އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި ކުށްތަކާއި މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާންމު ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައްސަލަ ރަނގަޅަށް ދެނެގަނެ، ފުލުހުންގެ މުއައްސަސާއަށް ފުރިހަމައަށް އިތުބާރު ކޮށް، ރައްޔިތުން އަމިއްލައަށް ގޮތްނިންމުމުގެ ބަދަލުގައި ކުށްތަކާއި މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ހުރިހާފަރާތްތަކުންވެސް ގާނޫނާއި ގަވާއިދަށް އިހުތިރާމުކޮށް ތަބާވާންޖެހޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިހެން ވިދާޅުވި އިރު މިދިޔަ ހަފުތާގެ ތެރޭގައި ކ. ދިއްފުށީގައި ވައްކަން ގިނަވާކަމަށްބުނެ އާންމު ރައްޔިތުން ނުކުމެ ވައްކަން ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންނާ ދެމެދުގައި ވަނީ މާރާމާރީ ހިންގާފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ދެ ކުޑަ ކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި، ރައްޔިތުން ނުކުމެ ތުހުމަތު ކުރެވޭ ފާރާތްވަނީ ގަންހިނގުވާފައެވެ.