާލާ އަކީ އިންޑިއާގެ ފިލްމީ ދުނިޔެއަށް މަޝްހޫރު މޫނެކެވެ. އޭނާ ވަނީ ޝާހުރުކް ޚާން، އަކްޝޭ ކުމާރު، އަޖޭ ދޭވްގަން އަދި ބޮލީވުޑްގެ ބޮޑެތި އިތުރު އެތައް ތަރީންނަކާއެކު ސްކްރީނުން ފެނިފައެވެ.

ހާއްސަ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން، މަނީޝާ ދާދި ފަހުން ވަނީ 90 ގެ އަހަރުތަކުގައި ސަލްމާން ޚާން، ގޯވިންދާ އަދި ޖެކީ ޝްރޮފްއާއެކު ހަދަން ފަށައި ނުނިމި ހުރި ފިލްމުތަކެއްގެ ވާހަކަ ދައްކައިފައެވެ. މީގެ އިތުރުން "ޖާނީ ދުޝްމަން 2" ގައި ބައިވެރިވުމާ ގުޅޭގޮތުންވެސް އޭނާ ވާހަކަ ދެއްކިއެވެ.

ސަލްމާން، ގޯވިންދާ އަދި ޖެކީ ޝްރޮފްއާއެކު ނަގާފައިވާ ކުރީގެ ފޮޓޯއެއް ދެއްކުމުން، މަނީޝާ ބުނީ އެއީ އެމީހުންނަށް ނިންމައިނުލެވުނު، ފިލްމު "ރާޖޫ، ރާޖާ، ރާމް" ގެ ފޮޓޯއެއް ކަމަށެވެ.

އެ ޕްރޮޖެކްޓާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދެމުން މަނީޝާ ބުނީ އެ ފިލްމު ޑައިރެކްޓްކުރަން ހަމަޖެހިފައިވަނީ ޑޭވިޑް ދަވަން ކަމަށާއި، ޖެކީ ޝްރޮފް އެ ފިލްމު ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ގޯވިންދާ އާއި ސަލްމާންވެސް އެ ފިލްމުގައި ތަމްސީލުކުރާ ކަމަށެވެ. "އެއީ ބީރު، މަންމަން އަދި ލޮލަށް ނުފެންނަ މީހަކާ ބެހޭ ގޮތުން ހަދާ ފިލްމެއް. އެއީ ޑްރާމާއެއް އަދި ޑްރާމާ ފިލްމަކަށް ހަދަން ހަމަޖެހިފައިވަނީ،" އޭނާ ބުންޏެވެ.

ދެން، އޭނާއާ ސުވާލުކުރެވުނީ 2002 ވަނަ އަހަރު އޭނާ ކުޅުނު ފިލްމު "ޖާނީ ދުޝްމަން: އެކް އަނޯކީ ކަހާނީ" ގެ ދެވަނަ ބައިގައި އަކްޝޭ، ސަނީ ޑިއޯލް، ސުނީލް ޝެޓީ އަދި އެހެން ތަރީންނާއެކު މަސައްކަތްކުރުމާ ބެހޭ ގޮތުންނެވެ. ޖެހިލުމެއްނެތި، މަނީޝާ ބޮޑު ހިނިތުންވުމަކާއެކު އެ ފެންޓަސީ އެކްޝަން ތްރިލަރ ފިލްމަކީ 'ކަލްޓް ކްލާސިކް' އެއް ކަމަށް ބުންޏެވެ.

އިތުރަށް މަނީޝާ ބުނީ އެއިރުގެ ތަރީންނާ އޮންނަ ގުޅުން ވަރަށް ތަފާތު ކަމަށާއި އެންމެނަކީވެސް ރައްޓެހިން ކަމަށެވެ. އެންމެން އެއްކޮށް ވަރަށް މަޖާކޮށް މަސައްކަތްކުރާކަމަށާއި މަސައްކަތް ކުރަނީވެސް އުފަލާއި މަޖަލާ އެކުގައި ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު، މަނީޝާ ވަނީ ސަންޖޭ ލީލާ ބަންސާލީގެ "ހީރާމަންޑީ: ދަ ޑައިމަންޑް ބަޒާރު" ގައި އޭނާގެ މޮޅު އެކްޓިން ހުނަރު ދައްކައިލައިފައެވެ.