ރައްޔިތުންގެ މަޖިލިސް

އަބުރުގެ ގާނޫނު ބާތިލްކުރުމަށް މާދަމާ ހުށަހަޅަނީ

އަބުރުގެ ގާނޫނު ބާތިލްކުރުމަށް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕުން ނިންމައިފިއެވެ.

މިއަދު ބޭއްވި ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި އެކަން މާދަމާ ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ވިދާޅުވެފައެވެ.

"އަބުރުގެ ގާނޫނު ބާތިލްކުރުމަށް މާދަމާ ހުށަހަޅާނެ. ދެން އޮންނަ ފުރަތަމަ ޖަލްސާގައި އެވެސް ބާތިލްވެގެންދާނެ،" އިބޫ ވިދާޅުވިއެވެ.

މިއަދު ބޭއްވި ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި އަބުރުގެ ގާނޫނު ބާތިލްކުރުމަށް ހަށަހެޅުމުގެ އިތުރުން މަޖިލީހުގެ ރައީސަކަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގެނައުމާއި ރައީސް ނަޝީދު މިނިވަންކުރަން ހުށަހެޅި ގަރާރު ފާސްކުރުމަށް ވޯޓު ދިނުމަށް ވެސް ނިންމާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެޖެންޑާކުރަން ނިންމައި މެމްބަރުންނަށް މިހާރު ވަނީ ނޯޓިސް ފޮނުވައިފައެވެ.