މުނިފޫހިފިލުވުން

ސަލްމާންގެ ފިލްމު ސިކަންދަރްގެ ޓީޒާ ރިލީސްކޮށްފި

މިއަހަރު އޭޕްރީލް މަހު 'ސިކަންދަރް' ފިލްމު އިއުލާނުކުރި ފަހުން، އެއީ ބޮލީވުޑްގައި އެންމެ ބޮޑަށް އިންތިޒާރުކުރެވޭ ފިލްމުތަކުގެ ތެރެއިން އެއް ފިލްމަށް ވަނީ ވެފައެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ސަލްމާން ޚާން އަދި ރަޝްމިކާ މަންދަންނާ އެވެ.

އިއްޔެ މިވަނީ ފިލްމުގެ ރަސްމީ ޓީޒާ ރިލީސްކޮށްފައެވެ. އެ ޓީޒަރުގައި ސަލްމާންގެ އެކްޝަން ފުރިހަމަ ގޮތެއްގައި ދައްކުވައިދެ އެވެ.

1 މިނެޓާއި 41 ސިކުންތުގެ މި ޓީޒާ ފެށެނީ ސަލްމާންގެ ކެރެކްޓަރު، ދެ ފަރާތުގައި ގިނަ ސްޓެޗޫތަކެއް ހުރި ކޮޓަރިއަކަށް ވަންނަ މަންޒަރުންނެވެ. އެ ކޮޓަރީގައި ތަފާތު ބާވަތްތަކުގެ ބަޑިތައް ހުރި ބިއްލޫރި ކަބަޑެއް ހުއްޓެވެ. ކޮޓަރީގައި ހުރީ ބޮޑެތި ކުޑަދޮރުތަކާއި، ޗާންދެލިއާތަކާއި، ބައްތިތަކެވެ. މިކަންކަމުން ކޮޓަރިއަށް ސިއްރުވެރި މާހައުލެއް ގެނެސްދެއެވެ.

ކުއްލިއަކަށް ސްޓެޗޫތައް ހަރަކާތްތެރިވެއެވެ. އެއީ ސިކަންދަރާ ދިމާއަށް ބަޑިތަކާއެކު އަންނަ، ސްޓެޗޫތަކުގެ ސިފައިގައި ފޮރުވިފައި ތިބި ދުޝްމަނުންނެވެ.

"އަޑުއިވޭ ގޮތުގައި ވަރަށް ގިނަ މީހުން ފަހަތުގަ އެބަ އުޅޭ، އެއީ ހަމައެކަނި އަހަރެން އެނބުރުމަގެ އިންތިޒާރުގަ" ފުރަގަސް ދީގެން ހުރެ، ސަލްމާން ފުން އަޑަކުން ބުނެއެވެ.

ހަނގުރާމައެއް ފެށުމާއެކު، ސަލްމާންގެ ސިފަ ހާމަވެއެވެ. ފެހި ޓީޝާޓަކާއި، ނޫކުލައިގެ ޖީންސްއަކާއި، މުށިކުލައިގެ ޖެކެޓެއް ލައިގެން އޭނާ ހުރީ ތުނބުޅިއަކާއި ކަންފަތުގައި ގަހަނާ ވެސް އަޅައިގެންނެވެ. ހަނގުރާމަ އާއި ބަޑި ބޭނުންކުރާ މަންޒަރުތައް ވަރަށް ފެޝަނަބަލްކޮށް ދައްކުވައިދީފައިވެއެވެ. ފޯރިގަދަ މިޔުޒިކެއް ބެކްގްރައުންޑްގައި ޖަހާފައިވާއިރު، ފިލްމުގެ ޓައިޓަލް ލަވައިގެ ބައެއްވެސް ފަހުކޮޅުގައި ދައްކާލާފައިވެއެވެ.

ސަލްމާން އޭނާގެ އިންސްޓަގްރާމްގައި އާ ޕޯސްޓަރެއްވެސް ހިއްސާކުރިއެވެ. އެ ޕޯސްޓަރުގައި އަލިއަޅުވައިލައިފައިވަނީ އޭނާގެ ރުޅިވެރި އަދި ބާރުގަދަ ލޮލަށެވެ.

"އަހަރެންގެ އުފަންދުވަހު ފޮނުވި ހެޔޮއެދުންތަކަށް އެންމެނަށް ޝުކުރިއްޔާ.. ވަރަށް ބޮޑަށް އަގުވަޒަންކުރަން. ސިކަންދަރްގެ ޓީޒާ ކަމުދާނެ ކަމަށް އުއްމީދުކުރަން." ކެޕްޝަންގައި ލިޔެފައިވެއެވެ.

ޓީޒާ އަސްލު ދޫކުރަން ހަމަޖެހިފައިއޮތީ ސަލްމާންގެ 59 ވަނަ އުފަންދުވަސް ކަމަށްވާ 27 ޑިސެމްބަރުގައެވެ. އެކަމަކު އެއް ދުވަހަށް ފަސްކުރެވުނީއެވެ. ފިލްމުގެ އުފެއްދުންތެރިން މި ލަސްވުމާ ގުޅޭ ބަޔާނެއް ހިއްސާކުރިއެވެ.

"މުޅި އިންޑިއާ އަހަރެމެންގެ ކުރީގެ ބޮޑު ވަޒީރު، ޑރ. މަންމޯހަން ސިންގުގެ ވަކިވުމުގެ ހިތާމަ ފާޅުކުރަމުންދާ މި ހިތާމަވެރި ދަނޑިވަޅުގައި، #ސިކަންދަރްޓީޒާ ދޫކުރުން ވަނީ ފަސްކުރެވިފައެވެ."

ސަލްމާނާއި ރަޝްމިކާގެ އިތުރުން، ފިލްމުގެ ކާސްޓުގައި ހިމެނެނީ ސަތިޔަރާޖް، ޕްރަތީކް ބައްބަރު، ކަޖަލް އަގަރުވާލް، އަދި ޝަރުމަން ޖޯޝީ އެވެ. 'ސިކަންދަރް' ޑައިރެކްޓްކުރަނީ އޭއާރް މުރުގަދާސް އެވެ. އަދި ޕްރޮޑިއުސްކުރަނީ ސާޖިދް ނަދިއާދްވާލާ އެވެ. މި އެކްޝަން އެންޓަޓެއިނާ ސިނަމާތަކަށް އަންނާނީ އަންނަ އަހަރުއެވެ.