މިމަހުގެ 4 ވަނަ ދުވަހު "ޕުޝްޕާ 2" ގެ ސްކްރީނިން އަކަށްފަހު ހިނގި ހިތާމަވެރި ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު 9 އަހަރުގެ ސްރީ ތޭޖްއާ، ފިލްމުގެ ޑިރެކްޓަރު ސުކުމާރު ބައްދަލުކޮށްފިއެވެ.
ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި، ޑިރެކްޓަރު ސުކުމާރު މިމަހުގެ 19 ވަނަ ދުވަހު އަނިޔާ ލިބުނު ކުއްޖާއާ ހޮސްޕިޓަލުގައި ބައްދަލުކުރިއެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ ކުއްޖާގެ އާއިލާއާ މަޝްވަރާކޮށް، ކުއްޖާގެ ސިއްހީ ހާލަތާ ބެހޭ މައުލޫމާތު އޮޅުންފިލުވައިފައެވެ. އަދި ކުއްޖާގެ ބައްޕައާ ތަފްސީލުކޮށް ވާހަކަދައްކައި، މި ނުރައްކާތެރި ހާދިސާއާ ގުޅިގެން އޭނާގެ ފުން ހިތާމަ ފާޅުކޮށްފައިވެއެވެ.
"ޑިރެކްޓަރު ސުކުމާރު ވަނީ ހޮސްޕިޓަލުގައި ސްރީ ތޭޖްއާ ބައްދަލުކޮށްފައެވެ. އޭނާގެ އަންހެނުން (ޓަބިތާ) ވަނީ މިމަހުގެ 9 ވަނަ ދުވަހު ސްރީ ތޭޖްގެ ބައްޕައަށް 5 ލައްކަ ރުޕީސް ހަދިޔާކޮށްފައެވެ." ޑިރެކްޓަރުގެ ތަރުޖަމާނު މި މައުލޫމާތު އެކްސް މެދުވެރިކޮށް އާންމުކޮށް ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ހިނގި ދެވަނަ ހަލަބޮލިކަމުގައި އަނިޔާ ލިބުނު އަނެއް ކުއްޖާ މިހާރު ވަނީ ހައިދަރާބާދުގެ އަމިއްލަ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ވެންޓިލޭޓަރުގައެވެ. އޭނާގެ މަންމަ ވަނީ އެ ހާދިސާގައި ނޭވާލުމުގެ ދަތިކަން ދިމާވެ، މަރުވެފައެވެ. މި މަރާ ގުޅިގެން ފިލްމުގެ ލީޑް އެކްޓަރު އައްލޫ އަރްޖުން ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހައްޔަރުކޮށް، ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ.