މުނިފޫހިފިލުވުން

2024 ރިވައިންޑް: އެންމެ މަތީން އާމްދަނީ ހޯދި ބޮލީވުޑް އަދި ހޮލީވުޑް ފިލްމުތައް

2024 ވަނަ އަހަރަކީ ބޮލީވުޑް އަދި ހޮލީވުޑަށް ވެސް ވަރަށް ހާއްސަ އަހަރެކެވެ. މި އަހަރު ތެރޭ ދެއްކި ފިލްމުތަކަކީ މުހިންމު ވާހަކަތަކާއި، ތަރީންގެ ބާރާއި، ޓެކްނޮލޮޖީގެ މިސްރާބު އެއްކޮށްލެވިފައިވާ ފިލްމުތަކެކެވެ. "ސްޓްރީ 2" އިން ފެށިގެން "އިންސައިޑް އައުޓް 2" އާ ހަމައަށް، ފިލްމީ ސިނާއަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު ފިލްމުތަކެއް ދެއްކިއެވެ. ތިރީގައި މި ގެނެސްދެނީ ބައެއް އުސްއަލިތަކެވެ.

ކަލްކީ 2898 އޭ.ޑީ

ޕްރަބާސް ލީޑު ރޯލުން ފެންނަ "ކަލްކީ 2898 އޭ.ޑީ" އަކީ ސައިންސް ފިކްޝަން ޖޯންރާގެ އެޕިކް ފިލްމެކެވެ. މި ފިލްމުގައި ކިޔައިދެނީ ހަލާކުވެފައިވާ މުސްތަގުބަލުގެ ދުނިޔެއެއްގައި ޣައިރު ގާނޫނީ ގޮތުން ފައިސާ ހޯދަން މަސައްކަތްކުރާ ހަނގުރާމަވެރިއެއްގެ ވާހަކައެވެ. މި ފިލްމުގައި ބޮޑެތި ރޯލުތަކުން ފެންނަނީ ޕްރަބާސްގެ އިތުރުން ބޮލީވުޑްގެ ތަރީން ކަމުގައިވާ އަމިތާބް ބައްޗަން، ދީޕިކާ ޕަދުކޯން އަދި ދިޝާ ޕަޓާނީ އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ނާގް އަޝްވިން އެވެ. ވަރަށް ފުރިހަމަ ގްރެފިކްސްތަކާއެކު ބޭރު ގައުމުތަކުގައި ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ދެއްކި މި ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުން ގާތްގަނޑަކަށް 1100 ކްރޯޑު ރުޕީސްގެ އާމްދަނީ ލިބުނެވެ.

ސްޓްރީ 2

ރާޖްކުމާރު ރާއޯ އަދި ޝްރައްދާ ކަޕޫރު ލީޑް ރޯލުގައި ފެންނަ މި ފިލްމަކީ 2024 ވަނަ އަހަރުގެ ބޮލީވުޑް ބްލޮކްބަސްޓަރ ފިލްމުތަކުގެ ތެރެއިން ބޮޑު މަގުބޫލުކަމެއް ހޯދި އެއް ފިލްމެވެ. މި ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުން ގާތްގަނޑަކަށް 850 ކްރޯޑު ރުޕީސްގެ އާމްދަނީ ލިބުނެވެ. ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަމަރު ކައުޝިކްއެވެ. މި ފިލްމަކީ މައްޑޮކް ސުޕަނެޗުރަލް ޔުނިވާސްގެ ހަތަރުވަނަ ބައި އަދި 2018 ވަނަ އަހަރު ނެރުނު "ސްޓްރީ" ގެ ސީކުއަލް އެވެ. ލީޑް ރޯލުތަކުގައި ފެންނަ ތަރީންގެ އިތުރުން މި ފިލްމުގައި ޕަންކަޖް ޓްރިޕާޓީ، އަބިޝެކް ބެނަރޖީ، އަދި އަޕަރްޝަކްތީ ކުރާނާ ވެސް ފެނެއެވެ. މީގެ އިތުރުން ވަރުން ދަވާން ވެސް މި ފިލްމުގައި ހާއްސަ ކެމިއޯއެއް ކުޅެފައިވެއެވެ.

ބޫލް ބުލައްޔާ 3

ކާތިކް އާރްޔަން ލީޑް ރޯލުގައި ފެނުނު "ބޫލް ބުލައްޔާ 2" ސީކުއަލް އަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ އެއް ފިލްމެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަނީސް ބަޒްމީ އެވެ. މި ފިލްމުގެ ލީޑު ރޯލުތަކުގައި ފެންނަނީ މަދުރީ ޑިކްޝިޓް، ވިދްޔާ ބާލަން އަދި ތްރިޕްތީ ދިމްރީ އެވެ. މި ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުން ގާތްގަނޑަކަށް 422 ކްރޯޑު ރުޕީސް ގެ އާމްދަނީ ލިބުނެވެ.

ސިންގަމް އަގެއިން

ރޯހިތް ޝެއްޓީގެ "ސިންގަމް އަގެއިން" އިން އޭނާގެ ބްލޮކްބަސްޓަރ "ކޮޕް ޔުނިވަރސް" ގެ ތަރިކަ ދެމެހެއްޓިއެވެ. އަޖޭ ދޭވްގަން އޭނާގެ މަޝްހޫރު ރޯލު ކަމުގައިވާ ބާޖީރާއޯ ސިންގަމްގެ ދައުރު އަލުން އަދާކޮށް، ފޭނުން ހައިރާންކުރުވި ހައިވޯލްޓޭޖް އެކްޝަން މަންޒަރުތައް ދެއްކިއެވެ. މި ފުރިހަމަ އެކްޝަން ފިލްމުން ދުނިޔޭގެ ބޮކްސް އޮފީހުން ގާތްގަނޑަކަށް 300 ކްރޯޑު ރުޕީސް ގެ އާމްދަނީ ލިބުނެވެ. "ސިންގަމް އަގެއިން" ގައި އަޖޭ ދޭވްގަންގެ އިތުރުން ކަރީނާ ކަޕޫރު ޚާން، އަކްޝޭ ކުމާރު، ޓައިގަރ ޝްރޮފް، ރަންވީރު ސިންގް، އަދި ދީޕިކާ ޕަދުކޯން ފަދަ ތަރިން ވެސް ފެނެއެވެ.

ޕުޝްޕާ 2: ދަ ރޫލް

އައްލު އަރްޖުން ލީޑް ރޯލުން ފެންނަ މި ފިލްމު ނެރުނުތާ އަދި މަހެއްވެސް ނުވަނީސް، މި ފިލްމުން ބޮލީވުޑްގެ އެންމެ ގިނަ އާމްދަނީ ލިބުނު ފިލްމުގެ ތާޖު ހޯދައިފިއެވެ. "ޕުޝްޕާ 2: ދަ ރޫލް" ގެ ރަސްމީ ޕްރޮޑަކްޝަން ހައުސް ކަމުގައިވާ މިތްރީ މޫވީ މޭކަރސްއިން ބުނާ ގޮތުގައި މި ފިލްމުން ދުނިޔޭގެ ބޮކްސް އޮފީހުން ލިބުނު އާމްދަނީ 1700 ކްރޯޑު ރުޕީސް އަށްވުރެ އިތުރުވެއްޖެއެވެ.

ސުކުމާރު ޑައިރެކްޓްކޮށް، މިތްރީ މޫވީ މޭކަރސް އަދި މުއްޓަމްސެއްޓީ މީޑިއާއިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި އައްލު އަރްޖުން، ރަޝްމިކާ މަންދަންނާ، އަދި ފަހަދް ފާސިލް އެ މީހުންގެ ކުރީގެ ރޯލުތައް ކަމުގައިވާ ޕުޝްޕާ ރާޖް، ސްރީވައްލީ، އަދި ބަންވަރު ސިންގް ޝެކާވަތްގެ ދައުރު އަލުން އަދާކޮށްފައިވެއެވެ. އައްލު އަރްޖުން މި ފިލްމުގައި ކުޅެނީ ރަތް ސެންޑުލްވުޑް ވަގަށް ވިއްކާ މީހެއްގެ ރޯލެވެ.

އިންސައިޑް އައުޓް 2

މި ސީކުއަލްއަކީ ބަލާ މީހުންނާ ވަރަށް ބޮޑަށް ގުޅުން ހުރި އަދި ދުނިޔޭގެ ބޮކްސް އޮފީހުން ގާތްގަނޑަކަށް 1.7 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބުނު ފިލްމެކެވެ. މި ފިލްމުގައި ދައްކަނީ ރައިލީ ބޮޑުވަމުން އަންނައިރު ހަށިގަނޑަށް ދިމާވާ އުނދަގޫ ތަކާއި އިހުސާސްތަކާ ކުރިމަތިލާ ވާހަކައެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ކެލްސީ މޭން އެވެ. ފިލްމުގެ މައި ރޯލުތަކުގައި ފެންނަނީ އޭމީ ޕޯލަރ، މާޔާ ހޯކް އަދި ކެންސިންގްޓަން ޓޯލްމަންއެވެ.

ޑެޑްޕޫލް އެންޑް ވޮލްވަރިން

މާވެލްގެ ފިލްމުތައް އެންމެ ގިނަ އާމްދަނީ ލިބޭ ފިލްމުތަކުގެ ވާދައިން އެއްކިބާވެފައެއް ނުހުރެއެވެ. މި ފިލްމުގައި ރަޔަން ރެއިނޯލްޑްސް ޑެޑްޕޫލްގެ ރޯލު އަދާކުރިއިރު، ހިއު ޖެކްމަން ވޮލްވަރިންގެ ރޯލު އަދާކުރި އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޝޯން ލެވީއެވެ. މި ފިލްމުން 1.138 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އާމްދަނީ ލިބުނެވެ.

ޑެސްޕިކަބަލް މީ 4

"ޑެސްޕިކަބަލް މީ" ގައި ފެންނަ މިނިއަން ކެރެކްޓަރުތަކަށް މީހުން ކުރާ ލޯތްބަކީ ގިނަ ފަހަރަށް ޕްރޮޑިއުސަރުންނަށް ފައިދާ ހޯދައިދޭ ކަމެކެވެ. ކްރިސް ރެނޯޑް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައި ކެރެކްޓަރުތަކުގެ އަޑު ދީފައިވަނީ ސްޓީވް ކެރެލް، ކްރިސްޓެން ވިގް އަދި ޕިއޭރް ކޮފިން އެވެ. މި ފިލްމުން ގާތްގަނޑަކަށް 969 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބުނެވެ.

ޑިއުން: ޕާޓް ޓޫ

ޑެނިސް ވިލްނޫވްގެ "ޑިއުން: ޕާޓް ޓޫ" އިން ޕޯލް އެޓްރެއިޑްސްގެ ވާހަކަ އިތުރަށް ފުޅާކޮށް، ނޭވާހިފަހައްޓާލާ ކަހަލަ މަންޒަރުތަކާއި، ސިޔާސަތާއި، އަދި ބާރުގެ މައްޗަށް އަލިއަޅުވާލައި ވަރުގަދަ ވާހަކައެއް ގެނެސްދެއެވެ. މި ފިލްމުން ދުނިޔޭގެ ބޮކްސް އޮފީހުން 714 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އާމްދަނީ ލިބުނެވެ.

މޮއާނާ 2

މި އެނިމޭޓެޑް ފިލްމަކީ ހޮލީވުޑްގެ އެންމެ ގިނަ އާމްދަނީ ލިބުނު ފިލްމުތަކުގެ ލިސްޓަށް އިތުރުވި އެއް ފިލްމެވެ. ޑޭވިޑް ޖީ ޑެރިކް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އޯޝަނިއާގެ ދުރު ކަނޑުތަކުގައި މާޖެރާ ހޯދުމަށް އެދޭ މޮއާނާގެ މައްޗަށެވެ. މި ފިލްމުން 725 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބިފައިވެއެވެ.

*************

2024 ވަނަ އަހަރު ނިމުމާއެކު، އެންމެ ގިނަ އާމްދަނީ ލިބުނު ފިލްމުތަކުގެ ބޮކްސް އޮފީސް ރިޕޯޓުތަކުން ދައްކާ ގޮތުގައި ބަލާ މީހުން ބޮޑަށް ޝައުގުވެރިވަނީ ތަފާތު ވައްތަރުގެ ވާހަކަތަކަށާއި، އިހުސާސްތަކާ ގުޅުން ހުރި އަދި ފެންނަން ރީތި މަންޒަރުތަކަށެވެ.

މި އަހަރު ބޮކްސް އޮފީހުން އެންމެ މަތީ ވަނަތައް ހޯދި ފިލްމުތަކުން ވަރަށް މަތީ މިންގަނޑެއް ކަނޑައަޅާފައިވާއިރު، 2025 ވަނަ އަހަރަށް ބަލާއިރު، ފިލްމު ސިނާއަތުން ބޮޑެތި ފިލްމުތަކެއް ނެރުމަށް ތައްޔާރުވަމުންދެއެވެ. މީގެ ތެރޭގައި ސަލްމާން ޚާންގެ "ސިކަންދަރް"، ރިތިކް ރޯޝަންގެ "ވޯރ 2"، އާމިރު ޚާންގެ "ސިތާރޭ ޒަމީން ޕަރް" އަދި އިތުރު ފިލްމުތައް ހިމެނެއެވެ.