އަޔުޝްމަން ކުރާނާ ލީޑުރޯލު އަދާކުރާ އާ ފިލްމެއްގެ މަސައްކަތް ސޫރަޖް ބަރްޖާތިޔާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ، ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި، މި އާއިލީ ފިލްމުގެ މަސައްކަތް ކުރިޔަށްދާއިރު، އަންހެން ލީޑު ރޯލަށް ސާރާ އަލީ ޚާން އަދި ތްރިޕްޓީ ދިމްރީގެ ނަން ވަނީ ހުށަހެޅިފައެވެ. ނަމަވެސް މިހާތަނަށް އެއިން އެކަކުވެސް ފައިނަލްކުރިކަމެއް ނޭނގެއެވެ.
ފަހުގެ ރިޕޯޓެއް ބުނެފައިވާ ގޮތުގައި، ސާރާގެ ޗާމިން ސިފަތަކުގެ ސަބަބުން އޭނާއަކީ ރާޖްޝްރީ ޔުނިވަސްއާ ރަނގަޅަށް ގުޅޭނެ މީހެއް ކަމަށް ބެލެވެއެވެ. ތްރިޕްޓީ 'ބުލްބުލް' އަދި ''ގަލާ' ގައި ދައްކާފައިވާ ޕަފޯމަންސްތަކުން އޭނާއަށް ކެރެކްޓަރަށް އިތުރު ފުންމިނެއް ގެނެސްދެވިދާނެކަން ބައެއް މީހުން ދެކެއެވެ.
އަޔުޝްމަން އާއި ސާރާ އަންނަނީ އާކާޝް ކައުޝިކް ޑައިރެކްޓްކުރާ، އަދި ނަމެއް ދީފައި ނުވާ ޖާސޫސީ ކޮމެޑީ ފިލްމެއްގައިވެސް އެކުގައި މަސައްކަތްކުރަމުންނެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ބަރްޖާތްޔާ ޖަނަވަރީ މަހު މި ދެ އެކްޓްރެސްއާ ބައްދަލުކޮށް "ލުކް ޓެސްޓް" އެއް ހަދާނެއެވެ. އަދި ފައިނަލް ކާސްޓިން ނިންމުމުގައި އަޔުޝްމަން އާއެކު މި ދެ ތަރީންގެ ކެމިސްޓްރީ މުހިންމު ދައުރެއް އަދާކުރާނެ އެވެ.
ސޫރަޖް ބަރްޖާތްޔާ ޑައިރެކްޓަރެއްގެ ގޮތުގައި އެންމެ ފަހުން ހެދި ފިލްމަކީ 'އުންޗާއީ' އެވެ. މި ފިލްމުގައި ދައްކަނީ މުސްކުޅި ތިން ރަހުމަތްތެރިން އެވަރެސްޓް ބޭސް ކޭމްޕަށް ދަތުރެއް ކުރާ ގޮތުގެ ވާހަކައެވެ. މި ދަތުރަކީ އެމީހުންގެ މަރުވެފައިވާ ރަހުމަތްތެރިޔާގެ އެދުމެއް ފުއްދައިދިނުމަށް ޓަކައި ކުރާ ދަތުރެކެވެ. މި ފިލްމުގައި އުޅެނީ ވަރަށް މަޝަހޫރު ތަރީންތަކެކެވެ. އޭގެ ތެރޭގައި އަމިތާބް ބައްޗަން، އަނުޕަމް ކޭރް، ބޯމަން އިރާނީ، ޑެނީ ޑެންޒޮންގްޕާ، ޕަރިނީތީ ޗޯޕްރާ، ނީނާ ގުޕްތާ، އަދި ސާރިކާ ހިމެނެއެވެ.