ބޮލީވުޑް

ސަލްމާން ބުނަނީ ކެޓްރީނާ ވާނީ ގެވެހި މަންމައަކަށް ކަމަށް

މަގްބޫލު ބަތަލު ސަލްމާން ޚާން އަދި ބަތަލާ ކެޓްރީނާ ކައިފް ވަނީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. ނަމަވެސް މިހާރު ދެތަރިންނަކީވެސް ގާތް ރަހްމަތްތެރިންނެވެ.

ސަލްމާން އަންނަނީ އިންޑަސްޓްރީގައި ކެޓްރީނާ އަށް ދިމާވާ ކޮންމެ ކަމެއްގައި އޭނާއަށް އެހީވަމުންނެވެ. މީގެ އިތުރުން ލިބޭ ފުރުސަތުތަކުގައި ކެޓްރީނާއަށް ޖެއްސުންކޮށްލުމާއި އޭނާއަށް ވައްބަހުން ޖެހުމަކީ ވެސް ސަލްމާންގެ އާންމު ކަމެކެވެ.

ދެތަރިން އެކީގައި ފެނިގެންދާ ފިލްމު ބާރަތްގެ ޕްރޮމޯޝަނުގެ ތެރޭގައި ސަލްމާނަށް ވަނީ ކެޓްރީނާ އެކްޓަރަކަށް ނުވިނަމަ ދެންވާނީ ކޮން ކަހަލަ މީހަކަށްތޯ ސުވާލު ކޮށްފަ އެވެ. ޖަވާބުގައި ސަލްމާން ބުނީ ކެޓްރީނާ އެކްޓަރަކަށް ނުވި ނަމަ މިހާރު ހުންނާނީ މީހަކާ އިނދެގެން ދަރިއެއް ލިބިފައި ކަމަށެވެ.

ސަލްމާނުގެ މި ޖަވާބަށް ކެޓްރީނާ ވަނީ ވަގުތުން ރިއެކްޓް ކޮށް ޕްރޮފެޝަނެއްގެ ނަން ހާމަކުރުމަށް އެދިފައެވެ. އަނެއްކާވެސް ސަލްމާން ވަނީ ކެޓްރީނާ ވާނީ ވަރަށް ގެވެހި މަންމައެއް ކަމަށް ބުނެފައެވެ.

މީގެ ކުރިން ސަލްމާންވެސް ވަނީ ދަރިއެއް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ. ސަލްމާން ބުނާ ގޮތުގައި ދަރިއެއް ބޭނުންވިނަމަވެސް އެދަރިފުޅު އަންނަނީ މަންމައަކާ އެކީ ކަމުގައިވާތީ އެކަން ކުރަން ބޭނުން ނުވަނީއެވެ. ދަރިއަކަށް މަންމައެއްގެ މުހިންމުކަން އެނގޭ ކަމަށާއި ނަމަވެސް އޭނަ ދަރިއެއް ހޯދިޔަސް އެދަރިފުޅު ބަލަަން ބޮޑު އަވަށެއްގެ މީހުން ތިބި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ކަމުން އެއީ ދެކޮޅަށްވެސް ފައިދާ ކުރާނެ ކަމެއްކަމަށް އޭނާ ބުންޏެވެ. ސަލްމާން ދަރިޔަކު ހޯދުމަށް ވިސްނަނީ ސަރޮގޭޓްކޮށް ކަމުގެ އަޑުތައް ވަނި މީގެ ކުރިން ފެތުރިފައެވެ.

ސަލްމާން އަދި ކެޓްރީނާ ފެނިގެންދާ ފިލްމު ބާރަތް ރިލީސް ކުރަނީ އަންނަ މަހު ފަހެއްގައެވެ.