ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އދ. އަތޮޅުގެ ފުރަތަމަ މެޗުތަކުން މަންދުއާއި ދަނގެތި މޮޅުވެއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ހަތަރު މެޗު މިއަދު ހަވީރު ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުޅެފައިވެއެވެ. އޭގެ ތެރެއިން ދެމެޗަކީ ރ. އަތޮޅުގެ ދެމެޗެވެ. އަނެއް ދެމެޗަކީ އދ. އަތޮޅުގެ ދެމެޗެވެ.
އދ. އަތޮޅުން ޖުމުލަ ހަ ޓީމު މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، އެއަތޮޅުގެ އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ އިރު، ގްރޫޕް އޭގައި ދަނގެތިން ކުނބުރުދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދަނގެއްޗަށް ތަފާތު ދެއްކީ މުހައްމަދު ނާއިމެވެ. އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ދަނގެތީގެ އަނެއް ގޯލު ޖެހީ މުހައްމަދު ޝާއިފް ޝާމިރެވެ.
އެއަތޮޅު އަނެއް ގްރޫޕްގައި މިއަދު މަންދޫއާއި އޮމަދޫ ވާދަކުރި އިރު، އެމެޗު ފެނުނީ ފޯރިގަދަކޮށެވެ. މަންދޫން 3-2 އިން މެޗު ކާމިޔާބުކުރި އިރު، މެޗުގައި މަންދުއަށް ފުރަތަމަ ލީޑު ނަގައިދިނީ އާދަމް އާޒިމެވެ.
އޭގެ އިރުކޮޅެއްފަހުން އިބްރާހީމް އިމްރާން (އިންމި)ގެ ގޯލުން މަންދޫ ލީޑު ފުޅާކުރި އިރު، އޮމަދޫން ވަނީ ފަހަތުން އަރައި މެޗު އެއްވަރު ކޮށްފައެވެ. އެ ގޯލުތައް ޖެހީ އިބްރާހީމް ޝަހުދާއި އަހުމަދު ތޯހިރެވެ.
އެ ދެގޯލުން މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، މަންދުއަށް މޮޅު ޔަގީންކޮށްދިން ގޯލު ޖެހީ އިންމި ޖެހި ގޯލުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުންދާ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ ވަން ސްޕޯޓްސްއެވެ.
20:00
ގްރައުންޑް 1: ތ. ދިޔަމިގިލި - ތ. ވިލުފުށި
ގްރައުންޑް 2: ތ. އޮމަދޫ - ތ. ކިނބިދޫ
21:00
ގްރައުންޑް 1: ތ. ގާދިއްފުށި - ތ. ހިިރިލަންދޫ
ގްރައުންޑް 2: ތ. ވޭމަންޑޫ - ތ. ބުރުނި
22:00
ގްރައުންޑް 1: ށ. ކަނޑިތީމު - ށ. ފޭދޫ
ގްރައުންޑް 2: ށ. މިލަންދޫ - ށ. މަރޮށި
23:00
ގްރައުންޑް 1: ށ. ބިލެއްފަހި - ށ. ނަރުދޫ
ގްރައުންޑް 2: ށ. ޅައިމަގު - ށ. ގޮއިދޫ