މުނިފޫހިފިލުވުން

އަޔުޝްމާން އާއި ރަޝްމިކާ ފިލްމު "ތަމާ"ގެ ޝޫޓިން ފަށައިފި

އަޔުޝްމަން ކުރާނާ އަދި ރަޝްމިކާ މަންދަންނާ، ބިރުވެރި މަޖާ ފިލްމު "ތަމާ" ގެ ޝޫޓިން ފަށައިފިއެވެ. އަދިތިޔާ ސަތުޕޯދަރު ޑައިރެކްޓުކުރާ މި ފިލްމުގައި ދެ ޒަމާނެއް ފެނިގެންދާނެއެވެ. އެއީ މިހާރުގެ ދިއްލީ އާއި ކުރީގެ ވިޖަޔަނަގަރް ސަލްތަނާތެވެ. މީގެ އިތުރުން މި ފިލްމުގައި ލޭބޯމީހުންގެ ވާހަކަތަކެއްވެސް ހިމެނޭނެއެވެ.

މީޑިއާ ރިޕޯޓުތަކަށް ބަލާއިރު، މި ދެ ތަރިން ވަނީ އެ މީހުންގެ ތައާރަފުގެ މަންޒަރުތައް މުމްބާއީގައި ހުންނަ ޗިތުރާ ސްޓޫޑިއޯގައި ރެކޯޑުކޮށްފައެވެ. މި ސެޓް ފަރުމާކޮށްފައިވަނީ ފިލްމުގައި ފެނިގެންދާނެ ޕަރޭޝް ރާވަލްގެ ކެރެކްޓަރުގެ ދިރިއުޅުމުގެ ގޮތުގައި ބޭނުންކުރާ ދިއްލީގެ އެޕާޓްމަންޓެއްގެ ސިފައިގައެވެ. ޝޫޓިންގެ މަސައްކަތްތައް ކުރިއަށްދަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.

ޝޫޓިން ފެށިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ފަހުން އާ އަހަރުގެ ޗުއްޓީއެއް ޕްރޮޑަކްޝަން ޓީމަށް ލިބޭނެއެވެ. ފިލްމުގެ ޝޫޓިންގެ މަސައްކަތްތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގައެވެ.

ދިއްލީގައި އެއްމަސްދުވަހުގެ މުއްދަތަށް ޝޫޓިންގެ މަސައްކަތްތައް ކުރިއަށް ގެންދާން ވަނީ ރާވައިފައެވެ. އޭގެ ފަހުން، އަންނަ އަހަރުގެ ފެބްރުއަރީ މަހު ޕްރޮޑަކްޝަން ޓީމު އޫޓީއަށް ދަތުރުކުރާން ވަނީ ރާވައިފައެވެ. އެ ތަނުގައި ނަވާޒުއްދީން ސިއްދީގީ ޓީމާ ގުޅޭނެއެވެ. ނަވާޒުއްދީން އަދާކުރާނީ ވަކި ހާއްސަ ސިފަތަކެއް ހުރި އެންޓަގޮނިސްޓްގެ ދައުރެވެ. އޫޓީގެ ތާވަލުގައި ދިގު ޝޫޓިން ސެޝަންތަކެއް ވަނީ ރޭވިފައެވެ. އެއީ ނަވާޒުއްދީންގެ ކެރެކްޓަރު ދިރިއުޅެމުން އައީ ޖަންގަލީގައި ކަމަށް ރިޕޯޓުކޮށްފައިވާތީއެވެ.

'ތަމާ' އަކީ އަނިޔާވެރި މާހައުލެއްގެ ތެރޭގައި ހިނގާ ފޯރިގަދަ ލޯބީގެ ވާހަކައެކެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ދިވާލީގައެވެ.