މުނިފޫހިފިލުވުން

2024 ރިވައިންޑް: 2025 ގެ އެންމެ ބޮޑަށް އިންތިޒާރު ކުރެވޭ ބޮލީވުޑްގެ ފިލްމުތައް

2024 ވަނަ އަހަރު ނިމުމަކަށް އައިއިރު، 2025 ވަނަ އަހަރު ސިނަމާތަކުގައި ދައްކާނެ ފިލްމުތަކުގެ ލިސްޓަކަށްވެސް ކިޔުންތެރީން އިންތިޒާރު ކުރާނެއެވެ. ކަންގަނާ ރަނޯޓް، ސަލްމާން ޚާން، އާމިރު ޚާން، އަޖޭ ދެވްގަން، އާލިޔާ ބަޓް، ރިޝަބް ޝެޓީ އަދި ރާމް ޗަރަން ފަދަ ތަރިންގެ ފިލްމުތައް އަންނަ އަހަރު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވިކީ ކައުޝަލް، ކަމަލް ހަސަން، ޕްރަބާސް އަދި ޖާންވީ ކަޕޫރުގެ ފިލްމުތައް ބެލުމުގެ ފުރުސަތު ވެސް ފޭނުންނަށް ލިބިގެންދާނެއެވެ.

އިމަޖެންސީ

ކަންގަނާ ރަނޯތްގެ ފިލްމު "އިމަޖެންސީ" 2025 ވަނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފަށާނެއެވެ. މި ސިޔާސީ ޑްރާމާގައި ކަންގަނާ އަދާކުރަނީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރެވެ. "އިމަޖެންސީ" ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށްފައި ވަނީ ވެސް ކަންގަނާ އެވެ. މި ފިލްމުގައި ދައްކަނީ ކުރީގެ ބޮޑުވަޒީރު 1975 އިން 1977 އަށް 21 މަސްދުވަހުގެ މުއްދަތަށް ތަންފީޒުކުރި ކުއްލި ނުރައްކަލުގެ ހާލަތާއި އޭގެ ފަހުން ދިމާވި ކަންތައްތަކެވެ. މި ފިލްމުގައި އަނުޕަމް ކޭރު، ޝްރެޔާސް ތަލްޕަޑޭ، މަހީމާ ޗައުދަރީ، މިލިންދު ސޯމަން އަދި މަރުވެފައިވާ ސަތީޝް ކައުޝިކް ވެސް ފެނިގެންދާނެއެވެ.

ސިކަންދަރު

އަންނަ އަހަރު ސަލްމާން ޚާން ފެނިގެންދާނީ އޭނާގެ އަންނަން އޮތް އެކްޝަން އެންޓަޓެއިނަރ "ސިކަންދަރު" ގައެވެ. ސާޖިދު ނަޑިއާދްވާލާ ޕްރޮޑިއުސްކޮށް، އޭއާރް މުރުގަދޯސް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އީދުގައެވެ. ފިލްމުގެ ލީޑް އެކްޓްރެސް އަކީ ރަޝްމިކާ މަންދަންނާ އެވެ.

ސިތާރޭ ޒަމީން ޕަރް

އާމިރު ޚާންގެ މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައެވެ. މި ފިލްމަކީ 2007 ވަނަ އަހަރުގެ ފިލްމު "ތާރޭ ޒަމީން ޕަރް" ގެ ސީކުއަލްއެކެވެ. "ތާރޭ ޒަމީން ޕަރް" އަކީ އާމިރު ޚާން ފުރަތަމަ ފަހަރަށް ޑައިރެކްޓްކުރި ފިލްމެވެ. އަދި އެ ފިލްމަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނެވެ. ފަހުން، އާމިރު ޚާން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ "ސިތާރޭ ޒަމީން ޕަރް" އަކީ "ތާރޭ ޒަމީން ޕަރް" ގެ ސީކުއަލްއެއް ނަމަވެސް، އަސްލު ފިލްމުގެ ކެރެކްޓަރުތައް މި އާ ފިލްމުގައި ނުފެންނާނެ ކަމަށެވެ.

އަލްފާ

ޔަޝް ރާޖް ފިލްމްސްގެ ދެން އަންނަ ސްޕައި ޔުނިވާސް ފިލްމުގެ މައިގަނޑު ރޯލުން ފެނިގެންދާނީ އާލިޔާ ބަޓް އާއި ޝަރްވަރީ އެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. މިއީ އަންހެނުން ލީޑްރޯލުން ފެނިގެންދާ ވައިއާރްއެފް ސްޕައި ޔުނިވާސްގެ ފުރަތަމަ ފިލްމު ކަމަށް ވާނެ އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޝިވް ރަވައިލް އެވެ.

