ގޯލްޑަން ފުޓްސަލް ޗެލެންޖް

ގަމާއި އޭދަފުށީގެ ގަދަ ހިފުމެއް: ޗެރިޓީ މެޗު ތާރީހަށްޓަކައި މުހިންމު!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު 2025އަށް ކުރަމުން އައި އިންތިޒާރަށް މިރޭ ނިމުން އަންނާނެއެވެ. ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް، މިފަހަކަށް އައިސް އެންމެ ތަރުހީބު ބޮޑު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ، 2025 ވަނަ އަހަރުގެ ފެށުމަށް މިރޭ ބ. އޭދަފުއްޓާއި ލ. ގަން ކުރިމަތިލާނެއެވެ. ޗެމްޕިއަނުންގެ ކުރިމަތިލުމެކެވެ. ކިންގުންގެ ވާދަވެރިކަމުގެ ތެރެއިން ފުޓްސަލްގައި މިދިޔަ އަހަރު ފެނުނު އެންމެ ވަރުގަދަ ދެ ވާދަވެރިންގެ ކުރިމަތިލުމެކެވެ. ތަރިންގެ، ކޯޗުންގެ ގަދަ ހިފުމެކެވެ.

ފުޓްސަލްގެ އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ މުބާރާތުގައިވެސް 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. މަހަކަށްވުރެ ގިނަ ދުވަހަށް މުބާރާތް ދެމިގެންދާ އިރު، މިދިޔަ އަހަރެކޭ އެއްގޮތަށް، އެންމެ ވަގުތު ކޮޅަކަށްވެސް މުބާރާތުގެ ފޯރި ކެނޑިގެން ނުދާނެކަން މިހާރުވެސް ދަނީ ފެންނަމުންނެވެ. މީގެ ދެ ދުވަސްކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ލަވަ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު އިންސްޓާގްރާމާއި ފޭސްބުކް މެދުވެރިކޮށް ލައްކައެއްހާ ވިއުސް، 48 ވަރަކަށް ގަޑިއިރު ތެރޭގައި ލިބިގެން ގޮސްފައިވުން އެއީ އެކަމުގެ އެއް ހެއްކެވެ. އެއީ އެތައް ސަޕޯޓަރުންނެއް މުބާރާތަށް ދޭ ސަމާލުކަމެވެ. އެ ސަމާލުކަން މިރޭ ހުއްޓޭނީ ގަމާއި އޭދަފުށި ކުރިމަތިލާ ޗެރިޓީ ޝީލްޑް މެޗަށެވެ. ޝީލްޑް މެޗަށް ވަކި ސްކޮޑަކާއެކު ދެޓީމުންވެސް ނުކުންނަ އިރު، އަތޮޅު ބުރަށް ޝީލްޑް މެޗު ދެޓީމަށްވެސް މުހިންމެވެ.

އޭދަފުށީގެ ތާރީހަށް ޗެރިޓީ ޝީލްޑް މުހިންމު، ކާމިޔާބީތަކަކަށްފަހު ފޯމުގައި

މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން އޭދަފުއްޓަކީ މިދިޔަ އަހަރު ރާއްޖޭގެ ފުޓުބޯޅަ އަދި ފުޓްސަލްގައިވެސް އެންމެ ނަން ހިނގި ޓީމެވެ. "ބްރެޒިލް"ގެ ނަމުގައި ގިނަ ބަޔަކު ސިފަކުރާ އޭދަފުށީގެ ހުނަރާމެދު ސުވާލު އުފައްދާނެ ޖާގައެއް މިހާރުކު ނެތެވެ. އެޓީމުން އަހަރު ކުރީކޮޅުގައި ފުޓްސަލް ރަސްކަން ހޯދައި، އަހަރު ނިންމާލީ ގޯލްޑް ކަޕް ކާމިޔާބުކޮށް، ފުޓުބޯޅައިގެވެސް ރަސްކަން ހޯދައިގެންނެވެ. އެ ކުޅުންތެރިންގެ ތާރީހީ ކާމިޔާބީތަކުގެ ލިސްޓަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެރިޓީ ޝީލްޑް އިތުރުކޮށްލުން އެއީ މުހިންމު ކަމެއް ކަމަށް، ޓީމާ ހަވާލުވެ ހުރި ކޯޗު، އަބްދުﷲ ނަސީރު (އަބޯ) ދެކެއެެވެ.

"އޭދަފުއްޓަށް މުހިންމު މެޗެއް މިރޭގެ މެޗަކީ. ހާއްސަކޮށް މިއީ އޭދަފުށީގެ ފުޓްސަލް ފުޓުބޯޅަ ކާމިޔާބީއަށް އިތުރު ބޮޑު ކާމިޔާބީއަކަށް ވެގެންދާނެ. އެހެންވީމަ އެކަމަށް ވަރަށް ކޮންފިޑެންސް ރަނގަޅުކޮށް ޓީމު އޮތީ،" ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗުކަންކޮށް، ފުޓްސަލްގައި އެންމެ ކާމިޔާބު އެއް ކޯޗުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އަބޯ "ވަން ސްޕޯޓްސް"އަށް ރޭ ބުންޏެވެ.

އޭދަފުއްޓަކީ ގައުމީ ލެވެލްގެ ގިނަ ފުޓުބޯޅަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށްވުމުން، އެޓީމުގެ އެންމެ ވަރުގަދަ ކުޅުންތެރިންތައް ކުޅެމުންދަނީ ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކަށެވެ. ހާއްސަކޮށް މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި އޭދަފުށީގެ މުހިންމު ކުޅުންތެރިންތަކެއް ހިމެނޭ އިރު، ޗެރިޓީ ޝީލްޑަށް ނަގާ ސްކޮޑުގައި އެ ކުޅުންތެރިން ހިމަނައިގެން މެޗަށް ނުކުންނަން އެ ރަށުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

"އަޅުގަނޑުވެސް އިއްޔެ ޓީމާ މި ގުޅުނީ އުމްރާއަކަށްފަހު. ޓީމުގެ އެއް ޕްރެކްޓިސް ކޮށްލައިފިން މިހާރު އައިސްވެސް. އަދި އިތުރު ޕްރެކްޓިސްއެއްވެސް ލިބޭނެ. އެހެންވީމަ ރަނގަޅަށް ތައްޔާރުވެވޭނެ މެޗަށް. ޓީމުގައި ހިމެނޭނެ ޒުވާން ކުޅުންތެރިންވެސް. ހާއްސަކޮށް މާޒިޔާގެ ކުޅުންތެރިންނަށް އަދި ކުޅެވޭނެކަން ޔަގީން ނުވުމާވެސްއެކު އާ ކުޅުންތެރިން ބޭނުންކުރާނަން. މާޒިޔާ ކުޅުންތެރިންގެ ރިލީސް ކަންތަކަށް މަސައްކަތް ކުރެވެމުން މިދަނީ. ހުއްދަ ލިބިއްޖެއްޔާ އެ ކުޅުންތެރިން ފެންނާނެ،" ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކ. ގާފަރަށް ކޯޗުކަން ކޮށްދިން އަބޯ ފާހަގަކުރިއެވެ.

ކޯޗު އަބޯ ބުނީ އޭދަފުށީގެ ކާމިޔާބީ ސިލްސިލާއެއް ދަމަހައްޓަން ހަވާލުވުމަކީ ޕްރެޝަރެއް ކަމަށް ނުދެކޭ ނަމަވެސް، ޓީމު އޯވާ ކޮންފިޑެންސް ވާން ފުރުސަތު ނުދޭނެ ކަމަށެވެ. ހާއްސަކޮށް ފުޓްސަލްއަކީ ވަރަށް އަވަސް އަވަސްކޮށް ގޭމް ބަދަލުވާ ކުޅިވަރަކަށްވުމާއެކު ރަނގަޅު ވިސްނުމެއްގައި ޓީމު ބާއްވަން އަބަދުވެސް ސަމާލުކަން ދޭނެ ކަމަށެވެ.

އަބޯ ގާތުން ދަންނަ ކުޅުންތެރިން ގަމުގައި ތިބި އިރު، އެ ކުޅުންތެރިންނަށް ސަމާލުވާން ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ ހުސައިން ޝަރީފް (އޮންލީ) ނެތްތަން ގަމަށް ދައްކާނެ ކަމަށެވެ.

"ގަމު ޓީމަކީ ވަރަށް އެކްސްޕީރިއަންސް ޓީމެއް. ވަރަށް ގިނަ މުބާރާތްތައް ކުޅެފައިވާ ކުޅުންތެރިން އެ ތިބީ. އޮންލީ އެކަނި މި މަދުވަނީ. އެތަން ދައްކާނެ ގަމު ޓީމަށްވެސް. އެހެންވިޔަސް ޖޭއްނެ ކަހަލަ ވަރަށް އެކްސްޕީރިއަންސް ކުޅުންތެރިން އެބަތިބި ގަމު ޓީމުގައި. އެހެންވީމަ އެކަމަށް ވިސްނާނެ އޭދަފުށިން،" އަބޯ ފާހަގަކުރިއެވެ.

ގަމުން ޝީލްޑް ދިފާއުކުރަން، އޮންލީ ނެތްތަން ދެއްކި ނަމަވެސް ޒުވާން ކުޅުންތެރިންނަށް އިތުބާރު ބޮޑު

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ގަން ވާދަކުރީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އެ ފަހަރު ޝީލްޑް މެޗުގައި ފަހުވަގުތު ތ. ތިމަރަފުށި ކޮޅަށް ގޯލު ޖަހައިގެން ގަމުން ޗެރިޓީ ޝީލްޑް އުފުލާލީ 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިދިޔަ އަހަރު ގަމާއި އޭދަފުށި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ވާދަކުރި މެޗަކީ، ގަމަށް ނާކާމިޔާބުވި މެޗެއް ނަމަވެސް، އެޓީމަކީ މުބާރާތުގެ އެންމެ ޝަރަފުވެރި އެއް ޓީމެވެ. 2018 ގެ އިތުރުން އެންމެފަހުން ދެ ފައިނަލުގައިވެސް ގަން ކުޅެފައިވާ އިރު، ޗެރިޓީ ޝީލްޑް ދިފާއުކުރުމަކީ މިވަގުތު އެޓީމަށް އެންމެ މުހިންމު މަސައްކަތެވެ.

