މުނިފޫހިފިލުވުން

ޝްވޭތާއާ ދެކޮޅަށް ކުރީގެ ފިރިމީހާ ހުށަހެޅި މައްސަލަ ހަތަރު އަހަރު ފަހުން ފައިލްކޮށްފި

ބޮލީވުޑް މަޝްހޫރު ތަރި، ޝްވޭތާ ތިވާރީއާ ދެކޮޅަށް އޭނާގެ ކުރީގެ ފިރިމީހާ އަބީނަވް ކޯލީ ހުށަހެޅި ފޯޖަރީގެ މައްސަލަ ބަންދުކޮށް، ފައިލްކޮށްފައިވާ ކަމަށް ފުލުހުން މުމްބާއީ ހައިކޯޓަށް އަންގައިފިއެވެ. މިއީ 2021 ވަނަ އަހަރު ހުށަހެޅި މައްސަލައެކެވެ.

މި އެންގުމާ ގުޅިގެން، ކޯޓުން ޝްވޭތާއަށް ހުއްދަ ދީފައިވަނީ އޭނާގެ ގާނޫނީ ޕެޓިޝަން އަނބުރާ ގެންދިއުމަށެވެ. މި ޕެޓިޝަނުގެ މަގުސަދަކީ ބާންދްރާ ކުރްލާ ފުލުހަށް، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ބާތިލުކުރުމަށް އެދުމެވެ.

މީޑިއާގެ ބައެއް ރިޕޯޓުތައް ބުނާގޮތުން، މުމްބާއީ ފުލުހުން 17 ޑިސެމްބަރ 2024 ގައި ހައިކޯޓަށް ޚުލާސާ ރިޕޯޓެއް ހުށަހަޅާފައިވެއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ޝްވޭތާއާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ ގަބޫލުކުރެވޭ ފަދަ ކަމަކަށްވީ ނަމަވެސް، އެ ކަން ސާބިތުކުރުމަށް އެކަށީގެންވާ ހެއްކެއް ނެތެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި، "މި ހާލަތަށް ބަލާއިރު، ޕެޓިޝަން އަނބުރާ ގެންދިއުމަށް ހުއްދަ ދެވިފައިވެއެވެ. ނަމަވެސް، ދެ ފަރާތުންކުރެ އެއްވެސް ފަރާތަކާ ދެކޮޅަށް އަމުރެއް ނެރެފިނަމަ، ދެ ފަރާތަށްވެސް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މިނިވަންކަން ލިބިގެންވާކަން ސާފުކޮށް ބަޔާންކުރަމެވެ."

އަބީނަވްގެ ތުހުމަތަކީ ޝްވޭތާ އޭނާގެ ސޮއި މަޖުބޫރުން ހޯދައި، އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއްގައި ސޮއިކުރުވައި، އެ ލިޔުން އޮތޯރިޓީތަކަށް ހުށަހަޅައި، އެމީހުންގެ ދަރިފުޅު ރެޔާންޝްއަށް ޔުނައިޓެޑް ކިންގްޑަމްގެ ވީސާއެއް ހޯދަން މަސައްކަތްކުރިކުރުމެވެ.

ޝްވޭތާ އާއި އަބީނަވް ކައިވެނިކުރީ 2013 ވަނަ އަހަރުއެވެ. އެ ދެމީހުން ވަރިވީ 2019 ގައެވެ. އެ ދެމީހުންގެ ދަރިފުޅު ރެޔާންޝް މިހާރު ދިރިއުޅެނީ ޝްވޭތާއާ އެކުގައެވެ. އަބީނަވްގެ ކުރީން، ޝްވޭތާ ކައިވެނިކޮށްފައިވަނީ ރާޖާ ޗައުދަރީއާ އެވެ. ރާޖާ އާއި ޝްވޭތާއަށް ވެސް ކުއްޖަކު ލިބުނެވެ. އެއީ ބަތަލާ ޕަލަކް ތިވާރީއެވެ.