މުނިފޫހިފިލުވުން

2024 ރިވައިންޑް: ޓީވީގެ ބޮޑެތި ހަމަނުޖެހުންތައް، އަނުޕަމާގެ ކާސްޓް ނުކުތުމާއި އާސިމް ރިޔާޒް ބޭރުކުރުން

ޓެލެވިޒަންގެ ދުނިޔެއިން ވަރަށް ގިނަ ޑްރާމާތަކެއް ސްކްރީންގައާއި ސްކްރީނުން ބޭރުގައި މިއަަހަރު ފެނިގެންދިޔައެވެ. މި ގެނެސްދެނީ ޓީވީ ދާއިރާގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކުގެ ކުރު ހުލާސާއެކެވެ.

އަނުޕަމާގެ ކާސްޓުން ކުއްލިގޮތަކަށް ވަކިވުން

ވަރަށް ކާމިޔާބު 4 އަހަރުގެ މުއްދަތަކަށްފަހު، މަގުބޫލު ޝޯއެއް ކަމުގައިވާ އަނުޕަމާގައި ވަންރާޖް ޝާހްގެ ދައުރު އަދާކުރި ނަޓުން ސުދާންޝު ޕާންޑޭ، ޝޯއިން ވަކިވާން ނިންމިކަން އިއުލާނުކުރުން ވެގެން ގޮސްފައިވަނީ ކުއްލި ސިހުމެއް ލިބުނު ހަބަރަކަށެވެ. ޕްރޮޑިއުސަރު ރާޖަން ޝާހީއާ ދެބަސްވުމެއް އުފެދުނު ކަމަށާއި، އޭނާގެ އެކްޓިން ޕާޓްނަރު ރުޕާލީ ގަންގުލީއާ ހަމަނުޖެހުމެއް އުފެދުނު ކަމުގެ ވާހަކަތަކެއް ފެތުރުނެވެ. ނަމަވެސް ސުދާންޝު މި ރިޕޯޓުތައް ދޮގުކުރެއެވެ.

މި ޝޯގެ ސްޓްރޯލީ ލައިން 15 އަހަރަށް ކުރިއަށް ދިއުމާއެކު، ގައުރަވް ކަންނާ، ނިދީ ޝާހް، ކުންވަރު އަމަރު ސިންގް އަދި އެހެންވެސް ބައެއް ތަރިން ޝޯއިން ވަކިވިއެވެ. އޭގެ ތެރެއިން ބައެއް މީހުން ޝޯގެ ނޭދެވޭ މާހައުލަށް އިޝާރާތްކުރިއެވެ. އެންމެ ފަހުގެ ބަދަލެއްގެ ގޮތުން، އޮކްޓޯބަރުގައި ރާހީގެ ދައުރު އަދާކުރުމަށް ތައާރަފުކުރި އެކްޓަރު އަލީޝާ ޕަރުވީންގެ ބަދަލުގައި އަދްރިޖާ ރޯއީ ހޮވިގެންދިޔައެވެ. މިކަން މިހެން ވީ ސަބަބު އެނގިފައެއް ނުވެއެވެ. ނަމަވެސް، މި ޝޯ އަންނަނީ އެންމެ މަތީ ރޭޓިން ހޯދަމުންނެވެ.

ރުޕާލީ ގަންގުލީގެ އާއިލީ ހަމަނުޖެހުންތައް

ރުޕާލީގެ ދޮންދަރިފުޅު، އީޝާ ވަރުމާގެ ފަރާތުން އޭނާއަށް ގިނަ ތުހުމަތުތަކެއް އަމާޒުވިއެވެ. އީޝާ ތުހުމަތުކުރީ ރުޕާލީ އޭނާގެ މަންމަގެ ކައިވެނި ރޫޅާލީ ކަމަށެވެ. އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ރުޕާލީ އޭނާގެ މިހާރުގެ ފިރިމީހާ އަޝްވިން ވަރުމާއާއެކު ކައިވެނިން ބޭރުން ގުޅުމެއް އޮތް ކަމަށެވެ. މިކަމާ ގުޅިގެން ރުޕާލީ އީޝާއަށް 50 ކްރޯޑު ރުޕީސްގެ ދައުވާގެ ނޯޓިހެއް ފޮނުވިއެވެ.

