ކުޑަކުދީންނަށް ކުރާ އަނިޔާ

ފުލުހަކު ކުޑަ ދެ ފިރިހެން ކުއްޖަކާމެދު ބަދު އަހުލާގީ އަމަލު ހިންގި މައްސަލައެއް ބަލަނީ

އިބްރާހިމް ޒަކީ

ފުލުސްމީހަކު ކުޑަ ދެ ފިރިހެން ކުއްޖަކާމެދު ބަދު އަހުލާގީ އަމަލެއް ހިންގި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައަކީ، މާޗްމަހުގެ ތެރޭގައި ހުށަހަޅައިފައިވާ މައްސަލައެއް ކަމަށެވެ.

އަދި ހަމަ އެ ފުލުސްމީހާ އިތުރު ކުޑަ ފިރިހެން ކުއްޖަކާ ބަދު އަހުލާގީ އަމަލެއް ހިންގި މައްސަލައެއް ހުސްވި 2018 ވަނަ ައަހަރުގެ އޮކްޓޫބަރު މަހުގެ 18 ގައިވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުންނާއި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން މިކަމާބެހޭ އިތުރު ތަފްސީލެއް ނުދިން ނަމަވެސް މި މައްސަލައާ ބެހޭގޮތުން ބައެއް މީޑިއާތަކުން ބުނެފައިވަނީ، ކުޑަ ފިރިހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު ކޮށްފައިވަނީ ފިރިހެން ފުލުސް ސާޖަންޓަކަށް ކަމަށެވެ. އަދި އެ ފުލުސް މީހާ މިހާރު ހުރީ ނޯޕޭ ލީވެއް ނަގައިގެން ސްރީލަންކާގައި ކަމަށްވެސް ބައެއް މީޑިއާ ތަކުގައި ބުނެފައިވެއެވެ.