މުނިފޫހިފިލުވުން

ޝާހިދު އާއި ރަޝްމިކާ އެކުގައި ފިލްމު ކޮކްޓެއިލް 2 އަށް

ޝާހިދު ކަޕޫރު އިތުރު ފިލްމު ޕްރޮޖެކްޓެއްގައި ބައިވެރިވެއްޖެއެވެ. އޭނާ މިފަހަރު ބައިވެރިވެފައިވަނީ 2012 ވަނަ އަހަރު މަގުބޫލުވި "ކޮކްޓެއިލް" ފިލްމުގެ ދެވަނަ ބައިގައެވެ. މި ރޮމޭންޓިކް ކޮމެޑީ ފިލްމު ޕްރޮޑިއުސްކުރާނީ ދިނޭޝް ވިޖަން އެވެ. އޭނާގެ މަގުސަދަކީ މުޅިން އާ ތަރިންތަކަކާއެކު މި ފިލްމު ފްރެންޗައިޒްއަކަށް ތަރައްގީކުރުމެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ޝާހިދު ކަޕޫރު ވަނީ "ކޮކްޓެއިލް 2" ގެ މައިގަނޑު ދައުރަށް ހޮވިފައެވެ. މިއީ ކުރީގެ ފިލްމުގައި ސައިފް އަލީ ޚާން އަދާކުރި ދައުރެވެ. އެ ފިލްމުގައި އޭނާއާއެކު ދީޕިކާ ޕަދުކޯން އަދި ޑަޔާނާ ޕެންޓީ ތަމްސީލުކޮށްފައިވެއެވެ. މި ފިލްމުގެ ބަތަލާގެ ދައުރު އަދާކުރާނެ ތަރީންވެސް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި "ޕުޝްޕާ 2" ގެ ފަންނާނު ރަޝްމިކާ މަންދާނާވެސް ހިމެނެއެވެ.

މި ރޮމޭންޓިކް ކޮމެޑީއަކީ ޝާހިދު އާއި ރަޝްމިކާ ފުރަތަމަ ފަހަރަށް އެއް ފަރުދާއެއްގައި ފެނިގެންދާނެ ފިލްމެވެ. މީގެ ކުރިން، މި ދެ ތަރީން އަނީސް ބަޒްމީ ޑައިރެކްޓްކުރާ ޑަބަލް-ރޯލް ކޮމެޑީއެއްގައި ބައިވެރިވާ ކަމުގެ ހަބަރުތަކެއް ފެތުރުނެވެ. ނަމަވެސް ބަޖެޓާ ގުޅުން ހުރި ދަތިތަކެއްގެ ސަބަބުން އެ މަސައްކަތް ކުރިއަކަށް ނުގެންދެއެވެ.

މަސައްކަތުގެ ރޮނގުން ބަލައިލާރު، ޝާހިދު ވަނީ އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓަށް ތައްޔާރުވަމުން އަންނަކަމަށް ބުނެފައެވެ. އެއީ 1990 ގެ އަހަރުތަކުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ގޭންގްސްޓާ ޑްރާމާ "އަރްޖުން އުސްތާރާ" އެވެ. މި ފިލްމުގައި ތްރިޕްޓީ ދިމްރީވެސް ބައިވެރިވާނެއެވެ. ޑައިރެކްޓްކުރާނީ ވިޝާލް ބަރްދްވާޖް އެވެ. މީގެ އިތުރުން ވިޝާލްގެ އަނެއް ފިލްމު "ދޭވާ" ގައިވެސް ފެނިގެންދާނެއެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

އަނެއްކޮޅުން ރަޝްމިކާ އަންނަނީ އައްލޫ އަރްޖުންއާއެކު "ޕުޝްޕާ 2" ގެ ކާމިޔާބީގައި ކުރިއަރަމުންނެވެ. އޭނާ ސަލްމާން ޚާންއާއެކު "ސިކަންދަރު" ގައިވެސް ތަމްސީލުކުރާނެ އެވެ. އަދި "ކުބޭރާ"، "ދަ ގަރލްފްރެންޑް" އަދި "ތާމާ" ފަދަ ދެކުނު އިންޑިއާގެ ފިލްމުތަކުންވެސް ފެނިގެންދާނެއެވެ.