ބ. އޭދަފުށީ ޓީމުން މާ ބޮޑު މައްސަލައެއް ފާހަގަ ނުވާ ކަމަށާއި ލިބުނު ފުރުސަތުތައް ނިންމައި ނުލެވުމަކީ ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް 2025 ގެއްލެން ދިމާވި ސަބަބެއް ކަމަށް ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފިއެވެ.
ރޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި، އެންމެފަހުން 2024 ވަނަ އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން އޭދަފުށިން، 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަން ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ފައިނަލުގައި އޭދަފުށިން ގަން ބަލިކޮށްފައިވާ އިރު، ރޭގެ މެޗަށް ނުކުންނަން ޖެހުނީ އެޓީމުގައި ހިމެނުނު ސީނިއާ ކުޅުންތެރިންތަކެއް ނުލައެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުންދާ އެޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ހައިސަމް ހަސަން (ބިޑި)ވެސް ސްކޮޑުގައި ހިމަނާފައި ނުވާ އިރު، ކޯޗު އަބޯގެ ނަޒަރުގައި އެ ކުޅުންތެރިން ނެތިވެސް ޓީމުގެ ނަތީޖާ ގޯހެއް ނޫނެވެ.
"އިންޝާﷲ މެޗު ދިޔައީ ރަނގަޅަށް މައިގަނޑުކޮށް. ކުޅުންވެސް ގޯހެއް ނޫން. ނިންމާލަން ލިބި، ނިންމައި ނުލެވުމުން އެ އައި ޓާން ފެނުނީ. އެކަންކަން ރަނގަޅު ކުރެވޭނެ ރަނގަޅު ޕްރެކްޓިސްތަކަކާ އެކު. އެހެންވީމަ ކުރިއަށް އޮތްތަނުގައި އޭދަފުށި ރަނގަޅުވާނެ،" އަބޯ "ވަން ސްޕޯޓްސް" އަށް ބުންޏެވެ.
އޭދަފުށިން ދާދިފަހުން ގޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިރު، އެ ކާމިޔާބީއަށްފަހު މިހާރު ފޯކަސް ހުރީ ގޯލްޑަން ފުޓްސަލް ޗެލެންޖަށެވެ. ކޯޗު އަބޯ ބުނީ ބޮޑު ފުޓުބޯޅައިގެ ތެރޭގައި ޓީމުގެ ގިނަ ކުޅުންތެރިން އުޅުމަށްފަހު، ރޭގެ މެޗަށް ނުކުތީ އެހާ ގިނަ ޕްރެކްޓިސް ނުކޮށް ކަމަށެވެ.
"އޭދަފުށި ޓީމުން ކުރި ޕްރެކްޓިސްތަކާ ބަލާފައި ރަނގަޅު. މިދޭތެރެއިން ގިނަ ދުވަސްތަކެއްގައި ޓީމު ކުޅުންތެރިން މި އުޅުނީ ބޮޑު ފުޓުބޯޅައިގެ ތެރޭގައި. ދެން އިރާދަކުރެއްވިއްޔާ މި ފެށުނީ ރަސްމީކޮށް ފަރިތަކުރުންތައްވެސް. އެހެންވީމަ ކަންކަން ރަނގަޅުވަމުންދާނެ. އަތޮޅު ބުރުގެ ފުރަތަމަ މެޗު މިއޮތީ 17 ވަނަ ދުވަހުގެ ރޭ. އެހެންވީމަ އެހާ ދުވަހަށް ރަނގަޅު ޕްރެކްޓިސްތަކެއް ކުރެވޭނެ،" އަބޯ ބުންޏެވެ.