މުނިފޫހިފިލުވުން

ކަރަން ޖޯހަރާއި ކާތިގެ މައްސަލަ ނިނުމަކަށް، އެކުގައި ފިލްމެއްގެ މަސައްކަތް ފަށަނީ

2021 ވަނަ އަހަރު، ބޮލީވުޑްގެ ނަންހިނގާ ދެ ތަރީން ކަމުގައިވާ ކާތިކް އާރްޔާން އަދި ކަރަން ޖޯހަރާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. މި މައްސަލައިގެ ސަބަބުން ކާތިކް، "ދޯސްތާނާ 2" އިން ވަކިވެގެން ދިޔައެވެ.

އެހެންނަމަވެސް، މި ހާދިސާއަށް ތިން އަހަރު ފަހުން، މި ދެ ފަންނާނުން އެއް ފިލްމެއްގައި އަލުން މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަން އިއުލާނުކޮށްފިއެވެ. މި ފިލްމަކީ "ތޫ މޭރީ މެއި ތޭރާ މެއި ތޭރާ ތޫ މޭރީ" ގެ ނަމުގައި އުފައްދާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.

މި ފިލްމު އިއުލާން ކުރެވިފައިވަނީ ކާތިކް އާރިޔަންގެ އެކްސް އެކައުންޓް މެދުވެރިކޮށް، ވީޑިއޯއެއް ހިއްސާކޮށްގެންނެވެ. މި ވީޑިއޯގައި ކާތިކްގެ އަޑު އިވޭއިރު، އޭނާ ބުނަނީ ކުރީގެ ތިން ގުޅުން ނިމުމަކަށް އައިސްފައިވާ ވާހަކައާއި، އޭނާގެ ކުރީގެ ލޯބިވެރީންނަށް އޭނާއާ ނުލައި ދިރިއުޅުމަށް ދަތިވެފައިވާ ގޮތުގެ ވާހަކައެވެ. އަދި މިހާރު އޭނާ ޔަގީންކުރާ ގޮތުގައި ހަތަރުވަނަ ގުޅުމުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށެވެ.

މި ފިލްމު ޑައިރެކްޓްކުރާނީ ސަމީރު ވިދްވާންސް އެވެ. ކާތިކް އާރިޔަން ވަނީ ކުރިން "ސަތްޔަޕްރެމް ކީ ޚަތާ" ގައި ސަމީރާ އެކު މަސައްކަތްކޮށްފައެވެ. މި ފިލްމުގެ މައިގަނޑު އަންހެން ދައުރު އަދާކުރާނެ ތަރިޔަކު މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ. ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ކްރިސްމަސްގައެވެ.

މިއީ ކާތިކް އަދި ކަރަން އެއް ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ކުރިން، 2019 ވަނަ އަހަރު ދަރްމާ ޕްރޮޑަކްޝަންސްއިން "ދޯސްތާނާ 2" އިއުލާނުކުރި ނަމަވެސް، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެ މަޝްރޫއު ވަނީ ވަގުތީގޮތުން ހުއްޓިފައެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން، އެކްޓަރާއި ކަރަން ޖޯހަރާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން ކާތިކް ވަނީ ފިލްމުން ވަކިވެސް ވެފައެވެ.

ކާތިކް އެންމެ ފަހުން ފެނިފައިވަނީ "ބޫލް ބުލައްޔާ 3" ގައެވެ. މިއީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމެކެވެ. މި ފިލްމު ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހު 27 ވަނަ ދުވަހުއެވެ. އަނީސް ބަޒްމީ ޑައިރެކްޓްކުރި "ބޫލް ބުލައްޔާ 3" އަކީ "ބޫލް ބުލައްޔާ" ފްރެންޗައިޒްގެ ތިންވަނަ ބައެވެ.