ޕޮލިސް

ކުޅުދުއްފުށީ ފިހާރައަކުން ވަގަށްނެގި ފައިސާތަކެއް ހޯދައި ދެމީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ ފިހާރައަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުުހުން ބުނީ، ކުޅުދުއްފުށި ފިހާރައަކުން ވައްކަން ކޮށްފައިވާ ކަަމަށް ބުނެ މެއި 23 ވަނަ ދުވަހުގެ 20:30 ހާއިރު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން 29 އަހަރުގެ މީހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށް ނަަގާފައިވާ ކަމަށް ބެލެވޭ ދެ މޯބައިލް ފޯނާއި މޯބައިލް ފޯނުގެ ސިމްކާޑެއް ވަނީ ފެނިފަވެ. އަދި އެ ފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 3790 ރުފިޔާ އެރަށުގެ ފުށްޓަރު ފަރާތު އަތިރިމަތިން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް 32 އަހަރުގެ މީހާއަށް ދީފައިވާއިރު 29 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.