ރިޕޯޓް

2024 ރިވައިންޑް: ލޯބިވެރިޔާގެ ކަރުގައި ވަޅިޖައްސައި ރަހީނުކުރި އަތުހަރު އަމިއްލައަށް މަރުވުން!

މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ރޭ، މާލޭގައި ވަނީ ފިރިހެނަކު އޭނާގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި ރަހީނުކޮށްފައެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި މިފަދަ ގޮތަކަށް މީހަކު ރަހީނުކުރި ފުރަތަމަ ފަހަރެކެވެ. ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލަން މަސައްކަތް ކުރީ އަހުމަދު އަތުހަރު، ހެޕީލޭންޑް، ށ. މިލަންދޫ އެވެ. އޭނާ ރަހީނުކުރި ލޯބިވެރިޔާއަކީ، ފުލުހެކެވެ. އެ އަންހެން މީހާ ރަހީނުކޮށްގެން އަތުހަރު ތިންގަޑިއިރު ވާންދެން ގެންގުޅުނެވެ.

އެނގިފައިވާ ގޮތުގައި އަތުހަރު އެ އަންހެން މީހާ ރަހީނުކުރީ ކުލީގެ މައްސަލައެއްގައެވެ. ފުލުހުން ބުނި ގޮތުގައި، އެ އަންހެން މީހާއަށް އަތުހަރު ވަނީ ގޭތެރޭގައިވެސް އަނިޔާކޮށްފައެވެ. އަދި މަގުމައްޗަށް ނެރެވެސް އަނިޔާކުރިއެވެ. ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރަން އުޅެފި ނަމަ، އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖެއްސުމަށްފަހު ފުލުހުންނަށް އަތުހަރު އިންޒާރުވެސް ދީފައިވެއެވެ.

"އަނެއްކާވެސް އަންހެން މީހާ ގޭތެރެއަށް ވައްދައި އަނިޔާކުރުމަށްފަހު އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނުކުމެ ސައިކަލަށް އަރައި ދުއްވާފައި ގޮސްފައިވޭ." ފުލުހުން އެއިރު ބުނެފައިވެއެވެ.

އަތުހަރު ކިބައިން އޭނާގެ ލޯބިވެރިޔާ ސަލާމަތްކުރީ، ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އެގޮތުން ކަރުގައި ވަޅި ޖައްސައިގެން ހުރެ، އަތުހަރު އޭނާގެ ލޯބިވެރިޔާ ކުރިއަށްލައިގެން ދިޔަ ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާދިނުމުން އަތުހަރު ބިންމައްޗަށް ވެއްޓުނެވެ. އެ ދަނޑިވަޅުގައި ފުލުހުން ވަނީ އަތުހަރު ހައްޔަރުކޮށްފައެވެ. އަތުހަރު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ލިބުނު އަނިޔާއަށް ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ނަމަވެސް ފަރުވާއަށްފަހު އޭނާ ދޫކޮށްލި ފަހުން ހޮޑުލާތީ އައިޖީއެމްއެމްއެޗަށް ގެންގޮސް، ހާލަތު އިތުރަށް ބެލުމަށްޓަކައި އެޑްމިޓްކޮށްގެން ފަރުވާދިނެވެ. އެއަށް ފަހު އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުން ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ.

ފުލުހުން ބުނި ގޮތުގައި އަތުހަރު ޑޮކްޓަރަށް ދެއްކުމަށްފަހު، ހަދާފައިވާ މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރު ޓެސްޓްތައް ނޯމަލް ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ނާރުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުންވެސް މައްސަލައެއް ނެތް ކަމާއި ރަނގަޅު ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަތުހަރު، ދެން ގެންގޮސްފައިވަނީ ދޫނިދޫއަށެވެ. ދޫނިދޫގައި ހުއްޓާ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު އޭނާއަށް ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވެއެވެ. އޭނާއަށް ފަރުވާ ދީފައިވަނީ އައިޖީއެމްއެޗުގެ އައިސީޔޫގައެވެ.

އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އާއްމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓައި ފެނުނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ އިރު އޮއްސި 7:02 ގައެވެ. ފުލުހުން ބުނީ ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން މިނެޓެއް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ 8 މިނެޓް ފަހުން އަތުހަރު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި އައިޖީއެމްއެޗު އިމަޖެންސީއަށް އޭނާ ގެންދެވުނީ 7:25 ގައި ކަމަށެވެ.

އަތުހަރު މަރުވީ ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ 16:08 ހާއިރުއެވެ. އަތުހަރު މަރުވުމުން، ފުލުހުން ވަނީ އޭނާ މަރުވި މައްސަލައިގެ ހާއްސަ ތަހުގީގެއް ފަށައިފައެވެ. އަތުހަރުގެ މަރުގެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ތަހުގީގުކުރި އެވެ. އަތުހަރުގެ މަރުގެ ސަބަބު ދެނެގަތުމަށް އޭނާގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފައެވެ. ނަމަވެސް ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ އަތުހަރު މަރުވީ ދަންޖެހިގެން ކަމަށް ދައްކައިފައެވެ.

އަތުހަރުގެ މަރާ ގުޅިގެން، ފާޑުކިޔުން އަމާޒުވުމުން ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ފުލުހުންގެ އިސްވެރިންތަކަކާއެކު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އަތުހަރު ދަންޖެހުނު ވީޑިއޯވެސް އާއްމުކޮށްފައެވެ. ފުލުހުން ދެއްކީ އެޑިޓްވެސް ނުކޮށް ފުޓޭޖުގެ ރޯފައިލެވެ. އެއީ 30 މިނެޓަށްވުރެ ދިގު ފުޓޭޖެކެވެ. އެ ފުޓޭޖުން އަތުހަރު ދަންޖެހުމަށް މަސައްކަތްކުރާ މަންޒަރާއި ފުލުހުން އެ ގޮޅިއަށް ވަދެ އަތުހަރު ސްޓްރެޗާއަކަށް ލައިގެން ދޫނިދޫ ކްލިނިކަށް ގެންދާ މަންޒަރު ފެނެއެވެ.

އަތުހަރުގެ ހަށިގަނޑު ވަޅުލާފައިވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ހުޅުމާލޭ ސަހަރާގައެވެ.