ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން އިއުލާންކޮށްފައިވާ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެ މަގާމަށް ހޮވިއްޖެ ނަމަ، މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ބޮޑުކުރުމަށް ހުށަހަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މުސާރަ ބޮޑުކުރުމަށް ހުށަހަޅުއްވާނެ ކަމަށް އަދުރޭ ވައުދުވެވަޑައިގެންފައިވަނީ އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
"އަޅުގަނޑަށް މަޖިލިސް ރައީސްކަން ލިބިއްޖެ ނަމަ، މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ހަމަޖައްސަން ހުށަހަޅާނަން،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ބޮޑުކުރުމަށް ހުށަހަޅުއްވާނެ ކަމަށް އަދުރޭ ވައުދުވެވަޑައިގެންފައިވާ އިރު، އެ އަދަދަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ 100،000 ރުފިޔާއެވެ.
މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 42،500 ރުފިޔާ ލިބެއެވެ. ކޮމެޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބޭ އިރު، އޭގެ އިތުރުން ވެސް އެލަވަންސްތަކެއް ހިމެނެއެވެ.
މަޖިލީހުގެ ރައީސްކަމަށް އަދުރޭ ކުރައްވާ ކެމްޕޭނުގެ ތަރުޖަމާނަކަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ހަމަޖެއްސެވިކަން ވެސް އަދުރޭ ވަނީ އިއުލާންކުރައްވައިފައެވެ.
މިހާރު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު އެ މަގާމުން ދުރުކުރުމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާފައިވާ އިރު، އިދިކޮޅު ޕާޓީތަކުގެ ފަރާތުން މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ގެންނަން ނިންމާފައިވަނީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެޖެންޑާކުރަން ނިންމައި މެމްބަރުންނަށް މިހާރު ވަނީ ނޯޓިސް ފޮނުވައިފައެވެ.