ޕޮލިސް

ގަވައިދާ ހިލާފަށް ޕާކުކޮށްގެން އިސްޓިކާ ޖަހައިގެން އަރާ ޖޫރިމަނާ، ހަފްތާއަކު ދޮޅުލައްކައަށްވުރެ މައްޗަށް

އިބްރާހިމް ޒަކީ

ހުސްވި ހަފްތާއަކީވެސް ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން މާލެ ސިޓީގައި ގިނަ އުޅަނދު ތަކެއްގައި އިސްޓިކާ ޖެހި ހަފްތާއެކެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އާއްމު ކުރި ހުސްވި ހަފްތާގެ ޓްރެފިކާބެހޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި ހަފުތާގައި، ގަވާއިދާ ހިލާފަށް ޕާކުކުރި ވެހިކަލްތަކުގައި 700 އަށްވުރެ ގިނަ ސްޓިކާ ޖަހާފައިވެއެވެ.

މިމަހުގެ 18 ވަނަދުވަހުން ފެށިގެން 24 ވަނަދުވަހުގެ ނިޔަލަށް ބަލާނަމަ 702 ސްޓިކާ ވަނީ ޖަހައިފައެވެ.

ފުލުހުންގެ މީޑީޔާ އޮފިޝަލް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދު ފަހަރުގައި ފުރަތަމަ ޖަހާ އިސްޓިކާއަަށް ޖޫރިމަނާގެ ގޮތުގައި، 250 ފުރިޔާ ދައްކަންޖެހޭ ކަމަށާއި، ދެވަނައަށް ޖަހާ އިސްޓިކާއަށް 500 ފުރިޔާ ދައްކަން ޖެހޭ ކަމަށެވެ. އަދި އޭގެފަހުން ޖަހާ ކޮންގެ އިސްޓިކާއަކަށް ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ އިތުރުވަމުންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެހެންކަމުން އިސްޓިކާ ޖޫރިމަނާއަށް އަރާ އެންމެ ކުޑަ އަދަދު ކަމުގައިވާ 250 ރުފިޔާއަށް ބަލައިލިޔަސް ޖޫރިމަނާ ފައިސާގެ އަދަދު އެއްލައްކަ ހަތްދިހަ ފަސްހާހަށްވުރެ މައްޗަށް އަރައެވެ. އަދި އެއްފަހަރަށްވުރެ ގިނައިން އިސްޓިކާ ޖަހާފައިވާ އުޅަނދުފަހަރު އޭގެ ތެރެއަށް އެއްކުރެވިގެންގޮސްފިނަމަ ޖޫރިމަނާގެ އަދަދު އެތައް ގުނަ އަކަށް އިތުރުވެގެންދާނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުންނަ އުޅަނދު ފަހަރުގައި ފުލުހުން އިސްޓިކާ ޖަހާއިރު އެއުޅަނދެއްގައި އިސްޓިކާ އެ ޖެހެނީ ކިތައް ވަނަ ފަހަރުކަން ދެނެ ނުގަނެވޭ ކަމަށެވެ.

އެހެންކަމުން ކޮންގެ ހަފްތާއަކުވެސް އިސްޓިކާ ޖަހާއިރު، ބައެއް އުޅަނދު ފަހަރުގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު އިސްޓިކާ ޖެހިފައި ހުންނާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، އެ އުޅަނދެއްގައި އިސްޓިކާ ޖެހިފައި ހުންނަ އަދަދު އެނގޭނީ، ޖޫރިމަނާ ދައްކަން މީރާއަށް ދިޔުމުން ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ރޯދަމަހުގެ 2 ވަނަ ހަފްތާގައި އިސްޓިކާ ޖެހި އަދަދު އުޅެނީ 814 ގައެވެ.