އެ ނޯޓިހުގައި ބަޔާންކޮށްފައި ވަނީ އީޝާގެ އަމަލުތަކުން 'އޭނާ (ރުޕާލީ) ގެ އަބުރަށް ގެއްލުން ލިބި، އޭނާގެ އިއްޒަތަށް އުނިކަން އައިސް، އަދި އޭނާގެ ކެރިއަރަށް ނޭދެވޭ އަސަރުކޮށް، މާލީ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.' މި ކަންތައް މިހެން ހިނގުމާއެކު، އީޝާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ރުޕާލީއާ ގުޅުންހުރި ހުރިހާ ޕޯސްޓުތަކެއް ފޮހެލައި، އޭނާގެ އިންސްޓަގްރާމް އެކައުންޓްވެސް ޕްރައިވެޓް ކުރިއެވެ.

ދަލްޖީތު ކައުރުގެ ރޫޅުނު ކައިވެނީގެ މައްސަލަ

2023 ވަނަ އަހަރު ކެންޔާގައި ވިޔަފާރިކުރާ ނިކިލް ޕަޓެލްއާ ކައިވެނިކުރި އެކްޓަރު ދަލްޖީތް ކައުރު، ވަރަށް އުނދަގޫ ވަރިއެއްގެ މައްސަލައަކާ ކުރިމަތިލާން ޖެހުނެވެ. މިއަހަރުގެ ފެބްރުއަރީ މަހު، އެ ދެމަފިރިން އެކަކު އަނެކަކަށް ސޯޝަލް މީޑިއާގައި ފޮލޯކުރުން ހުއްޓާލައި، އެމީހުންގެ އިންސްޓަގްރާމް އެކައުންޓްތަކުން ޕޯސްޓުތައް ފޮހެލިއެވެ. އޭގެ ފަހުން، އެމީހުން އެކަކު އަނެކަކާ ދެކޮޅަށް ތުހުމަތުތައް ކުރަން ފެށުމާއެކު، ގާނޫނީ ހަނގުރާމައަކަށް މަގުފަހިވެގެންދިޔައެވެ.

ނިކިލް ދަލްޖީތްއަށް ގާނޫނީ ނޯޓިހެއް ފޮނުވައި، ކެންޔާގައި ހުރި އޭނާގެ ގެއިން ދަލްޖީތުގެ ހުރިހާ ތަކެތި ނެރުމަށް އެންގިއެވެ. އޭގެ ފަހުން، ދަލްޖީތު ނިކިލްއާ ދެކޮޅަށް ސްޓޭ އޯޑަރެއް ނެގިއެވެ. މި އޯޑަރުގެ ދަށުން ނިކިލްއަށް ދަލްޖީތުއާއި އޭނާގެ ދަރިފުޅު ޖޭޑަން ގެއިން ނެރުން މަނާކުރެވުނެވެ. އަދި ދަލްޖީތުގެ އެއްވެސް އެއްޗެއް އުކާލުން ވެސް މަނާކުރެވުނެވެ. ދަލްޖީތު ނިކިލްއާ ދެކޮޅަށް އެފްއައިއާރެއް ހުށަހެޅިއެވެ. މި އެފްއައިއާރުގައި ނިކިލްއަށް އަނިޔާވެރިވުމާއި އިތުބާރު ގެއްލުވައިލުމުގެ ތުހުމަތު ކުރެވުނެވެ. އަދި ފަހުން ކައިވެނިން ބޭރުގެ ގުޅުމެއް އޮތް ކަމުގެ ތުހުމަތުތަކެއްވެސް ކުރެވުނެވެ.

އާސިމް ރިޔާޒް 'ކަތްރޯން ކޭ ކިލާޅީ 14' އިން ބޭރުކުރުން

މޮޑެލްކަމުން ރެޕަރަކަށް ބަދަލުވި އާސިމް ރިޔާޒް 'ކަތުރޯން ކޭ ކިލާޅީ' ސީޒަން 14 އިން ވަކިކުރެވުނެވެ. ރޯހިތު ޝެއްޓީ ހޯސްޓްކުރާ މި ސްޓަންޓް ރިއަލިޓީ ޝޯގައި އާސިމް ސްޓަންޓެއް ކުރުމަށް ނުކުޅެދުނެވެ. އަދި އޭނާ ސެޓުގައި ރުޅިއައިސްގެން އުޅޭ ވީޑިއޯއެއް ވައިރަލްވިއެވެ. ބަހުސްތަކެއް ކުރުމަށްފަހު، ކަންތައްތައް ހޫނުވެގެން ދިޔުމާއެކު އާސިމް ޝޯއިން ބޭރުކުރިއެވެ. މި ހަމަނުޖެހުމާ ގުޅިގެން ރިއަލިޓީ ސްޓާގެ އުޅުމާ ބެހޭ ގޮތުން ފޭނުން ދެބައިވެގެން ދިޔައެވެ.

