"ދަ މެޓްރިކްސް"ގައި ވިލް ސްމިތްވަނީ ނިއޯގެ ދައުރު ކުޅުމަށް ލިބުނު ފުރުސަތު ދޫކޮށްލުމާ ގުޅޭ ގޮތުން ޕޯސްޓެއް ހިއްސާކޮށްފައެވެ. މި ޕޯސްޓުން ވަނީ ސަޕޯޓަރުން ހައިރާންކޮށްލައި، އޭނާ "ދަ މެޓްރިކްސް 5" ގައި ބައިވެރިވެދާނެ ކަމަށް ލަފާކުރަން ފަށައިފައެވެ. ނަމަވެސް، "ވެރައިޓީ" ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ވިލް ސްމިތް މި ފިލްމު ސިލްސިލާގައި އެއްވެސް ވަރަކަށް ބައިވެރިއެއް ނުވެއެވެ.
ހޯމަ ދުވަހު، ވިލް ސްމިތް ވަނީ އިންސްޓަގްރާމްގައި ވީޑިއޯއެއް ހިއްސާކޮށްފައެވެ. މި ވީޑިއޯގައި ފެންނަނީ އެ މަޝްހޫރު ފިލްމު ސިލްސިލާގެ ހާއްސަ ކޮމްޕިއުޓަރު ފޮންޓުން މެސެޖެއް ޓައިޕްކުރާ މަންޒަރެވެ.
އެ މެސެޖުގައި ބުނެފައިވާ ގޮތުގައި، 1997 ވަނަ އަހަރު، ވަޗައުސްކީ ވިލް ސްމިތަށް 'ދަ މެޓްރިކްސް' ގައި ނިއޯގެ ދައުރު ކުޅުމަށް ހުށަހެޅިއެވެ. ސްމިތް އެ ފުރުސަތު ދޫކޮށްލީއެވެ. އޭނާ 'ވައިލްޑް ވައިލްޑް ވެސްޓް' އިހުތިޔާރުކުރީ، އެއީ އެ ވަގުތު އޭނާއާ އެންމެ ގުޅޭ އެއްޗެއް ކަމަށް ގަބޫލުކުރެވޭތީއެވެ.
ނަމަވެސް، ވިލް ސްމިތް ނިއޯގެ ގޮތުގައި ހުރެގެން 'ދަ މެޓްރިކްސް' އޮންނާނީ ކިހިނެއްތޯ އެ މެސެޖުގައި ސުވާލު އުފައްދާފައިވެއެވެ.
"ވިލް، ހޭލާށެވެ... ދަ މެޓްރިކްސް އިން ތިބާ ހިފަހައްޓައިފިއެވެ.."، އެ މެސެޖު ނިންމާލަމުން ބުނެފައިވެއެވެ.
މިކަން މިހެން ދިމާވީ ވޯނަރ ބްރަދާސްއިން "ދަ މާޝަން" ފިލްމުގެ ސްކްރީންރައިޓަރު ޑްރޫ ގޮޑާޑް ލިޔެ ޑައިރެކްޓްކުރާ ގޮތަށް މެޓްރިކްސް ސިލްސިލާގެ 5 ވަނަ ފިލްމެއް އުފައްދާނެކަން އިއުލާނު ކުރުމަށްފަހުގައެވެ. ރިޕޯޓުތަކުގައިވާ ގޮތުން މި ފިލްމު އުފައްދާފަރާތުން އަމިއްލައަށް މި ސީކުއަލްގެ އައިޑިއާ ހުށަހެޅުމުން ވޯނަރ ބްރަދާސް ޑިސްކަވަރީން އެކަމަށް ވަރަށް ބޮޑަށް ތާއީދުކޮށްފައިވެއެވެ. ނަމަވެސް، "ވެރައިޓީ" އަށް ލިބިފައިވާ މައުލޫމާތުގައިވާ ގޮތުން ސްމިތް މި ފިލްމު ސިލްސިލާގައި ބައިވެރިއެއް ނުވެއެވެ.
ވިލް ސްމިތް "ދަ މެޓްރިކްސް" ދޫކޮށްލީ "ވައިލްޑް ވައިލްޑް ވެސްޓް" ހެދުމަށް ޓަކައެވެ. "ދަ މެޓްރިކްސް" އިން ތިން ސީކުއަލްއަކާއެކު - 2003 ގެ "ދަ މެޓްރިކްސް ރީލޯޑެޑް" އަދި "ދަ މެޓްރިކްސް ރެވޮލިއުޝަންސް"، އަދި 2021 ގެ "ދަ މެޓްރިކްސް ރެޒަރެކްޝަންސް" - ފިލްމު ސިލްސިލާއަކަށް ބަދަލުވެގެން ދިޔައިރު، "ވައިލްޑް ވައިލްޑް ވެސްޓް" ވަނީ ބޮކްސް އޮފީހުގައި ނާކާމިޔާބުވެފައެވެ. ވިލް ސްމިތް އޭނާގެ ޕޯސްޓުން އިޝާރާތްކުރަން އުޅުނީ ކޮން ކަމަކަށްކަން އަދިވެސް ސާފެއް ނުވެއެވެ.