ފަރުހާން އަޚްތަރު މައިގަނޑު ދައުރުގައި ފެންނަ މިލިޓަރީ އެކްޝަން ފިލްމު "120 ބަހާދުރް"، އަންނަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު ސިނަމާތަކަށް ނެރުމަށް ހަމަޖައްސައިފިއެވެ.
މި ފިލްމަކީ ރިތޭޝް ސިދްވާނީ އާއި ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓެއިންމަންޓާއި، އަމީތު ޗަންދްރާގެ ޓްރިގަރ ހެޕީ ސްޓޫޑިއޯސް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.
1962 ވަނަ އަހަރު ހިނގި އިންޑޯ-ޗައިނާ ހަނގުރާމައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ '120 ބަހާދުރް' އަކީ އާދަޔާ ހިލާފު ހިތްވަރާއި ގުރުބާނީއެއް ދެއްކި މަޝްހޫރު ރެޒަންގް ލާގެ ހަނގުރާމައިން އިލްހާމު ލިބިގެން އުފައްދާ ފިލްމެއް ކަމަށް މި ފިލްމުގެ ޑައިރެކްޓަރުން ވަނީ ބުނެފައެވެ.
ކަންގަނާ ރަނާއުތްގެ "ދާކަދް" އިން މަޝްހޫރުވެފައިވާ ރަޒްނީޝް ގާއީ އަކީ "120 ބަހާދުރް" ގެ ޑައިރެކްޓަރެވެ.
ފަރުހާން އަޚްތަރު އެކްޓަރެއްގެ ގޮތުގައި އެންމެ ފަހުން ފެނިފައިވަނީ ކުޅިވަރު ޑްރާމާ ފިލްމު "ތޫފާން" (2021) ގައެވެ. ޑައިރެކްޓަރެއްގެ ގޮތުން، އޭނާގެ ކުރިއަށް އޮތް މަޝްރޫއަކީ ރަންވީރު ސިންގް އަދި ކިއާރާ އަދްވާނީ ފީޗަކުރާ "ޑޮން 3" އެވެ.