ޖެނިފަރ މިސްޓްރީ، އާސިތު މޯދީއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ މައްސަލަ ކާމިޔާބުކުރުން

މަޝްހޫރު ޓީވީ ޝޯ 'ތާރަކް މެހެތާ ކާ އޫލްތާ ޗަޝްމާ' (ޓީއެމްކޭއޯސީ) ގައި މިސިސް ރޯޝަން ސޯދީގެ ދައުރު އަދާކުރި ޖެނިފަރ މިސްޓްރީ ބަންސިވާލް، މި ޝޯގެ ޕްރޮޑިއުސަރު އާސިތް މޯދީއަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުކޮށް، ފާއިތުވި އަހަރު އޭނާއާ ދެކޮޅަށް އެފްއައިއާރެއް ހުށަހެޅިއެވެ. މާޗު މަހު، މި މައްސަލައިގެ ހުކުމް އިއްވުނީ ޖެނިފަރ އާ އެއްކޮޅަށެވެ. އަސިތުއަށް ޖެނިފަރއަށް 5 ލައްކަ ރުޕީސް ބަދަލުގެ ގޮތުގައި ދިނުމަށް އަމުރުކުރިއެވެ. ޓީއެމްކޭއޯސީގައި ސޯނޫގެ ދައުރު އަދާކުރި އަނެއް އެކްޓަރު ޕަލަކް ސިންދްވާނީ، ޕްރޮޑަކްޝަން ޓީމުގެ ފަރާތުން ނަފްސާނީ ފުރައްސާރައާއި ނުރަނގަޅު ގޮތުގައި މުއާމަލާތްކުރާ ކަމަށް ބުނެ ޝޯއިން ވަކިވިއެވެ.

ޝެހްޒާދާ ދާމީ އަދި ޕްރަތިކްޝާ ހޮންމުކޭ 'ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ' އިން ބޭރުކުރުން

އެކްޓަރުން ކަމުގައިވާ ޝެހްޒާދާ ދާމީ އަދި ޕްރަތިކްޝާ ހޮންމުކޭ އެމީހުންގެ ޓީވީ ޝޯ 'ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ' އިން ވަކިވުމަށް އެންގިއެވެ. ރިޕޯޓުތަކުގައިވާ ގޮތުން، ޕްރޮޑިއުސަރު ރާޖަން ޝާހީ މި އެކްޓަރުން ބޭރުކުރީ އެމީހުންގެ ނުރަނގަޅު އުޅުމާއި، ތަރީންނާ އެކަށީގެން ނުވާ އަމަލުތަކާއި، އަދި ޕްރޮފެޝަނަލް ފެންވަރުގައި ބޭނުންވާ މިންގަނޑުތައް ހާސިލުކުރުމަށް ނުކުޅެދުނު ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ.

ގުރުޗަރަން ސިންގް: ގެއްލުމާއި ފެނުން

އެކްޓަރު ގުރުޗަރަން ސިންގް އޭޕްރިލް 22 ވަނަ ދުވަހު ދިއްލީން ގެއްލި، 25 ދުވަހަށްފަހު އަނބުރާ ގެއަށް އައެވެ. އޭނާ ގެއްލުމުން އޭނާގެ އެކްޓިން ބައިވެރިންނާއި، އާއިލާއާއި އަދި ފޭނުން ކަންބޮޑުވިއެވެ. އެނބުރި އައުމަށްފަހު ފުލުހުންނަށް ދިން ބަޔާނުގައި އޭނާ ބުނެފައިވަނީ އަމިއްލަ އަދި މަސައްކަތުގެ ދާއިރާގައި ދިމާވި ބައެއް މައްސަލަތަކާ ހެދި އޭނާ 'ރޫހާނީ ދަތުރެއް' ކުރި ކަމަށެވެ. އަދި އޭނާ ގެއްލުނީ ދަރަންޏެއް އޮތީމަ ނުވަތަ ލޯނެއް އަނބުރާ ދެއްކޭ ގޮތް ނުވާތީ ނޫން ކަމަށް ބުންޏެވެ. އޭނާ އިތުރަށް ބުނެފައިވަނީ، އަމްރިތުސަރުގެ ގޯލްޑަން ޓެމްޕަލްގައި އޭނާއަށް އިލާހީ ތަޖުރިބާއެއް ކުރެވުނު ކަމަށާއި، އެކަމުގެ ސަބަބުން އޭނާއަށް ގެއަށް އެނބުރި އައުމަށް ނިންމުމަށް އެހީތެރިވެދިން ކަމަށެވެ.