ކަންޓަރާ: ޗެޕްޓާ 1

އަންނަ އަހަރު ރިޝަބް ޝެޓީ ފެނިގެންދާނީ ހޮމްބާލޭ ފިލްމްސްގެ ފިލްމެއްގައެވެ. މި ފިލްމު 7 ބަހަކުން ރިލީޒްކުރަން ވަނީ ނިންމާފައެވެ. ފިލްމުގެ ވާހަކައިގެ ހާދިސާ ހިނގާފައިވަނީ މީލާދީން 300 އާއި 401 އާ ދެމެދު، ކަރުނާޓަކާގެ މިހާރުގެ އުއްތަރު ކަންނަޑާ ސަރަހައްދުގައި ކަދަމްބާ ދަރިކޮޅުގެ ވެރިކަމުގެ ދުވަސްވަރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފެންޓަސީ ތްރިލަރ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހުއެވެ.

ޗާވާ

ވިކީ ކައުޝަލްގެ މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. "ޗާވާ" އަކީ މަރާތާ އެމްޕަޔަރު އަދި ޝިވާޖީ މަހާރާޖްގެ ދަރިފުޅު ޗަތްރަޕަތީ ސަމްބާޖީ މަހާރާޖްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ބަޔޯގްރަފިކަލް ޑްރާމާއެކެވެ. ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ވިކީ ކައުޝަލް އަދާކުރަނީ ޗަތްރަޕަތީ ސަމްބާޖީ މަހާރާޖްގެ ދައުރެވެ. އަދި އަކްޝޭ ކަންނާ އަދާކުރަނީ މުޣަލް އެމްޕަރަރު އައުރަންގްޒޭބްގެ ދައުރެވެ. މި ފިލްމުގައި ރަޝްމިކާ މަންދަންނާ ވެސް ބައިވެރިވެއެވެ.

ތަގް ލައިފް

ފޭނުންނަށް ކަމަލް ހަސަން ފެނިގެންދާނީ "ތަގް ލައިފް" ގައި ސިލަމްބަރަސަން ޓީއާރު އާ އެކުގައެވެ. "ތަގް ލައިފް" ސިނަމާތަކުގައި ދައްކަން ފަށާނީ 2025 ވަނަ އަހަރުގެ ޖޫން 5 ވަނަ ދުވަހުއެވެ. މި ފިލްމަކީ ގޭންގްސްޓަރ ޑްރާމާއެކެވެ. "ތަގް ލައިފް" ޑައިރެކްޓްކުރަނީ މަނި ރަތްނަމް އެވެ. އަދި މި ފިލްމު ޕްރޮޑިއުސްކުރަނީ ރާޖް ކަމަލް ފިލްމްސް އިންޓަނޭޝަނަލް އާއި މަދްރާސް ޓޯކީޒް އިންނެވެ. މި ފިލްމުގައި ޖަޔަމް ރަވީ، ތްރިޝާ، އަބިރާމީ އަދި ނާސަރު ބައިވެރިވެއެވެ.

ގޭމް ޗޭންޖަރު

ރާމް ޗަރަން އާއި ކިއާރާ އަދްވާނީ ފެނިގެންދާނީ އެންމެ ބޮޑަށް އިންތިޒާރުކުރެވޭ ފިލްމު "ގޭމް ޗޭންޖަރު" ގައެވެ. އެސް. ޝަންކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ 2025 ގެ ޖަނަވަރީ 10 ވަނަ ދުވަހުއެވެ. މި ފިލްމުގައި އެސް.ޖޭ. ސޫރްޔާ، ނާސަރު، ސުނިލް ޕްރަކާޝް ރާޖް އަދި ޖަޔަރާމް ވެސް މުހިންމު ދައުރުތަކެއްގައި ބައިވެރިވެއެވެ. ރިޕޯޓުތަކުގައިވާ ގޮތުން، މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ސިޔާސީ ދުނިޔޭގެ މައްޗަށެވެ. އަދި މި ފިލްމުގައި ދައްކާނީ ކޮރަޕްޓް ސިޔާސީ މީހުންނާ ދެކޮޅަށް ތެދުވެ، އިންސާފުވެރި އިންތިޚާބުތަކަށް މަސައްކަތްކުރާ އިންޑިއަން އެޑްމިނިސްޓްރޭޓިވް ސަރވިސް (އައި.އޭ.އެސް) އޮފިސަރެއްގެ ވާހަކައެވެ.

