އިބްރާހިމް ޒަކީ
މާދަމަރޭ އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަަމަށް ކުރިމަތިލައްވަންޖެހޭ މެންބަރަކު ކަނޑައެޅުމަށް އެމްޑީޕީން މިރޭ ބާއްވާ ބައްދަލުވުގައި ވޯޓު ލެވޭނީ، އާ މަޖިލީހަށް ހޮވި ވަޑައިގެންނެވި މެންބަރުންނަށް އެކަނި ކަމަށް އެމްޑީޕީން ބުނެފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މަޖިލިސް ރައީސްކަމަށް ކުރިމަތި ލައްވާނެ މެންބަރަކު ކަނޑައެޅުމަށް ދަރުބާރު ގޭގައި މިރޭ 9:30 ގައި ބާއްވާ ޖަލްސާއަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ނޫން ކަމަށާއި އެއީ އާ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުންނަށް ހާއްސަ ކޮށްގެން ބާއްވާ ޖަލްސާއެއް ކަމަށެވެ.
މިފަހަރުގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށްފައިވާ އެމްޑީޕީގެ ފަރާތުން މަޖިލިސް ރައީސްކަމަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން 5 މެންބަރަކު ވަނީ ފާޅު ކުރައްވައިފައެވެ. އެއީ އެ މައްސަލައިގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ، ހިތަދޫ އުތުރު ދާއިރާއަށް ހޮވި ވަޑައިގެންފައިވާ، މުހައްމަދު އަސްލަމް އާއި ވިލުފުށީ ދާއިރާއަށް ހޮވި ވަޑައިގެންފައިވާ، ހަސަން އަފީފުގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްއެވެ.
އަސްލަމާއި އަފީފުގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވަނީ، މަޖިލިސް ރައީސް ކަމުގެ މަގާމަށް އަސްލަމް އަށް ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ނަޝީދު ތާއީދު ކުރައްވާފައިވާތީ، އާއި އަފީފަށް ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވުމާ ގުޅިގެންނެވެ.
މިރޭ ބާއްވާ ބައްދަލުވުމުން މަޖިލިސް ރައީސްކަމަށް ކުރިމަތިލައްވާނެ މެންބަރެއް އެމްޑީޕީން ކަނޑައެޅި ނަމަވެސް މަޖިލީހުގެ ތަޅުމުގައި މަޖިލިސް ރައީސް ކަމަށް ކުރިމަތި ލެއްވުމަކަށް އެއްވެސް މެންބަރަކަށް ގާނޫނީ ހުރަހެއް ނޯންނާނެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި އިސް އެހެން ބޭފުޅުން ފޯނު ނުނަންގަވާތީ މިރޭގެ ބައްދަލުވުމާ ބެހޭ އިތުރު ތަފްސީލެއް ނުލިބުނު ނަމަވެސް "ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ބައްދަލުވުުގައި ވޯޓު ނަގާ ގޮތަށް ހަމަޖެހިފައިވަނީ، އަތް ނަގައިގެންނެވެ.
މިރޭގެ ބައްދަލުވުމުގައި އަތް ނަގައިގެން ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޕާލަމެންޓް ގްރޫޕުުގައި މަޝްވަރާ ކުރުމަށްފަހު ގިނަ މެންބަރުން އެގޮތަށް ތާއީދު ކުރައްވައިގެންނެވެ.