މުނިފޫހިފިލުވުން

އިމަޖެންސީގެ ޓްރެއިލާ ރިލީސްކޮށްފި

އެކްޓަރު، ކަންގަނާ ރަނާއުތު، ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ފިލްމު "އިމަޖެންސީ" ގެ ޓްރެއިލާ ރިލީސްކޮށްފައެވެ. އިއްޔެ އެކްސްގައި 2 މިނެޓަށްވުރެ ކުރު މި ޓްރެއިލާ ވަނީ ޕޯސްޓުކޮށްފައެވެ. ޒީ ސްޓޫޑިއޯއިން ވެސް ވަނީ މި ވީޑިއޯ އެ ސްޓޫޑިއޯގެ ޔޫޓިއުބް ޗެނަލްގައި ހިއްސާކޮށްފައެވެ.

ފިލްމުގައި ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރު އަދާކުރާ ކަންގަނާ، ބުނަނީ އޭނާއަކީ "ކެބިނެޓް" ކަމަށެވެ. ޖަޔަޕްރަކާޝް ނާރާޔަންގެ ދައުރު އަދާކުރާ އަނުޕަމް ކޭރު، ޖަލުން އިންދިރާއަށް ސިޓީއެއް ލިޔެއެވެ. އަޓަލް ބިހާރީ ވަޖްޕާއީގެ ދައުރު އަދާކުރަނީ ޝްރޭޔަސް ތަލްޕަޑެއެވެ.

ކަންގަނާގެ ކެރެކްޓަރުން މަޖިލީހުގައި ބުނަނީ ހަގީގަތް ގަބޫލުކުރުމުގެ ހަމައެކަނި ގޮތަކީ ހަނގުރާމައެއް ފެށުން ކަމަށެވެ. އޭނާ މި ނިންމުން ނިންމަނީ އެހެން ހުރިހާ ލީޑަރުންނާ ދެކޮޅަށެވެ. ފީލްޑް މާޝަލް ސަމް މަނެކްޝޯގެ ދައުރު އަދާކުރާ މިލިންދް ސޯމަން ވެސް އިންދިރާ ހަނގުރާމައެއް ބޭނުންތޯ ސުވާލުކުރެއެވެ. ހަމައެކަނި ދޭ ނަޒަރަކުން ކަށަވަރުވަނީ އޭނާ ބޭނުންވަނީ ހަނގުރާމައެއް ކަމެވެ.

ދެން އިމަޖެންސީއެއް އިއުލާނުކުރަން ނިންމުމާއެކު، ގައުމު އަނިޔާވެރިކަމާއި، މެރުމާއި، ހަމަނުޖެހުމުގެ ތެރެއަށް ވެއްޓެއެވެ. ވީޑިއޯ ނިމޭއިރު، އޭނާގެ އަޑު އިވެނީ "އިންދިރާއަކީ އިންޑިއާއޭ" ބުނާ އަޑެވެ. ކަންގަނާ ވަނީ ކުރީގެ ބޮޑުވަޒީރު އޭނާގެ ނިންމުން ތަންފީޒުކުރުމަށް އެންމެންނާ ދެކޮޅަށް ހަނގުރާމަކުރާ މަންޒަރު ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ.

މި ސިޔާސީ ޑްރާމާ ލިޔެ، ޑައިރެކްޓްކޮށް އަދި ކޯ-ޕްރޮޑިއުސްކޮށްފައިވަނީ ކަންގަނާ އެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ މިމަހު 17 ވަނަ ދުވަހުއެވެ. "އިމަޖެންސީ" އަކީ އަވަހާރަވެފައިވާ ބޮޑުވަޒީރު 1975 އިން 1977 އަށް 21 މަސްދުވަހުގެ މުއްދަތަށް އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތާއި އޭގެ ފަހުން ހިނގި ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާ ފިލްމެކެވެ.