"ޓީމު ހަމަ ފުދޭވަރަކަށް ތައްޔާރުވަމުން މިހާރުވެސް މިދަނީ. ޕްރެކްޓިސްތައްވެސް ވަރަށް ރަނގަޅަށް މިދަނީ. ޗެރިޓީ ޝީލްޑް މެޗުވީމަ ސީދާ އެޓޯލް ރައުންޑްގެ ސްކޮޑާ ކުޑަ ކުޑަ ތަފާތެއް ފެންނާނެ ސްކޮޑުން. ޗެރިޓީ ޝީލްޑްވެސް ނަގާނީ ހަމަ މޮޅުވާން މަޖުބޫރު މެޗެއްގެ ގޮތުގައި. އެހެންވިޔަސް ބަދަލުހިފުމުގެ ރޫހުގައެއް ނޫން ނުކުންނާނީ،" ގަމާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށްފައިވާ ކޯޗު، އިސްމާއީލް ޝަރީފް (އިއްސެ) "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ގަމުން ފުޓްސަލްގައި މިހާތަނަށް ހޯދި ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ އޮންލީ، އަނިޔާގެ ސަބަބުން މިފަހަރު ނުކުޅުން އެއީ އެޓީމަށް ލިބެނޭ މާޔޫސްކަމެއްކަން ޔަގީނެވެ. އޮންލީއަށް އަނިޔާވީ މިދިޔަ އަހަރު ކުޑަ އީދުގައި ކުޅުނު މުބާރާތެއްގެ ތެރެއިންނެވެ. އޭގެފަހުން އޭނާ އިތުރު ބައެއް މުބާރާތްތައް ކުޅެން މަސައްކަތް ކުރި ނަމަވެސް، އަނިޔާގެ ބޮޑުކަމުން ކުޅެވިފައެއް ނުވެއެވެ. އޮންލީގެ ޕޮސްޓޭރިއާ ކްރޫޝިއޭޓް ލިގަމެންޓް (ޕީސީއެލް) އެއްކޮށް "ޓިއާ"ވުމާއެކު އޮންލީއަށް ޖެހުނީ ސާޖަރީއަކަށް ދާށެވެ. މިވަގުތު އޭނާ ސާޖަރީން ރިކަވާވުމަށް މަސައްކަތް ކުރަމުންދާ އިރު، މިފަހަރު އަތޮޅު ބުރުގައި ކޯޗެއްގެ ގޮތުގައި އެހެން ޓީމަކުން ފެންނާނެ ކަމަށް ބެލެވެއެވެ.

"އޮންލީ ނެތުމުގެ ސަބަބުން ޓީމަށް ފޫނުބެއްދޭނެ ބައެއް ކަންތައްތައް ހުންނާނެ. އޭނާއަށް ނުކުޅެވުން އެއީ ދެރައެއް ކަމަށްވިޔަސް، މިފަހަރުގެ ސްކޮޑުގައި ޒުވާން ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދަނީ. އެއީ ޕޮސިޓިވްއެއް. އެހެންވީމަ އަސްލު މިދިޔަ އަހަރަށްވުރެވެސް ރަނގަޅު ސްކޮޑެކޭ ބުނެވޭނީ މިފަހަރު މިއޮތީ. އެހެންވީމަ ޗެރިޓީ ޝީލްޑް ދިފާއުކުރަން ނުކުންނާނީ،" އޮންލީއާ ގުޅޭ ގޮތުން ގަމުގެ ކޯޗު އިއްސެ ބުންޏެވެ.

ގޯލްޑަން ފުޓްސަލްގެ ކޮންމެ މެޗެއްވެސް ނުހަނު ފޯރީގައި ކުރިއަށްދާ އިރު، މިދިޔަ އަހަރު ފައިނަލް މެޗަކީވެސް ރެކޯޑް އަދަދަކަށް މެޗު ބަލަން ސަޕޯޓަރުން ހާޒިރުވި މެޗެކެވެ. އަދި އޮންލައިން ޕްލެޓްފޯމްތައްވެސް ރެކޯޑު ހެދި މެޗެކެވެ. އެ މެޗުގައި ކުރިމަތިލި ދެ ބާރު، މިރޭ އަލުން ދަނޑަށް ނުކުންނަނީ ތާރީހު ލިޔެލުމަށެވެ. ގަމުން ޝީލްޑް ދިފާއުކުރުމަށެވެ. އޭދަފުށިން އަލަށް ޝީލްޑް ހޯދުމަށެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެރިޓީ ޝީލްޑް މެޗުގެ ރަސްމިއްޔާތު ފަށާނީ މިރޭ 8:30 ގައެވެ. މެޗު އޮންނާނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ.