މުނިފޫހިފިލުވުން

ޕުޝްޕާ 2 ހާދިސާ: އައްލޫ އަރްޖުންގެ ގެއަށް ހަމަލާދީދި

1

ހައިދަރާބާދުގެ ސަންދިޔާ ތިއޭޓަރުގައި ބޭއްވި "ޕުޝްޕާ 2: ދަ ރޫލް" ގެ ޕްރިމިއަގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، އައްލޫ އަރްޖުންގެ ގެއަށް ގެއްލުންތަކެއް ދީފިއެވެ. އިހުތިޖާޖުކުރި ފަރާތްތަކުން ގޮވާލައިފައިވަނީ، އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާއަށް އަރްޖުން އެހީވުމަށެވެ.

އެ ދުވަހު އަރްޖުން އެ ތަނަށް ޒިޔާރަތްކުރުމުން، ހާޒިރުވި ބައިވެރިން ހަލަބޮލިވެ ފިތިގެން، އަންހެނަކު މަރުވެ، އޭނާގެ ޅަދަރިފުޅު ނުރައްކާތެރި ހާލަތެއްގައި ހޮސްޕިޓަލްގައި އެނދުމަތިކުރެވުނެވެ. މި ހާދިސާއާ ގުޅިގެން އަރްޖުން ހައްޔަރުކުރެވި، ވަގުތީ ކަފާލާތުގެ ދަށުން ދޫކޮށްލެވުނެވެ. އޭގެ ފަހުން އޭނާ ވަނީ އެ އާއިލާގެ ކިބައިން މައާފަށް އެދި، އަދި އެ އާއިލާއަށް 25 ލައްކަ ރުޕީސް ދޭނެ ކަމަށާއި، އިތުރަށް އެހީތެރިވެވެން އޮތް ކޮންމެ ގޮތަކުން ވެސް އެހީތެރިވާނެ ކަމަށް ބަޔާންކޮށްފައެވެ.

އަރްޖުންގެ ހައިދަރުއާބާދުގައި ހުންނަ ގެއަށް ހަމާލާދިން ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެއީ އޯޔޫ ޖޭއޭސީ (އޮސްމާނިއާ ޔުނިވަރސިޓީ ދަރިވަރުންގެ ޖޮއިންޓް އެކްޝަން ކޮމިޓީ) ގެ މެންބަރުންނެވެ. އަރްޖުންގެ ބައްޕަ، އައްލޫ އަރަވިންދު، ގޭގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ މި ހަމަލާދިން ފަރާތްތައް ހައްޔަރުކުރެވިފައިވާ ކަމަށެވެ.

ސުކުމާރު ޑައިރެކްޓްކޮށްފައިވާ، އައްލޫ އަރްޖުން، ރަޝްމިކާ މަންދަންނާ އަދި ފަހަދް ފާސިލް ފަދަ ތަރިން ތަމްސީލުކޮށްފައިވާ 'ޕުޝްޕާ 2: ދަ ރޫލް' އަންނަނީ ބޮކްސް އޮފީހުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންނެވެ. ސެކްނިލްކްއިން ރިޕޯޓުކުރާ ގޮތުގައި ފިލްމު ވަނީ އިންޑިއާގައި ތިންވަނަ ހޮނިހިރު ދުވަހާ ހަމައަށް 1000 ކްރޯޑު ރުޕީސްގެ ސާފު އާމްދަނީ ހޯދާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