ގާސިމް އިބްރާހިމް

މަޖިލީހުގެ ތެރެއިން ރައްޔިތުން އުފާވާ ދަރަޖައަށް މަސައްކަތްކޮށްދޭނަން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުން އުފާވާ ދަރަޖައަށް މަސައްކަތްކޮށްދެއްވާނެ ކަމަށް މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސްކަމަށް ގެނައުމަށް ވަނީ ނިންމައިފައެވެ.

އެ ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މަސައްކަތްކުރަމުން ގެންދާނީ ޑިމްކްރެޓިވް އުސޫލުތަކާއި ހަމަތަކާއި އިންތަކާއި މިންތަކުގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން އެ މަސައްކަތްކުރަމުން ގެންދާނީ ޑިމްކްރެޓިވް އުސޫލުތަކާއި ހަމަތަކާއި އިންތަކާއި މިންތަކުގެ ތެރެއިން. ދިވެހިރާއްޖޭގެ ރައްޔިތުން އުފާވާ ދަރަޖައަށް އަޅުގަނޑުމެން އެކަންތައްތައް އިންސާފުވެރިކަމާއެކު ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެންމެ މައިގަނޑު ކަމަކަށް ގުޅިފައިވާ ޕާޓީތަކުން ނެގީ އިންސާފުގެ މަގަށް ހުރިހާ ކަމެއް ވެސް ބަދަލުކުރުން ކަމަށާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމްގެ ވިސްނުންފުޅަކަށް ވާނީ ވެސް އެކަންކަން ކަމަށް ކަށަވަރުވާ ކަމަށެވެ.