ޑައިރެކްޓަރު ޝަންކަރުގެ އަންނާން އޮތް ފިލްމު "ގޭމް ޗޭންޖާ" ލީޑުރޯލުތަކުގައި ރާމް ޗަރަން އަދި ކިއާރާ އަދްވާނީ ފެނިގެންދާނެއެވެ. ޓްރެއިލާއަށް ބަލާއިރު، މި ފިލްމަކީ މަޖާ އަދި ކުޅިވަރު ގަދަ ފިލްމަކަށް ވާނެކަމުގެ ޔަގީންކަން ދެއެވެ. ފިލްމުގެ ޓްރެއިލާ ދޫކޮށްފައިވަނީ އިއްޔެ ހައިދަރާބާދުގައި ބޭއްވި ހަފުލާއެއްގައެވެ. މި ހަފުލާގައި އެސްއެސް ރާޖަމައުލީ ބައިވެރިވިއެވެ. މި ފިލްމަކީ ޝަންކަރު ތެލިނގު ސިނަމާއަށް ވަނުމުގެ ފުރަތަމަ މަސައްކަތެވެ.
ދެ މިނެޓާއި 40 ސިކުންތުގެ މި ޓްރެއިލާ ފެށެނީ ރާމް އައިއޭއެސް އޮފިސަރެއްގެ ގޮތުގައި މީހުންނަށް އެމީހުންގެ މުދަލާމެދު ދަހިވެތި ނުވުމަށް އިލްތިމާސްކުރާ މަންޒަރަކުންނެވެ. ނަމަވެސް އޭނާއަށް މީހުން މަލާމާތްކުރާތަން ފެނެއެވެ. އިރުކޮޅެއްގެ ތެރޭގައި އޭނާ ތަފާތު ސިފަތަކެއްގައި ފެނިގެންދެއެވެ. އެގޮތުން ދަރިވަރެއްގެ ގޮތުގައާއި، ފުލުހެއްގެ ގޮތުގައި، އަދި ފަހުން ލުންގީއެއް ލައިގެން ހުންނަތަންވެސް ފެނެއެވެ. އޭނާގެ ބައްޕަ، ހަމަ އޭނާ އަދާކުރާ ރޯލެއްގައި، ލީޑަރެއްކަމަށް އިޝާރާތްކޮށްފައިވެއެވެ. އަންޖަލީ އޭނާގެ މަންމަގެ ރޯލު އަދާކުރާކަމަށް ދޭހަވެއެވެ. ކިއާރާ އަދާކުރަނީ އޭނާގެ ލޯބިވެރިޔާގެ ރޯލެވެ. ނަމަވެސް ވާހަކައިގެ މައިގަނޑު ބައި ހާމަވަނީ ފަހުންނެވެ. އެސްޖޭ ސޫރިޔާ ކޮރަޕްޓް ވެރިއެއްގެ ގޮތުގައި ފެނި، ރާމްއާ ކުރިމަތިލާތަން ފެނެއެވެ.
މި ފިލްމުގެ ޝޫޓިން ފެށުނީ 2021 ގައި ނަމަވެސް، ލަސްވުންތަކަކަށްފަހު ނިމުނީ މިދިޔަ އަހަރުއެވެ. މި ފިލްމުގެ މިޔުޒިކް އުފައްދާފައިވަނީ ތަމަން އެސް އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ހައިދަރްއާބާދު، ނިއުޒީލެންޑް، ވިޝާކަޕަޓްނަމް، މުމްބާއީ އަދި ޗާންދީގަޅްގަ އެވެ.
ދިލް ރާޖް އަދި ސިރީޝްގެ ޝްރީ ވެންކަޓޭޝްވަރް ކްރިއޭޝަންސްއިން އުފައްދާފައިވާ "ގޭމް ޗޭންޖާ" އަކީ ކާރްތިކް ސުއްބަރާޖް ލިޔުނު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ޑައިލޮގްތައް ލިޔުމަށް ސާއީ މާދަވް ބުއްރާއާ ހަވާލުކުރެވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމު އުފައްދާފައިވަނީ ވަރަށް ބޮޑު ބަޖެޓަކުންނެވެ. އެންމެ ހަތަރު ލަވައަށް 75 ކްރޯޑު ރުޕީސް ހޭދަކޮށްފައިވެއެވެ.