ގާސިމް އިބްރާހިމް

ކުރިޔަށް އޮތް ތަނުގައި މަޖިލިހުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ރަނގަޅުކުރުމަށް ވަނީ ނިންމާފައި: ގާސިމް

ކުރިޔަށް އޮތް ތަނުގައި މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ރަނގަޅުކުރުމަށް ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހީމް މިހެން ވިދާޅުވީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާ ގުޅޭ ފޮތް ނެރުމަށާއި، މަޖިލީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށް އެވެބްސައިޓްގެ ފީޗާތައް ދައްކައިލުމަށް މަޖިލިސް ކުރާ ގޭގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، މެންބަރުންނާއި މަޖިލީހުގެ މުވައްޒަފުން މަޖިލީހުގެ އިދާރާއަށް ވަންނަ އިރު، ސްކްރީން ކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

"އާންމު ކޮމެޓީންވެސް ވަނީ މިހާރު އެކަން ނިންމަވައިދެއްވާފަ. ރައީސުލްޖުމްހޫރިއްޔާއަށް އެކަމުގެ ބަޖެޓު ހޯދުމަށް ވަނީ ދަންނަވާފަ. އެކަންކަން ވަރަށް ފުރިހަމައަށް ކޮށްދެއްވާނެ ކަމުގެ އިޝާރާތް އަޅުގަނޑުމެންނަށް ވަނީ ލިބިފަ." ގާސިމް ވިދާޅުވިއެވެ.

މަޖިލީހުގައި އަލަށް ބެހެއްޓި ކޮންފަރެންސް ސިސްޓަމާއެކު، މަޖިލީހުގެ އިމާރާތްތަކަށްވެސް ކުދިކުދި މަރާމާތު ގެނެސްފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެ ހުރިހާ ބަދަލުތަކެއް ގެނެސްފައިވަނީ މަޖިލިސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނާނެ ގޮތް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށެވެ.