ފީފާ

ޑިއާރާގެ މައްސަލައިގެ ނިންމުމުގެ ސަބަބުން ފީފާގެ ޓްރާންސްފާ އުސޫލަށް ބަދަލުތަކެއް

މުޙައްމަދު ޝަމްޢޫން

ލައްސާނާ ޑިއާރާ ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް (އީސީޖޭ)އަށް ހުށަހެޅި މައްސަލައިގައި ނިންމި ނިންމުމުގެ ސަބަބުން ފީފާގެ ޓްރާންސްފާ އުސޫލުތަކަށް ވަގުތީ ބަދަލުތަކެއް ގެންނަން މަޖުބޫރުވެއްޖެއެވެ.

ޑިއާރާއަކީ ޗެލްސީއާއި އާސެނަލްގެ އިތުރުން ރެއާލް މެޑްރިޑަށް ކުޅުނު ލެޖެންޑަރީ ކުޅުންތެރިއެކެވެ. ފްރާންސް ގައުމީ ޓީމަށްވެސް ކުޅެފައިވާ ޑިއާރާ، 2014 ވަނަ އަހަރުން ފެށިގެން ގާނޫނީ މައްސަލަގަނޑެއްގެ ތެރޭގައި އުޅެފައިވާ އިރު، އެ މައްސަލަ ފެށުނީ އޭނާ އޭރު ކުޅެމުންދިޔަ ލޮކޮމޯޓިވް މޮސްކޯއިން، ކުއްލިއަކަށް އެއްބަސްވުން އުވާލި ހިސާބުންނެވެ.

ޑިއާރާ ލޮކޮމޯޓިވް މޮސްކޯއަށް ކުޅެމުން ގޮސް، އެ ކްލަބުގެ ކޯޗު ލެއޮނިޑް ކުޗުކާ ޖެހުނު މައްސަލައެއްގައި ތަމްރީނުތަކަށް ނުކުންނަން ދެކޮޅު ހަދައި، މުސާރަ ކުޑަކުރަންވެސް ދެކޮޅު ހެދިއެވެ. އެއާއެކު އެ ކްލަބުން އޭނާގެ އެއްބަސްވުން އުވާލީ، އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވައެވެ.

އެ މައްސަލައިގައި ފީފާގެ ނިންމުން 2016 ވަނަ އަހަރު ނިންމީ ކްލަބާ އެއްކޮޅަށެވެ. އެ ނިންމުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ތާއީދުވެސް ކޮށްފައިވާ އިރު، ފީފާގެ ނިންމުމަކީ ޑިއާރާ 10 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށް، ފުޓުބޯޅައިން 15 މަސް ދުވަހަށް ސަސްޕެންޑް ކުރުމެވެ.

އޭގެފަހުން ޑިއާރާ ޗާލެރޯއީ ކިޔާ ކްލަބަކާ ގުޅެން އުޅުމުން، އެ ކްލަބުން ބުނީ ލޮކޮމޯޓިވް މޮސްކޯއަށް ދައްކަން ޖެހޭ ޖޫރިމަނާ ދައްކައިނުދޭނެ ކަމަށެވެ. އޭގެ އިތުރުން އެ ޖޫރިމަނާ އެހެން އޮތުމާއެކު ފީފާއިން ވަނީ ޑިއާރާއަށް އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކޭޓް (އައިޓީސީ) ދޭން ދެކޮޅު ހަދައިފައެވެ.

އެ މައްސަލައިގައި ޑިއާރާގެ ފަރާތުން އީސީޖޭއަށް ހުށަހެޅީ އައިޓީސީ ހިފެހެއްޓުމުން އޭނާއަށް ކްލަބުތަކަށް ބަދަލުވާން ހުރަސް އެޅުނު ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގެ އިތުރުން ކުއްލިއަކަށް އެއްބަސްވުން އުވައިލުމުން ދޭ އަދަބުތަކުގެ ޒިންމާ ދެން ސޮއިކުރާ ކްލަބުން ނަގަން ނުޖެހޭ ގޮތަށް އޮތް އޮތުމަކީ ނާއިންސާފު ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ.

އެ މައްސަލައިގައި އީސީޖޭއިން ހުކުމް ކުރީ ޑިއާރާއާ އެއްކޮޅަށެވެ. އެ ހުކުމުގައި ވަނީ އައިޓީސީ ސިސްޓަމް ބޭނުންކޮށްގެން، ފީފާއަށް ކުޅުންތެރިންގެ ޓްރާންސްފާ ހިފެހެއްޓިގެން ނުވާނެ ކަމަށާއި، އެއްބަސްވުން އުވާލާ ހާލަތްތަކުގައި ކޯޗުންނާއި ކުޅުންތެރިންނަށް ކުރާ ޖޫރިމަނާ ހިސާބުކުރާ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން އެއްބަސްވުން އުވައިލުމުގެ ސަބަބުތައް ހާމަކުރުމުގައި ކުޅުންތެރިންނަށް ލުއި ދޭން ޖެހޭ ކަމަށް އީސީޖޭން ބުންޏެވެ.

އެއާއެކު ފީފާއިން ބުނީ ޔޫރަޕްގެ ކޯޓުން ކުރި ހުކުމާއެކު އެ އިދާރާގެ ޓްރާންސްފާ ސިސްޓަމަށް ވަގުތީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އެ ބަދަލުތައް ދާއިމީކުރުމަށް ސްޓޭކް ހޯލްޑަރުންނާ މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށެވެ. އެ ބަދަލުތަކަކީ ވަގުތީ ބަދަލުތަކަކަށްވުމުން ފީފާއަށް ފާޑު ކިޔުންވެސް މިހާރު އަމާޒުވެފައިވެއެވެ.

ފިފް ޕްރޯއިން ބުނީ ފީފާގެ ނިންމުން ވަގުތުން ވަގުތަށް ދާއިމީ ކުރަން ޖެހޭ ކަމަށާއި، ފީފާއަށް ކޯޓު ނިންމުމާ ދެކޮޅަށް އުސޫލުތައް ނުދެމެހެއްޓޭނެ ކަމަށެވެ.

ލޮކޮމޯޓިވް މޮސްކޯއަށްފަހު ޑިއާރާ ފަހުން ވަނީ މާސޭއާއި އަލް ޖަޒީރާ އަދި ޕީއެސްޖީއަށް ކުޅެފައެވެ. އޭނާ ކުޅުން ހުއްޓާލީ 2019 ވަނަ އަހަރުއެވެ.