ކުޅިވަރު

ފުޓްބޯޅައިގެ ދަނޑަށް ޕެނަލްޓީ ތައާރަފުވީ ކިހިނެއް؟

ޕެނަލްޓީއާ ނުލައި ފުޓްބޯޅަ ކުޅޭނީ ކިހިނަކުންކަން މިޒަމާނުގެ މީހުންގެ ޚިޔާލަކަށްވެސް ނުގެނެވޭނެއެވެ. ޕެނަލްޓީއަކީ މިޒަމާނުގެ ފުޓްބޯޅައިގެ ބައެއް ކަމުންނެވެ. އެކަމަކު މިއީ ކުރިން މިކަންއޮތް ގޮތެއް ނޫނެވެ. ކުރީޒަމާނުގެ ފުޓްބޯޅައިގައި ޕެނަލްޓީ ޖެހުމެއް ނޯވެެއެވެ. އެކަން ތައާރަފުވީ ފުޓްބޯޅަ މުބާރާތްތައްވެސް ބާއްވަންފެށުމުގެ މާފަހުންނެވެ. މީލާދީން އަށާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ޑިފެންޑަރުން ހިތަށްއެރިހާ ގޮތަކަށް ފޯވާޑުން ހުއްޓުވުމަށް މަސައްކަތް ކުރުން ހުއްދައެވެ. ކޮންމެގޮތަކަށް ޓެކުލްކޮށްފައި ވައްޓައިލިޔަސް ރީނދޫކާޑެއް، ރަތްކާޑެއް ނޯވެއެވެ. ޕެނަލްޓީ ދިނުމެެއްވެސް ނޯވެއެވެ. މެޗު ހަމަކުރިއަށް ދާނެއެވެ. ކޮންމެއަކަސް ޕެނަލްޓީއަކީ ކިހިނަކުން ކޮންގޮތަކަށް ތައާރަފުވީ އެއްޗެއްކަން އެނގޭހެއްޔެވެ. އޭރު މިކަން އޮންނަގޮތާމެދު ހިތާނުވެ ނުފޫޒުގަދަ ކޮންމެވެސް މީހަކު ވާހަކަ ދައްކައިފިއެވެ. އެއީ އަޔަލެންޑުގެ ވިޔަފާރިވެރިއެކެވެ. ފުޓްބޯޅަ ކުޅުންތެރިއެއްވެސްމެއެވެ.

އޭނާގެ ނަމަކީ ވިލިއަމް މެކްރަމްއެވެ. ކުޅުންތެރިން ގަސްތުގައި ކުރާ ކުށްކުށަށް އަދަބު ނުލިބޭތީ އޭނާ ވަރަށް ބޮޑަށް މާޔޫސްވިއެވެ. ވަކިން ޚާއްސަކޮށް ބައެއް ޑިފެންޑަރުން ގަސްތުގައި ބޯޅައިގައި އަތްލައި ގޯލްޖެހުމުގެ ފުރުސަތު ގެއްލުވައިލާކަން އޭނާއަށް ފާހަގަކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން 1890 ވަނަ އަހަރު ފުޓްބޯޅައިގެ ގަވާއިދަށް ވަރަށް ބޮޑު އިސްލާހެއް ގެންނަން އޭނާ ހުށައެޅިއެވެ. މެކްރަމް ހުށައެޅި އިސްލާހަކީ ގޯލްކުރިމަތީގައި އޮންނަ 18 ޔާޑުގެ ގޮޅިތެރޭގައި ދިފާއީ ކުޅުންތެރިއަކު ގަސްތުގައި ބޯޅައިގައި އަތްލުމާއި ހުއްދަނޫން ގޮތަކަށް ޓެކުލްކުރުންފަދަ ކަމެއްކޮށްފިއްޔާ އެއްކަލަ ގޮޅީގެ މެދުގައި ބޯޅަ ބާއްވައިފައި ސީދާ ހިލޭޖެހުމެއް ދިނުމަށެވެ. އެއަށް ޕެނަލްޓީއޭ ކިޔުމަށެވެ. މެކްރަމްގެ މި ޚިޔާލަކީ އެދުވަސްވަރު ވަރަށްވެސް ޚިޔާލުތައް ތަފާތުވެ ބޮޑެތި ބަހުސްތައް ހިނގާން މެދުވެރިވި ޚިޔާލެކެވެ. ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ވަރަށް ގިނަބަޔަކަށް މިއީ ކަމުދާ ޚިޔާލަކަށް ނުވިއެވެ. އެމީހުން މި ޚިޔާލާ ދެކޮޅު ހަދައިފިއެވެ.

ކުޅުންތެރިންގެ ނަޒަރުގައި މިއީ ފުޓްބޯޅައަށް އިއްވޭ މަރުގެ ހުކުމެކެވެ. ޑެތު ޕެނަލްޓީއެކެވެ. ފުޓްބޯޅަ އެދުވަސްވަރު ކުޅެމުންއައި ގޮތަށް އެއްވެސް ބަދަލެއް ގެންނަން އެމީހުން ބޭނުމެއް ނުވިއެވެ. އެހެންވީމާ މިބަދަލު އެވަގުތަކަށް ގެނެވޭ ގޮތެެއް ނުވިއެވެ. އެކަމަކު މެކްރަމްގެ ޚިޔާލު މަރެއްނުވިއެވެ. ބަހުސްތައް ދެންވެސް ދިޔައީ ކުރިއަށެވެ. އެންމެފަހުން އިންޓަރނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑަށް މަޖުބޫރުވީ މިޚިޔާލު ބަލައިގަނެ މިބަދަލާއެކު ފުޓްބޯޅަ ގަވައިދު އިސްލާހު ކުރުމަށެވެ. ފުޓްބޯޅައިގެ ގަވާއިދުތައް ދިރާސާކޮށް އެކުލަވައިލުމުގެ ޒިންމާއަކީ މިދެންނެވި ބޯޑުގެ ޒިންމާއެކެވެ. ކޮންމެއަކަސް ފުޓްބޯޅަ ގަވައިދުގެ ތެރެއަށް ޕެނަލްޓީގެ އުސޫލު އެންމެ ފުރަތަމަ ރަސްމީކޮށް ތައާރަފު ކުރެވުނީ އެގޮތުން 1891 ވަނަ އަހަރުއެވެ. ރަސްމީ މުބާރާތެއްގައި އެންމެ ފުރަތަމަ ދެވުނު ޕެނަލްޓީއަކީ 14 ސެޕްޓެމްބަރު 1891 ގައި ވޮލްވަރހެމްޓަން ވޮންޑަރަރސްއަށް ދެވުނު ޕެނަލްޓީއެކެވެ.

މިދެންނެވި ޕެނަލްޓީ ދެވުނީ އިނގިރޭސި ލީގުގައި އެކްރިންޓަނާ ދެކޮޅަށް ވުލްވްސް ކުޅުނު މެޗެއްގަައެވެ. އައު ގަވާއިދުގައި ބުނަނީ ސީދާ ހިލޭޖެހުމެއް ލިބޭ ޒާތުގެ ކުށެއް 18 ޔާޑު ގޮޅީގެ ތެރޭގައި ކޮށްފިނަމަ ޕެނަލްޓީއެއް ދޭންޖެހޭނެ ކަމުގައެވެ. ޕެނަލްޓީ ސްޕޮޓަކީ ގޯލް ރޮނގުން ފެށިގެން ބާރަ ޔާޑު ދުރުކަމުގައެވެ. މިދެންނެވި މަގުން ފުޓްބޯޅައިގެ ތެރެއަށް ޕެނަލްޓީ ޖެހުން ތައާރަފު ކުރެވުނުތާ މިހާރު 134 އަހަރުވީއެވެ. ފާއިތުވެގެންދިޔަ ދިގު މުއްދަތުގައި ޕެނަލްޓީ ޖެހުމާއި ޕެނަލްޓީ މަތަކުރުމުގައި އަމަލުކުރުން ހުއްދަ މިންވަރަށް އެކިފަހަރު އެކި ބަދަލުތައް ވަނީ އައިސްފައެވެ. ކުރިއަށްއޮތް ތަނުގައިވެސް ބަދަލުތައް އަންނާނެއެވެ. އެންމެފަހުގެ ބަދަލަކީ ޕެނަލްޓީ ޖަހާ ކުޅުންތެރިޔާގެ ފޯކަސް ގެއްލުވައިލުމަށް ގޯލްކީޕަރަށް ނުކުރެވޭނެ ބައެއް ކަންކަން ބަޔާންކުރުމެވެ. މި ބަދަލަކީ އެންމެފަހުން 2022 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނެޒްގެ އަމަލުތައް ހުރިގޮތަށް ވިސްނައިފައި ގެނެސްފައިވާ ބަދަލެކެވެ.