މުނިފޫހިފިލުވުން

ރަންބީރު އަދި ދީޕިކާގެ ފިލްމު "ޔޭ ޖަވާނީ ހެއި ދީވާނީ" ގެ ދެވަނަ ބައެއް ނެރެނީ؟

ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން ތަމްސީލުކުރި "ޔޭ ޖަވާނީ ހޭ ދީވާނީ" ފިލްމަކީ ބޮލީވުޑްގެ ޕްރީމިއާ އޯޑިއަންސްގެ މެދުގައި ހާއްސަ މަގާމެއް ހޯދާފައިވާ އުފެއްދުމެކެވެ. މި ކާމިޔާބު ފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް ގިނަ ބަޔަކު އެދެމުން އައިސްފައިވެއެވެ.

ދަރުމާ ޕްރޮޑަކްޝަންސްއިން އެ ކުންފުނީގެ އިންސްޓަގްރާމް ޕްލެޓްފޯމުގައި "ޔޭ ޖަވާނީ ހޭ ދީވާނީ" ފިލްމުގެ ފޮޓޯއެެއް އިއްޔެ ހިއްސާކުރިއެވެ. މި ފޮޓޯގައި ފެންނަނީ ފިލްމުގެ މައިގަނޑު ތަރިންކަމުގައިވާ ރަންބީރު ކަޕޫރު، އަދިތިޔާ ރޯއި ކަޕޫރު، ދީޕިކާ ޕަދުކޯން އަދި ކަލްކީ ކޮއެޗްލިންގެ ފަހަތުން ފެންނަ މަންޒަރެކެވެ. މި ހަތަރު ތަރިން ފަރުބަދައެއްގެ މަތީގައި އުފާވެރިކަމާއެކު ހުއްޓިގެން ތިބޭ މަންޒަރު ފޮޓޯއިން ދައްކުވައިދެއެވެ. ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވަނީ، "ހަމޭނ އިންސޭ ޕިޔާރު ހޯ ޖާއޭގާ... ފިރު ސޭ!" މިހެންނެވެ. އަދި މި ޖުމުލައާއެކު ލޮލުގައި ކަރުނަ ހުރި އިމޯޖީއެއްވެސް ހިމަނައިފައިވެއެވެ.

"ޔޭ ޖަވާނީ ހޭ ދީވާނީ" ގެ ދެވަނަ ބައެއް އުފެއްދުމާމެދު އާންމުންގެ މެދުގައި ފާޅުކުރަމުން އަންނަ ޝައުގުވެރިކަމާއި އުއްމީދު އިންތިހާއަށް ބޮޑެވެ. ނަމަވެސް، ދާދިފަހުން "އާފްޓަ އަވަސް ވިތް އޯލް އަބައުޓް އީވް" އާ އެކު ކުރެވުނު އިންޓަވިއުއެއްގައި، ފިލްމުގެ ޕްރޮމިނެންޓް އެކްޓަރުންގެ ތެރެއިން އެކެއް ކަމުގައިވާ ކަލްކީ ވަނީ މި ވަގުތު ދެވަނަ ބައެއް އުފެއްދުމުގެ އެއްވެސް ޕްރޮޖެކްޓެއް ނެތްކަން ބުނެފައެވެ.

"އެ ޖާދޫ އަލުން އުފެއްދުމަކީ ފަސޭހަކަމަކަށް ނުވާނެ،" ކަލްކީ ބުނެފައިވެއެވެ. އަދި ގިނަ ސީކުއަލްތައް ހުންނަނީ ބަލައިލުމުން ހިތްހަމަ ނުޖެހޭ ފެންވަރެއްގައި ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

2013 ވަނަ އަހަރު ނެރުނު "ޔޭ ޖަވާނީ ހޭ ދީވާނީ" ފިލްމަކީ ހަތަރު ރައްޓެހީންގެ ވާހަކަ ކިޔައިދޭ އުފެއްދުމެކެވެ. މި ހަތަރު ރައްޓެހީންނަކީ ބަންނީ، ނައިނާ، އަދިތީ އަދި އަވީ އެވެ. އަޔާން މުކަރުޖީގެ ޑައިރެކްޝަންގެ ދަށުން އުފެއްދި މި ރޮމޭންޓިކް ކޮމެޑީ ފިލްމުގައި އެކުވެރިކަން، ގާތްކަން، ޒުވާން ފޯރި، ލޯބި އަދި އިންސާނީ ގުޅުންތަކުގެ އެކި ވައްތަރުތައް ތަސްވީރުކޮށްދީފައިވެއެވެ.