ދަ ރާޖާ ސާބް

ޕްރަބާސް ފެނިގެންދާނީ މަރުތީ ޑައިރެކްޓްކުރާ ފިލްމެއްގައެވެ. ޓީ.ޖީ. ވިޝްވަ ޕްރަސާދު ޕީޕަލް މީޑިއާ ފެކްޓަރީގެ ދަށުން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ 2025 ވަނަ އަހަރުގެ އޭޕްރިލް 10 ވަނަ ދުވަހު، ފަސް ބަހަކުންނެވެ. އެއީ ތެލިނގު، ހިންދީ، ތަމަޅަ، ކަންނަޑާ އަދި މަލަޔާޅަމް ބަހުންނެވެ. "ދަ ރާޖާ ސާބް" ގައި މަލަވިކާ މޮހަނަން، ނިދީ އަގަރްވާލް، ރިދީ ކުމާރު، ވަރަލަކްޝްމީ ސަރަތްކުމާރު، ޖިއްޝު ސެންގުޕްތާ އަދި ބްރަހްމާނަންދަމް ވެސް ބައިވެރިވެއެވެ.

ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ

މި ފިލްމުގައި ޖާންވީ ކަޕޫރު، ވަރުން ދަވަން، ރޯހިތް ސަރާފް، ސަންޔާ މަލްހޯތްރާ، އަކްޝޭ އޮބެރޯއި އަދި މަނީޝް ޕޯލް ބައިވެރިވެއެވެ. "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ޑައިރެކްޓްކުރަނީ ޝަޝަންކް ކައިތާން އެވެ. ހިރޫ ޔަޝް ޖޯހަރު، ކަރަން ޖޯހަރު، އަޕޫރްވާ މެހްތާ އަދި ޝަޝަންކް ކައިތާން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ 2025 ވަނަ އަހަރުގެ އޭޕްރިލް 18 ވަނަ ދުވަހުއެވެ.

2025 ވަނަ އަހަރު އިތުރު ގިނަ ފިލްމުތަކެއް ރިލީޒްކުރެވޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަރްހާން އަކްތަރުގެ މިލިޓަރީ އެކްޝަން ފިލްމު "120 ބަހާދުރް" (2025 ނޮވެމްބަރު 21)، "ދޭ ދޭ ޕިޔާރު ދޭ 2" ގައި އަޖޭ ދޭވްގަން، ރަކުލް ޕްރީތް ސިންގް އަދި އާރް މަދަވަން ބައިވެރިވާނެ އެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ. އަޔުޝްމަން ކުރާނާ ބައިވެރިވާ "ތަމާ" ސިނަމާތަކުގައި ދައްކަން ފަށާނީ 2025 ވަނަ އަހަރުގެ ދިވާލީގައެވެ.

ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަދާނީ އާއި އަޖޭ ދެވްގަންގެ ކޮއްކޮގެ ދަރިފުޅު އަމާން ދެވްގަން ބޮލީވުޑަށް ތައާރަފުވާނީ ފިލްމު "އާޒާދު" އިންނެވެ. އަބީޝެކް ކަޕޫރް ޑައިރެކްޓްކޮށްފައިވާ "އާޒާދް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ 17 ވަނަ ދުވަހުއެވެ. މި ފިލްމުގައި އަޖޭ ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.

"ހައުސްފުލް 5" ގައި އަކްޝޭ ކުމާރު، ރިތޭޝް ދެޝްމުކް، އަބިޝެކް ބައްޗަން، ފަރްދީން ޚާން، ޖެކުލީން ފަރްނާންޑެޒް، ސޯނަމް ބަޖްވާ އަދި ނަރްގިސް ފަކްރީ ފަދަ ތަރިން ބައިވެރިވެއެވެ. ތާރުން މަންސުކާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރާނީ 2025 ވަނަ އަހަރުގެ ޖޫން 6 ވަނަ ދުވަހުއެވެ.

ވިވެކް އަގްނިހޯތްރީގެ "ދަ ދެއްލީ ފައިލްސް" ސިނަމާތަކުގައި ދައްކަން ފަށާނީ 2025 ވަނަ އަހަރުގެ އޯގަސްޓް 15 ވަނަ ދުވަހުއެވެ. "ބާޣީ 4" ގައި ޓައިގަރ ޝްރޮފް އާއި ސޯނަމް ބަޖްވާ ބައިވެރިވާނެ އެވެ. އޭ ހަރްޝާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ބޮޑު އިސްކްރީންތަކުގައި ދައްކަން ފަށާނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ. އަދި އަޖޭ ދޭވްގަން ބައިވެރިވާ "ރެއިޑް 2" ސިނަމާތަކުގައި ދައްކަން ފަށާނީ 2025 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހުއެވެ.