ޕޮލިސް

ގެއްލުމެއް ނުދެން، ގެއަށްވަނީ ދަގަނޑު ދޮރު ކީހައިގެން: ޕޮލިސް

މާލޭގެ ދެގެޔަކުން މަސްތުވާތަކެއްޗާއެކު 37 މީހުން ހައްޔަރުކުރި އިރު ގޭތެރޭގެ އެއްވެސް އެއްޗަކަށް ގެއްލުންދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިމަހުގެ 26 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގ. ޕެލިކަން އަދި ގ. މެމޮރީވިލާ، ބަލައި ފާސްކޮށް، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 81 ރަބަރު ޕަކެޓާއެކު 37 މީހުން ހައްޔަރުކުރި ކަމަށެވެ.

އަދި މި ދެގޭގައިވެސް ހުރީ ފުލުހުންނަށް ހުރަސްއެޅުމަށް ދަގަނޑު ދޮރު ބޭނުންކޮށްގެން ބަންދުކޮށްފައި ކަމަށާއި އެ ދެގެޔަށްވެސް ފުލުހުން ވަނީ ދަގަނޑު ކީހައިގެން ކަމަށެވެ.

ފުލުހުން ބުނީ ގޭތެރޭގައި ހުރި އެއްވެސް އެއްޗަކަށް ގެއްލުންދީފައި ނުވާނެ ކަމަށެވެ.

އަދި ފުލުހުން ދިން ގެއްލުންކަމަށް ބުނެ ދައުރު ކުރާ ވީޑިއޯއަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.