މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ރުބެން އަމޯރިމްގެ ބަދަލުގައި ސްޕޯޓިން ލިސްބަންއަށް ގެންދިޔަ ކޯޗު، ޖާއޯ ޕެރޭރާ މަގާމުން ވަކިކޮށްފިއެވެ.
ޕެރޭރާއާ ސްޕޯޓިންގެ ކޯޗުކަން ހަވާލުކޮށްފައި ވަނީ މީގެ ހަ ހަފުތާ ކުރިންނެވެ. އެއީ ސީޒަންގެ މެދުތެރެއިން އަމޯރިމް އެކްލަބު ދޫކޮށްލުމުންނެވެ. އަމޯރިމް ނޮމެމްބަރު މަހު ސީޒަން ދޫކޮށްލީ ޔުނައިޓެޑްގެ ހުށަހެޅުމަކާއެކުގައެވެ. އަމޯރިމް ސީނިއަ ޓީމާ ހަވާލުވެ ހުރި އިރު، ފަހުގެ ކޯޗު ޕެރޭރާ ހުރީ ބީ ޓީމުގެ ކޯޗަކަށެވެ.
ބީ ޓީމުގެ ކޯޗުކަން ސީނިއާ ޓީމަށް ޕްރޮމޯޓްވި ފަހުން ޕެރޭރާ އިރުޝާދު ދިން 8 މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފައެވެ. އެ ހަތަރު ބައްޔާއެކު ލީގު ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއްގައި އޮތް ސްޕޯޓިންނަށް ވަނީ މަގާމު ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. އެއީ ޕޯޓޯއާއި ބެންފިކާ ފުލުގައި ވިއްދާފައި އޮތުމުންނެވެ.
ޕެރޭރާގެ ބަދަލުގައި ސްޕޯޓިންއިން މިހާރު އާ ކޯޗެއް ހޯދާފައިވާ އިރު، އެ ކްލަބަށް ގެންދަން ނިންމާފައި ވަނީ ވިކްޓޯރިއާ ގިމަރޭޝްއާ ކުރިން ހަވާލުވެ ހުރި ރުއި ބޯގެސްއެވެ. އޭނާ މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، އެ އެއްބަސްވުން ހަދާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.